(ހއ. ކެލާ) އަތްތެރި މަސައްކަތޭ ބުނުމުން ވިސްނުމަށް އަންނާނީ ލަކުޑިން ކޮށައި މަށައިގެން ހަދާ ތަކެތީގެ މަސައްކަތެވެ. ނަމަވެސް މިއަށްވުރެ މި މަސައްކަތް މާ ބޮޑަށް ވެސް ވަނީ ފުޅާވެފައެވެ. ލަކުޑި އާއި ރުކުގެ އެހެނިހެން ބައިބައިންވެސް ތަކެތި ހަދައެވެ. މިޒަމާނުގައި މިފަދަ އަތްތެރި މަސައްކަތް ކުރާ މީހުން މަދެވެ.
ލަކުޑިން ހަދާފައި ހުންނަ ތަކެއްޗަށް މިޒަމާނުގައި ވެސް ބޮޑު ޑިމާންޑެއް އޮވެއެވެ. ގޭގައި ހިފައި ގެންގުޅޭ ތަކެތިން ފެށިގެން ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަކެއްޗާއި މިސްކިތް ފަދަ މުހިންމު ތަންތަނުގައި ޒީނަތްތެރިކޮށް ބަހައްޓާފައި ހުންނަ ތަކެތިވެސް މި މަސައްކަތް ކުރާ މީހުން ހަދައެވެ. އަދި ރީތި ފަރުމާތަކަށް ދޮރުގެ ބައިތަކާއި ފާރުގައި ހަރުކުރާ އެކިވައްތަރުގެފްރޭމްތައް ވެސް ހަދައެވެ.
ހއ. ކެލާ އަކީ އާބާދީ ބޮޑު ރަށެއް ނޫނެވެ. ރަށުގެ ގިނަ މީހުންނަށް ރަށުގައި ތިބި ހާއްސަ ހުނަރުތައް ހުންނަ މީހުން އެނގެއެވެ. ކެލާ މުހައްމަދު ފަހުމީ، 47 އަހަރަކީ އެތައް އަހަރެއްވަންދެން އަތްތެރި މަސައްކަތުގައި ބުރަކޮށް އުޅޭ ހުނަރުވެރި މީހެކެވެ. އޭނާގެ މަސައްކަތް ރަށުގެ އެކި ހިސާބުތަކުން ފެންނަން އެބަ ހުއްޓެވެ. އޭނާ އަކީ ރަށުގެ މީހުން ގަދަރުކުރާ އަދި އެމީހަކަށް ކެލާ ފަހުރުވެރިވާ ފަދަ ހުނަރުވެރިއެކެވެ.
މުހައްމަދު އަތްތެރި މަސައްކަތުގެ ދާއިރާ އަށް ވަދެވު ނުގޮތް ކިޔައިދެމުން އޭނާ ބުނީ އެ ދާއިރާއަށް ފުރަތަމަ ވަދެވުނީ ރެޑް ކޮރްސް އިން މީގެ އަހަރުތަކެއް ކުރިން ހިންގި ޕްރޮގްރާމެއްގެ ތެރެއިން ކަމަށެވެ.
މިއާ އެކު އަތްތެރި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދިގެން ދިޔައެވެ. އޭނާ ބޮޑަށް ޝައުގުވެރިކަން ހުންނަނީ އަރަބި ކެލިގްރަފީގެ މަސައްކަތަށެވެ.
ހުނަރުވެރި މުހައްމަދު ލަކުޑި ބޭނުންކޮށްގެން ގުރުއާނުގެ އަކުރުތައް ކޮށައި މަށާފައި އާޔަތްތައް ލިޔެ ކެލާގެ މިސްކިތްތަކުގައި ބަހައްޓާފައި އެބަހުއްޓެވެ. ފޫހިކަމެއް ނެތި އަމިއްލަ އަތުން މިގޮތަށް އަކުރުތައް ކޮށައި ނަގާއިރު މިއީ މިކަމުގެ ހުނަރު ހުރެގެން ނޫނީ ނުވާނެ މަސައްކަތެކެވެ. މިއީ މިކަމަށް ވަރަށް ސަމާލުކަންދީ ވަރަށް ކެތްތެރިކަމާއެކު ކުރެވޭނެ މަސައްކަތެކެވެ. މުހައްމަދުގެ މަސައްކަތްތަކުން އޭނާ މިކަމަށް ހުރި ލޯތްބާއި އޭނާގެ ހުނަރު ވަރަށް ބޮޑަށް ހާމަވެއެވެ.
ހިތާމައަކީ މި މަސައްކަތް ކުރިޔަށް ގެންގޮސް ފުޅާކުރުމަށް އެއްވެސް މަސައްކަތެއް ކުރެވޭނެ ގޮތެއް ނެތުން މުހައްމަދު ބުންޏެވެ. ވިޔަފާރީގެ ގޮތުގައި ކުރާ މި މަސައްކަތް ފުޅާކުރުމަށް ބޭންކުން ލޯނު ނެގިކަމުގައި ވިޔަސް މި ވިޔަފާރި ކުރިޔަށް ގޮސްދާނެ ކަމުގެ ޔަގީންކަމެއް ނެތްނަމަ ލޯނު ދެއްކޭނެ ގޮތެއް ވެސް ނޯވެއެވެ. އަދި ބޮޑު އާއިލާ އެއް ގެންގުޅޭ ފަރާތެއް ނަމަ އެއީވަރަށް ދަތިކަމަކަށް ވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.
