ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި 99 މައްސަލައެއް ނިންމާފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކޯޓުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ހަތަރު މަހު އެކޯޓަށް ހުށަހަަޅާފައިވަނީ 73 މައްސަލައެވެ. އޭގެ ތެރެއިން ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވަނީ 57 މައްސަލައެކެވެ. 36 މައްސަލަ ކޯޓުން ވަނީ ބަލައި ނުގަންނަން ނިންމާފައެވެ.

މިއަހަރުގެ ފުރަތަމަ ހަތަރު މަހު ހައިކޯޓުން 99 މައްސަލައެއް ބަލައި ނިންމިއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު އެ ކޯޓުން ވަނީ 132 މައްސަލައެއް ބަލައި ނިންމާފައެވެ. އެހެން ކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު، ދަށް އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ހަތަރު މަހު ހައިކޯޓުން ނިންމި މައްސަލަތަކުގެ ތެރޭގައި ޖިނާއީ 37 މައްސަލަ، މަދަނީ 35 މައްސަލަ، ވަޒީފާއާއި ބެހޭ 22 މައްސަލަ، އާއިލީ ކަންކަމާއި ގުޅޭ 2 މައްސަލަ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާއި ގުޅޭ 2 މައްސަލައިގެ އިތުރުން ދުސްތޫރީ 1 މައްސަލަ ހިމެނެއެވެ.

މި މައްސަލަތަކުގެ ތެރެއިން ޖެނުއަރީ މަހު އެ ކޯޓުން 26 މައްސަލައެއް ބަލައި ނިންމާފައިވާއިރު، ފެބްރުއަރީ މަހު 43، މާޗް މަހު 13 އަދި މިދިޔަ އޭޕްރިލް މަހު އެކޯޓުން ވަނީ 17 މައްސަލައެއް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ހައިކޯޓްގައި މިހާރު ނުނިމި އޮތީ ކިތަކެއް މައްސަލަތޯ ؟

  2. ކިޔު

    ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދަށާއި ނިންމި ތި އަދަދަށް ބަލާއިރު ވަރަށް ދަށް އަދަދެއް ތިޔައީ! ސެކްޝަނަކުން މަހަކު ނިންމިފައި ތިއޮތީ 2 މައްސަލަ. ތަންކޮޅެއް ރަނގަޅުކުރޭ!