ރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނާ ޚިލާފަށް ޣައިރު ހާޒިރުގައި އަދި ރަސްމީ ބަންދު ދުވަހެއްގައި ހުރިހާ އެކައުންޓުތައް ފްރީޒް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރާއި ދެކޮޅަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ހިއްސާ ގަތުމަށްވީ އެއްބަސްވުމެއްގެ ދަށުން، ރިސޯޓު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދައްކަން ޖެހޭ ފައިސާއެއް ނުދީ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އޭނާގެ ބޭންކު އެކައުންޓުތައް ވަނީ ފްރީޒްކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން ޖާބިރު 750،000 އެމެރިކާ ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެއިން މިހާތަނަށް އަދާކޮށްފައިވަނީ 100،000 އެމެރިކާ ޑޮލަރު ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ. އަދި ބާކީ ނުދައްކާ 600،000 އެމެރިކާ ޑޮލަރު ހޯދުމަށް ވަނީ އެދިފައެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމަރުގައި ވަނީ، ކޯޓުގައި އޮތް މައްސަލަ ނިމެންދެން ޖާބިރުގެ ނަމުގައިވާ ބޭންކު އެކައުންޓުތަކުގެ އިތުރުން އޭނާގެ މަސްލަހަތު ހިމެނޭ ބައެއް ކުންފުނިތަކާއި ރިސޯޓު ވިޔަފާރިއާ ގުޅޭ އެކައުންޓުތަކެއް ފުރީޒުކުރުމަށް އަންގައިފައެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ޓްރެވެލް ކޮންސަލްޓެންޓް ޕްރައިވެޓް ލިމިޓެޑާއި، ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް ހިމެނެއެވެ.

އެ އެކައުންޓުތަކުގައި 600،000 ޑޮލަރު ހިމެނޭނަމަ، އެ އަދަދަށް ފްރީޒް ކުރުމަށް އަދި އެ އަދަދަށް ވުރެ ކުޑަ އަދަދެއް ހިމެނޭ ނަމަ، އެ އަދަދު އެއްކޮށް ފްރީޒް ކުރުމަށް ވަގުތީ އަމުރުގައިވެއެވެ.

މިކަމާއި ގުޅިގެން ޖާބިރު "ވަގުތު"އަށް ވިދާޅުވީ، މިއީ ސިވިލް ކޯޓުގެ ޤާޒީން ރިޝްވަތަށް ކޮށްފައިވާ ކަމެއް ކަމަށާއި އޭނަގެ ޣައިރު ހާޒިރުގައި އެފަދަ ހުކުމެއް ނުކުރެވޭނެ ކަމަށެވެ.

"ކުންފުންޏަށްވީ ގެއްލުމުގެ ޒިންމާވެސް ނަގަންޖެހޭނެ. ޖުޑީޝަރީއިން މިކަމުގެ ޒިންމާ އުފުލަން ޖެހޭނެ. ޤާނޫނު އަސާސީ އާއި ޤާނޫނުގައި އޮންނަ ގޮތުން ދެމީހުން ހާޒިރު ކުރަން ޖެހޭނެ. އެއްވެސް ރިޕޯޓެއް ކުރުމެއްނެތި ބަންދު ދުވަހެއްގައި ތިކަން ކުރީ ރިޝްވަތު ނަގައިގެން ކަމަށް އަޅުގަނޑު ތުހުމަތު ކުރަން. އަދި ތިކަމުގައި ޖުޑިޝަރީ ކޮމެޓީ އާއި ހިސާން ހުސައިން އަދި ޖުޑިޝަލް ކޮމިޝަނުގެ ރައީސްވެސް އެންގޭޖް ކުރާނަން." ޖާބިރު ވިދާޅުވިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވެސް ހުށަހަޅާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި އެކައުންޓުތައް ފްރީޒް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދޭން ޖެހޭނެ ކަމަށާއި ޤާނޫނާ ޚިލާފަށް ޖާބިރުގެ ޣައިރު ހާޒިރުގައި އެ އަމުރު ނެރުނު ޤާޒީ ވެސް ހައްޔަރުކުރުމަށް ޖާބިރު ވަނީ ގޮވާލާފައެވެ.

ޖާބިރު ވިދާޅުވީ 17 ފެބްރުއަރީ 2024 ވީ ހޮނިހިރު ދުވަހު އެ އަމުރު ނެރުނުކަން އޭނައަށް އެނގުނީ މީޑިއާއިން ކަމަށާއި މި އަމުރާއި ގުޅޭ ލިޔެކިޔުންތައް ލިބުނީ މިއަދު ކަމަށެވެ.

"ދިވެހިރާއްޖޭގެ ހުރިހާ ޤާނޫނުތަކާއި ޤާނޫނުލް އުޤޫބާތާއި މަދަނީ އިޖުރާއަތްތަކާއި ޚިލާފަށް އޭނާ ހުކުމް ކުރީ. އަދި އެއްވެސް ޝަރީއަތެއް ކުރާއިރު، އިސްލާމީ ޝަރީއަތުން ބަލާއިރުވެސް ދެފަރާތް ހާޒިރުކޮށްގެން ދެފަރާތަށް އަމުރުކޮށްގެން ނޫނީ އެކަމެއް ކޮށްގެން ނުވާނެ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ އެ އަމުރު ނެރުނު ޤާޒީ ވަގުތުން ވަގުތަށް ހައްޔަރުކުރުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޭބަލޭ

    މާލަސްވެސްވެއްޖެ، މީނައަކީ ސަރުކާރު މުއައްސަސާތަކަށާއި އަމިއްލަ ފަރުދުންނަށާ އަދި އެތައްބަޔަކަށް ދަރާ، ދަރަނި އަދާނުކުރާމިާހެއް. އަދި ވަރަށް ބޭއަދަބީ ބަހުރުވަހުންނަމީހެއް.

    15
    1
  2. އަލޮމް މިއާ

    ޖާބިރާއި އެ ކޯޓު
    މިސޮރަށް މިނޫން ގޮތެއް ނެތްކަންނޭގޭ
    ދޭތެރެ މެދުން ކޯޓަށް ދާންޖޭ

    13
    1
  3. ހިކި ކިރު

    ފިސާރި ފިރިހެނެއް މިހިރީ! ޤައުމުގެ ވެރިކަން ހަވާލު ކުރަން ފެނޭ!