މިއީ އަބަދު ލިބޭ މަސައްކަތަކަށް ނުވާއިރު މިހާރު ފަސޭހައަކަށް މީހުން ގެ ޒީނަތް ކުރުމަށް މިފަދަ ތަކެތި ގެންނަނީ ބޭރުންނެވެ. ނުވަތަ ބޭރުން ގެނެސް ފިހާރައަކަށްލުމުން އެ ގަންނަނީއެވެ. އޭގެ ސަބަބުން މުހައްމަދު ފަދަ ހުނަރުވެރި މީހުންނަށް ކުރިޔަށް ދިއުމަށް އުނދަގޫވެއެވެ. ބޮޑު ޗެލެންޖަކަށް ވެއެވެ.
ކުދި ދޯނިފަހަރު، ރާޒުވާ ކުޅިބައި، ކައިވެނީގެ ރަން ހެދުމާއި ބައްތެލި ވެސް މުހައްމަދު ހަދާ އުޅެއެވެ. ކެލާގައި މި ތަކެތި ފަތުރުވެރިންނަށް ވިއްކަމުން ދިޔަނަމަވެސް ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން މަދުވެ މި މަސައްކަތަކަށް ވެސް ވަނީ ބުރޫ އަރާފައެވެ. އަދި ރަށުން މިތަކެތި ބޭރުކުރެވޭނެ ގޮތެއްނެތުމުން އެއީވެސް ވަރަށް ކަންބޮޑުވާ އެއްކަން ކަމަށް އޭނާ ފާހަގަ ކުރެއެވެ.
ކައިވެނީގެ ރަން ފިލާ ހަދާފައިވާއިރު އޭގައި ތަތްކޮށްފައިވާ ފައިސާގެ ފޮޓޯކޮޕީ ފިޔަވައި ދެން ހުރި ހުރިހާ އެއްޗެއް ހަދާފައި ހުންނަނީ މުހައްމަދުގެ އަތުންނެވެ. އޮރިމަސް ވަކަރުން ހަދާފައިވާ މިމަސައްކަތަކީވެސް ބަލާލުމަށްވެސް އެހާމެ ރީތި އެއްޗެއްކަން ފާހަގަ ކުރެވެއެވެ. އަދި އެއްވެސް މެޝިނެއް ބޭނުން ނުކޮށް މިފަދަ މަސައްކަތް ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ.
ސަތާރަ އަހަރު ވަންދެން އަތްތެރި މަސައްކަތް ކުރަމުން އަންނަ މުހައްމަދު މި މަސައްކަތް ކުރަނީ ގޭގައި ވަކިން ހަދާފައި ހުންނަ ތަނެއްގައެވެ. އޭނާ މިކަން ކުރަނީ ޒަމާނީ އާލާތްތައް ވެސް ބޭނުންކޮށްގެންނެވެ. ޒަމާނީ އާލާތްތައް ބޭނުންކުރަނީ ރާޒުވާ ކުޅިބައިފަދަ ދިގަށް ވަށްކޮށް ހުންނަ ތަކެތި ހެދުމަށެވެ. އަކުރުތައް ހަދަނީ އަބަދުވެސް ކަޓަރެއްގެ އެހީގައި އަމިއްލަ އަތުންނެވެ.
މުހައްމަދު ބުނީ އޭނާ ހުރިހާ މަސައްކަތެއް ވެސް ކުރަނީ މީހަކު ބުނެފާނެ އެއްޗަކަށް ބަލައިގެން ނޫންކަމަށެވެ. ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރުމަށް އަބަދުވެސް މަސައްކަތް ކުރާކަމަށް އޭނާ ބުންޏެވެ. އެއީ ކޮންމެ މީހެއް ކަމަށްވިޔަސް އެމީހަކު ހިތްއެދޭ ގޮތަކަށް އެ މަސައްކަތެއް ކުރެވޭތޯ އަބަދުވެސް މަސައްކަތް ކުރާކަމަށް އޭނާ ބުންޏެވެ.
މުހަންމަދު ފަހުމީ، އުމަރަށް ވީގޮތެއް ފުރަތަމަ ބަލަންވީ
ކުދި ދޯނިފަހަރުގެ ފޮޓޯލީ ނަމަ ދޯ
މޮޅު.
ތީ ހަމަ ކެލާގެ ފަހުރެއް. ތި ވަރު އިތުރު ހުނަރުވެރިއެއް ކެލާގަ ނުހުންނާނެ. ވަރަން ހިތްހެޔޮވާނެ ފަހުމީ. އާމީން
އަސްލުވެސް ވވވވވވ ތފާތު މީހެއް. ވަރަސް ހިންހެއު.