ހދ. މަކުނުދޫގައި އެއަރޕޯޓެއް އޮންނަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ހދ. މަކުނުދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އެކަހެރި ކަމާއެކު އޮންނަ އެ ރަށަށް ސިއްހީ ހިދުމަތް ވެސް ލިބެން ޖެހޭ ކަމަށެވެ. އަދި އެކަންކަން ކުރެވޭނެ މަގު ތަނަވަސްކޮށް ދިނުން އޮތީ މަކުނުދޫ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.

"ޝައްކެއް ނެތް މަކުނުދޫގައި އެއަރޕޯޓެއް އޮންނަންޖެހޭ އެއީ އަޅުގަނޑުމެން އެއްވެސް މީހަކު ސުވާލު އުފައްދާނެ ކަމެއް ނޫން، މަކުނުދޫ ކަހަލަ ބޮޑު ރަށެއްގައި ޒަމާނީ ފެންވަރަށް ތާރު އަޅާ އޮންނަވާނީ މަގުތައް ހެދިފައި، ހަމައެއާއެކު މިހާ އެކަހެރިކޮށް މި ރަށް އޮންނައިރު ފަސޭހަކަމާއެކު ޒަމާނީ ވަސީލަތްތަކާއެކު ސިއްހީ ހިދުމަތް ލިބެންޖެހޭނެކަން އެއީ ކޮންމެ މީހަކު ވެސް ޤަބޫލު ކުރާނެ ކަމެއް" އަދުރޭ ވިދާޅުވިއެވެ.

ތަރައްޤީ ހާސިލް ކުރެވޭނީ ހަރުދަނާ ވިސްނުމާއެކު ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ސަރުކާރެއް ޤާއިމުކޮށްގެން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ މިހާލަތަށް ޤައުމު ދިޔައީ އިއްޔެ ނޫން ކަމަށެވެ.

ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ ތާއީދާ އެއްބާރުލުން ދޭން ޖެހޭ ކަމަށާއި މަކުނުދޫގެ ތަރައްޤީއަށް ވުރެން އެހެން އެއްވެސް ކަމެއް ރަށުގެ ރައްޔިތުންނަށް މުހިންމުވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ހަމަ ހަމަ ކަމާއެކު ރަށްތަކަށް ހިދުމަތް ކޮށްދެއްވުމަށް ކަމަށާއި ވަކި ރަށެއް ބާކީ ކުރެއްވުމުގެ ވިސްނުންފުޅުގައި ނޫން ކަމަށެވެ.

ރައީސްގެ ހިތްޕުޅުގައި ރައްޔިތުންނާއި މެދު އޮތް އޯގާތެރިކަމާއި ހިދުމަތްކޮށްދެއްވުމުގެ ރޫހު ފެނިގެންދާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅިޔަނު

    ބާރު ސްޕީޑުގައި ކަންކަން ނިންމާ ވެރިއެއް މިހީރީ ލިިބިފަ. ދެން އޮތީ ވެހޭތާ ފެން ނެގުން. މި ފުރުސަތު ކޮންމެ ކޮންމެ ފަހަރަކު ނުލިބޭނެ

  2. ހިކި ކިރު

    އެއަރޕޯރޓް މޫސުމް އައީ ދޮތަ! ފެނޭ ކޮންމެ ދެމަފިރިއަކަށް ވެސް އެއަރޕޯރޓެއް އަލަން. ބަލަ އިނބަމެން ބުނޭ ދަޢުލަތް ބަނގުރޫޓު ވެފައޭ އޮތީ! ބަނގުރޫޓު ވެފައިވާ ދަޢުލަތަކުން ކިހިނެއް އެއަރޕޯރޓެއް އަލާނީ! ވޯޓު ހޯދަން ކޮސް ވާހަކަ ނުދައްކާ!

  3. ނުހޭ

    ކިޔަވަދޭ ޓީޗަރުންނަށްވުރެ ގިނަ ޑިޕްލޮމެޓުން ސްރީލަންކާގެ ސޯސަންވިލާއަށް . މަސައްކަތް ޓީޗަރުންނަށް ބޮޑުމުސާރަ ދެއަތް އުރާލައިގެން ކަނެއްނެތިފަ ތިބި ޑިޕޮލޮމެޓުންނަށް. ޙެޔޮވާނީ ކިހިނެއް. ރަނގަޅުވާނެކަމަށް ހީކުރެވުނުމީހުން ވަރަށް ގޯސް.

  4. ޙި

    ކޮބައިތޯ ކޮމެންޓް ނުޖެހިނދޯ