2017 ވަނަ އަހަރު މާފަންނު އައިޓަމްސް ފިހާރަ ކައިރީ މޫސާ އަހުމަދުގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދާ މެދު ހައިކޯޓުން ގޮތެއް ނިންމަން، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މުއްދަތެއް ނެތް އަމުރެއް ވެސް އެބައޮތް ކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު ބުނެފިއެވެ.

ސައްމާހުގެ ބަންދާ ގުޅިގެން މި މަހުގެ 9 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ގަޟިއްޔާގެ "ހުކުމް"ގައި ބަޔާން ކޮށްފައި އޮތީ "މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އެ މައްސަލަ ބަލާ ފަނޑިޔާރުން ކަނޑައަޅަންދެން، އިބްރާހިމް ސައްމާހް އަހްމަދު ފަތުހީ ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން އަމުރުކޮށްފީމެވެ" މި ފަދައިންނެވެ.

7 ދުވަހުގެ ތެރޭގައި އޭނާ އަކީ ހައިކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން ކަނޑައަޅަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައި ވީ ނަމަވެސް މި މަހުގެ 16 ވަނަ ދުވަހު މި މުއްދަތު ހަމަވިއިރުވެސް ހައިކޯޓުން ބަންދާމެދު ގޮތެއް ކަނޑައާފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގައި ގައިޟިއްޔާ ނިމުނު ގޮތުގައި 7 ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވީނަމަވެސް ހައިކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވީ ހައިކޯޓަށް ލިބުނު ފުރަތަމަ އަމުރުގައި އޮތީ ހައި ކޯޓުން ގޮތެއް ނިންމަން ދެން ބަންދުގައި ސައްމާހު ބަހައްޓަން ޖެހޭ ކަމަށެވެ. އަދި ކަރެކްޝަންސް އިން މައުލޫމާތު ސާފު ކުރިއިރު، ހައިކޯޓަށް ލިބުން 2024/02 ނަންބަރު އަމުރު ކަރެކްޝަންސް އަށް ލިބުނު އިރު އޭގައި 7 ދުވަހުގެ ބަންދު މުއްދަތެއް އޮތް ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.
ދެ އަމުރަށް ބަލާއިރު އޮތީ ސުޕްރީމް ކޯޓުގެ ހަމަ އެއް ނަންބަރެއް ކަމަށާއި، އެއް ނަންބަރަކުން ދެ އަމުރެއް ނެރޭނެ ކަމަށް ގަބޫލު ކުރަން ދަތިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"އަޅުގަނޑު މެންނަށް މި ދެލިޔެކިޔުން މިއޮތްގޮތުން ޝަރުއީ ނިޒާމުގެ ލިޔެކިޔުންތަކުގެ ސައްހަ ކަމާމެެދު ހަމަ ސުވާލު އުފެދޭ،".

މިކަމަށް ދައުލަތުގެ ފަރާތުން ވެސް މިއަދުގެ އަޑުއެހުމުގައި އެއްބަސް ވެފައި ވެއެވެ. ދައުލަތުގެ ވަކީލުން ބުނި ގޮތުގައި އެ ފަރަގު އޮތް ކަން ސާފުވީ ހައިކޯޓުން ފަހުން އެ ގޮތަށް ފާހަގަކޮށްދިނުމުން، ކަރެކްޝަންސްއިން އެކަން ޕީޖީ އޮފީހަށް އެންގުމުން ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުން ވިދާޅުވަމުން ގެންދެވީ އެއް އަމުރުން ހަތް ދުވަހުގެ މުއްދަތު ދިނީ ހައިކޯޓަށް ކަމަށް ވިޔަސް އެ އަމުރުގައި ވެސް އެ ކޯޓުން ގޮތެއް ކަނޑައަޅަން ދެން ބަންދުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ފަނޑިޔާރުންގެ މާނަ ކުރުމަށް ޕްރޮސެކިއުޝަނުން ޖުމުލަކޮށް އެއްބަސްވެފައެއް ނުވެއެވެ.

މާލޭގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވ.ކެޔޮދޫ ދޭލިޔާގޭ މޫސާ އަހުމަދު މަރާލި މައްސަލައިގައި ދައުލަތުން ސައްމާހުގެ މައްޗަށް ދައުވާ ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ 23، ގައި ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ދައުލަތުގެ ފަރާތުން ހައިކޯޓުގައި މި ހުކުމް އިސްތިއުނާފުކޮށް އެދިފައިވަނީ ހައިކޯޓުގެ ޝަރީއަތް ނިމެންދެން ސައްމާހު ބަަންދު ކޮށްދިނުމަށެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވަނީ، ސ.ހިތަދޫ މުޑުދާސްގޭ އަލީ ހަސަންއާއި، ނ.ޅޮހީ ކަނީރުމާގޭ އުމުރުން 24 އަހަރުގެ މުޙައްމަދު ރިޔާޟްއާއި، މ.ދިއްގަރު ދެބުދާރުގޭ އުމުރުން 28 އަހަރުގެ އަޙްމަދު އިޖާދު މުޙައްމަދުގެ މައްޗަށެވެ. މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ސ.ހިތަދޫ ގުލްބަކާގޭ އުމުރުން 21 އަހަރުގެ މުޙައްމަދު ނާޒިޝް ނާޒިމްގެ މައްޗަށް ދައުލަތުން ވަނީ މަގްބޫލު ސަބަބެއްނެތި ޢައްމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އަދި މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް ކޮށްފައެވެ. މި ތިން މީހުންެގެ ތެރެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޑުދާރު

    މިގައުމުގަ މިއޮތީވާ ވަރުގަދަ ކޯޓުތަކެއް އަދިވެސް މުސާރައާ އެލަވަންސް ތައް މާކުޑައީ

  2. ސަލީމްބެ

    ބޮޑިސީލަ ކުޅެގެން ލިބޭ ލާރިއަށް ވުރެ އާސިއްޕެއަށް މީހަކު މަރާލައިގެން އުޅުނު މީހަކު ސަލާމަތް ކުރީމާ ލިބޭ ލާރިގަޑު ބޮޑުވާނެ ދޯ އެއްވެސް އުރައްޕެއް ހުރި މީހެއް ނޫން ކޮޅަކު ލައްވާނުލާނެ ދެނެއް ފައިސާ ފަހަތުން މީހާ ތިދުވަނީ