ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ދައުވާލިބޭ މީހަކު ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި އަދި އެ މީހާ ވަގުތީ ގޮތުން ބަންދުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

2017 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ގްރޫޕަކުން ގޮސް ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބަަލައި ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ. އަދި މި މައްސަލަ ކްރިިމިނަލް ކޯޓުން ބަލައި ޙުކުމް ކޮށްފައިވަނީ އިބްރާހީމް ސައްމާޙް އަޙްމަދު ފަތުހީގެ މައްޗަށް ކުރެވުނު ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާކަމަށެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޙުކުމް ކުރުމުން، ދައުލަތުން ވަނީ އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ހައިކޯޓުން މައްސަލަ ބަލައި ނިމެންދެން އޭނާ ބަންދުކުރުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން އެދުމުން ހައިކޯޓުން ފާހަގަ ކޮށްފައިވަނީ ތުހުމަތު ކުރެވޭ ކުށާ ގުޅާ ހާލަތްތައް ފިޔަވައި، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް އިތުރު ސަބަބެއް ދައުލަތަށް ބަޔާންކޮށްދެވިފައިނުވާ ކަމަށެވެ.

އެހެންކަމުން އޭނާ ބަންދުކުރަންޖެހޭ ހާލަތެއް މިވަގުތު ނެތް ކަމަށް ހައިކޯޓުން ހުކުމް ކުރިއެވެ.

އެ މައްސަލަ ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކޮށްފައިވަނީ ހައިކޯޓުގެ ޙުކުމްގައި ދައުލަތުން ފާހަގަކޮށްފައިވާ ސައްމާހުއާ ދެކޮޅަށް ހުރި ހެކިތަކަށް ރިއާޔަތް ކޮށްފައި ނުވާކަމަށާއި އަދި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެހެންކަމުން ހައިކޯޓުގެ ޙުކުމް ބާތިލްކޮށް، އިބްރާހީމް ސައްމާޙް އަކީ ހައިކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން 7 ދުވަހުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅަންދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. މި ބެންޗުގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނެވެ.