މަޤާމުގެ މަސްއޫލިއްޔަތުން ގދ. ވާދޫ ކައުންސިލްގެ މެންބަރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

މިގޮތަށް އެލްޖީއޭއިން ނިންމާފައި ވަނީ އެ ކައުންސިލް މެންބަރުންނާއި އަދި މުވައްޒަފުންނާއި ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަތައް ބެއްލެވުމަށް ފަހުއެވެ.

އެލްޖީއޭއިން ވިދާޅުވީ، އެ ކައުންސިލާ ގުޅޭގޮތުން އެ އޮތޯރިޓީން ހަދާފައިވާ އިންކުއަރީއަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ވަޒީރު ހުއްދަދެއްވައިގެން ހަދާފައިވާ އިންކުއަރީއެއް ކަަމަށެވެ.

މި އިންކުއަރީ ކުރިޔަށް ގެންދިއުމުގައި މައްސަލަ ރައްދުވާ ކައުންސިލް މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތެއް ދީފައިވާާ ކަމަށްވެސް އެލްޖީއޭއިން ވިދާޅުވިއެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި، ކައުންސިލުގެ އިދާރާގައި، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ވާދޫ ކައުންސިލްގައި ޒާތީ ކޯޅުން ބޮޑުވެ، އެލްޖީ އިން އެކަން ބަލަނީ

އޭގެ އިތުރުން މި މައްސަލަތަކާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް އެ ކައުންސިލުގެ އިދާރާއިން ހޯދާފައިވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

  1. އެލްޖީއޭއިން ވަނީ ވާދޫ ކައުންސިލާއި ގުޅޭގޮތުން 27 މައްސަލައެއް ބަލާފައެވެ.
  2. ގދ. ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ އިންތިޒާމުތައް ކައުންސިލުން ހަމަޖައްސާފައި ނެތުން
  3. ލާމަރުކަޒީ ޤާނޫނާއި އިޖުރާއީ ގަވާއިދާއި އެއްގޮތަށް ކައުންސިލުގެ ބައްދަލުވުންތައް ބާއްވާފައިނުވުން.
  4. ކައުންސިލުގެ ބަޖެޓުން އިންކައިންޑް އަދި ފައިސާގެ ގޮތުގައި މާލިއްޔަތުގަ ގަވާއިދާ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ޚަރަދު ކުރުން
  5. J-GOM ފަންޑުގެ ތެރެއިން ބޮޑު އަދަދެއް އަނެއް އަހަރުގެ J-GOM ފަންޑުގެ ތެރެއަށް ކެރީ ފޯވަރޑްކޮށްފައިވާކަން.
  6. މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް ކައުންސިލުން ފައިސާ ބަލައިގަތުން
  7. ސިވިލް ސަރވިސްގެ ގަވާއިދުއާ އެއްގޮތަށް ކައުންސިލު އިދަރާގެ މުވައްޒަފުންގެ ހާޒިރީއާއި ރެކޯޑުތައް ބަލަހައްޓާފައިނެތުން
  8. އިޖުރާއީ ގަވާއިދާ އެއްގޮތައް ކައުންސިލުއިދާރީ އޮނިގަނޑު ފާސްކޮށް އޮނިގަނޑާ އެއްގޮތައް މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރެވިފައި ނެތުން.
  9. ކައުންސިލުގެ އިދާރާގައި އާންމުން ވަނުންމަނާ ތަންތަނަށް އާންމުންނަށް ވަދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އޮތުން.
  10. ކައުންސިލުގެ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން ބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައިނުވުމާއި ބައްދަލުވުމަށް އެޖެންޑާކުރުމަށް މެންބަރުން ހުށަހަޅާ މައްސަލަތައް ކައުންސިލުގެ ރައީސް އެޖެންޑާ ނުކުރުން.
  11. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކައުންސިލުގެ މަސައްކަތު ތާވަލާއި ބަޖެޓް ފާސްކޮށް ހުށަހަޅާފައި ނެތުން.
  12. ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުއާ އެއްގޮތަށް ކައުންސިލަރުންގެ ހާޒިރީ ބަލަހައްޓާފައިނުވުމާއި، ހާޒިރީއާ ގުޅުންހުރި ސުލޫކީ މައްސަލަތައް.
  13. ކައުންސިލު އިދާރާ މުވައްޒަފުންގެ ހާޒިރީއާއި ގުޅުންހުރި މައްސަލަ.
  14. ކައުންސިލުގެ ރައީސް ކައުންސިލު އިދާރާތެރޭ ދުންފަތުގެ އިސްތިއުމާލުކުރާ މައްސަލަ.
  15. ކައުންސިލު އިދާރާގެ ކަންކަމާ ގުޅޭ މައުލޫމާތުތައް ރަސްމީ ޗެނަލުން ބޭރުން، ކައުންސިލުގެ ރައީސް ރައްޔިތުންނަށް މައުލޫމާތު ލީކްކުރާ މައްސަލަ.
  16. ކައުންސިލުގެ ރައީސް، ކައުންސިލުގެ މުވައްޒަފުންނަކީ ދަށް ފަންތީގެ ބެއެއްކަމަށްބުނެ މުވައްޒަފުންގެ އަގުވެއްޓޭގޮތަށް މުވައްޒަފުންނާ ގުޅޭގޮތުން ދޮގު ވާހަކަތަކާއި ބޭއަދަބީ މެސެޖުތައް ކައުންސިލު ރަސްމީ ވައިބާ ގްރޫޕަށް ފޮނުވައި ސޯޝަލް މީޑިއާގައި އަދި ހޮޓާ ކެފޭތަކުގައި އެފަދަ ވާހަކަތައް ދައްކަމުންދާ މައްސަލަ.
  17. ކައުންސިލު މުވައްޒަފުންނަށް އަޑުލައި ކަންކަމަށް މަޖުބޫރު ކުރުމާ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ރުޅި ކައުންސިލު އިދާރީ މުވައްޒަފުންނަށް އަމާޒުކުރަމުންދާ މައްސަލަ.
  18. ކައުންސިލު ބައްދަލުވުމުން ކަންކަން ނިންމުމުން އެކަންކަން ތަންފީޒުނުވާނެކަމަށް ބުނުމާއި، ބައްދަލުވުމުން ނިންމާ ނިންމުން ތަންފީޒު ނުވާ މައްސަލަ.
  19. ކައުންސިލުން ޤާނޫނު ނަންބަރު: 2010/7 (ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ޖަވާބުދާރީ ނުވާ މައްސަލަ.
  20. ސެކްރެޓަރީ ޖެނެރަލް މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރުމާ، އެކި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި ކުދި ކުދި ކަންކަމުގައި މުވައްޒަފުންނަށް އިންޒާރުދޭ މައްސަލަ.
  21. ކައުންސިލު އިދާރާގެ ތެރޭގައި ކައުންސިލަރުން އެކަކު އަނެކަކު ގަޔަށް އަތްލައި މާރާމާރީ ހިންގާ މައްސަލަ.
  22. ކައުންސިލަރުން ރަސްމީ ވަގުތާއި، ކައުންސިލުގެ އާންމު ބައްދަލުވުންތަކަށް ނުރަސްމީ ހެދުމުގައި ކައުންސިލަރުން ހާޒިރުވާ މައްސަލަ.
  23. ކައުންސިލަރުން ބޭއަދަބީ ބަހުރުވައިން ބައްދަލުވުންތަކާއި، މަސައްކަތުގެ މާހައުލުގައި ޒުވާބުކުރާ މައްސަލަ.
  24. ކައުންސިރުންގެ ފަރާތުން އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާކުރާކަމުގެ މައްސަލަ.
  25. ކައުންސިލަރުން މުވައްޒަފުންގެ މަސައްކަތްތައް ހުރަސްއެޅޭ ގޮތަށް ޢަމަލުތައް ބެހެއްޓުން.
  26. ކައުންސިލު އިދާރާގައި ބައިބައިވުން އުފެދި، މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއްނެތުން.
  27. ކައުންސިލުގެ ރައިސް ހިޔްހަމަ ނުޖެހޭ މެންބަރުންގެ ޗުއްޓީ ހިފެހެއްޓުން.
  28. ކައުންސިލްގެ ރައީސްގެ ފަރާތުން ރަށުގައި އުޅޭ ބިދޭސީންނަށް ބިރުދައްކާ މައްސަލަ.

އެލްޖީއޭއިން މިރޭ ވިދާޅުވީ، އެ ކައުންސިލާ ގުޅޭގޮތުން އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީއިން، މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚީލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް އަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އޮތުމާއެކު، އެ އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، އެ ކައުންސިލަރުންނާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނަ ކަމަށްވެސް ވިދާޅުވެފައި ވެެއެވެ.

ވާދޫ ކައުންސިލުގެ ރައީސް ޙަސަން ޢަބްދުﷲ އާއި ވާދޫ ކައުންސިލުގެ މެންބަރު މުޙައްމަދު ޝިފާޤް ސަސްޕެންޑް ކޮށްފައި ވަނީ މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށެވެ. ކައުންސިލުގެ ނައިބްރައީސް ޙާޝިރު މުޙައްމަދާއި ކައުންސިލުގެ މެންބަރު ސާރާ މުޙައްމަދު ދެ މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވާއިރު، ކައުންސިލުގެ މެންބަރު މާރިޔަތު އިބްރާހީމް ސަސްޕެންޑްކޮށްފައި ވަނީ އެއް މަސް ދުވަހަށެވެ.

އެލްޖީއޭއިން ވިދާޅުވީ، އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާއި ގުޅިގެން އެ ރިޕޯޓުގައި ލަފާދީފައިވާ ފަދައިން އަމަލުކުރުމަށާއި ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މައްސަލަ ބަލާ، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް، އެލްޖީއޭއިން ނިންމާފައިވާ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކުޑަގައުމު

    އެމްޑީޕީގެ މެމްބަރުން ތިބޭ ކައުންސިލްތަކަކީ ވަކި ދައުލަތެއް!

  2. ކޮންޑިޝަނަލްގޯތި ގޯނި ބޮލާ ސައުދު އަލީ ހަވަރު ތިނަދޫ

    ދެކެން ބޭނުންވަނީ ހަވަރު ތިނަދޫ ބިގަރުސިޓީ ކައުންސިލް ސަސްޕެންޑްކޮށް ފިޔަވަޅުއަޅާނެ ދުވަހެކެވެ.

  3. ސަރަފަކައްދަ

    ސަހަރޯ! ތިޔައީ ފެށުން. ދެން ހުރިހާ ކައުންސިލް ތަކަށް ހަވާލު ކުރާނީ ސަހަރާތައް ކުނި ކަހާ ބެލެހެއްޓުން.

  4. ޒާ

    ސަސްޕެންޑެއްނޫން ކުރަންވީ. ފެނުނީ މައްސަލައިގެ ހާއްޔެއް. ވަގުތުން އުވާލާ.

  5. ކޮޔާ

    ރަނގަޅުފާލެއް

  6. ނަސީރު

    ސަރުކާރައް ގޮވާލަން ވަދޫއަކީ ފަޅުރަށެއް ގޮތުގައި ކަނޑައަޅައި ، ރަށުގައި އުޅެމުން ދަނީ އިންސާނުން ކަމުގައިވީނަމަވެސް ، އިންސާނިތްޔަތުގެ ކަންފުޅެއްވެސް ނެތުމުގެ ސަބަބުން ، ދިވެހިން ކަމުގައި ބަލައި ނުގަތުން ، ހަހަހަހަހަހަހަހަ، ސާބަހޭ ކައުންސިލަރުންނައް .

  7. ސަލީމް

    ބުޅާކޮށްޓެއްވެސް ތިޔަށްވުރެން އިންތިޒާމް ރަނގަޅުވާނެ

  8. ނުރަބޯ

    ނައިފަރު ކައުންސިލް ގައި ވެސް ތިބެނީ ދަޅެއް މަދު ބައެއް....... މީ ވަރަށް ވާހަކަ......

  9. ފުޅު

    ނޫނޭ މިއޮތީވާ ކައުންސިލެއް. ކުރިން އޮތްހެން ކަތީބުން ބައިތިއްބާ.

  10. ބޮޑުން

    ނައުފަރު ކައުންސިލްވެސް ޖެހޭ އެބަ އެލްޖީއިން ބަލާލަން

  11. ދެރަވަރު

    އެހެން ގިނަ ކައުންސިލު ތަކުގެ ހާލަކީވެސް ތީ

  12. Anonymous

    ކޮލިޓީ ނެތް ކައުންސެލަރުން ހޮވީމާ ވާނެގޮތް ތުޔަވަނީ ، ކަންކަމަށް ޤާބިލް ހުނަރުވެރި އިލްމީ މީހުން އައްޔަންކުރަންވީ އޭރުން ޤައުމުގެ ކަންކަން ރަގަޅުވެ ރައްޔިތުންނަށް ހިދުމަތް ލިބޭނީ !

  13. ސޮރު

    ގޯސް ވާނީ ސަސްޕެންޑު ކުރާމީހާ