ލޯކަލް ކައުންސިލްތަކުން ނިންމާ ނިންމެވުމުވުގެ ސަބަބުން އެއްވެސް މީހެއްގެ މަދަނީ ހައްޤަށް އުނިކަމެއް އައިސްގެން ނުވާނެ ކަމަށާއި އެފަދަ ނިންމުންތައް ނުނިންމުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެލްޖިއޭއިން މިހެން ބުނެފައިވަނީ ވ.ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިންނަށް ކައުންސިލުންދޭ ޚިދުމަތްތައް ނުދޭން ނިންމުމާއި ގުޅިގެންނެވެ.

މިއަދު ނެރުނު ބަޔާނެއްގައި އެލްޖީއޭއިން ބުނީ އެއްވެސް ރައްޔިތެއްގެ މަދަނީ ހައްޤަށް އުނިކަމެއް އަންނަ ގޮތަކަށް ކައުންސިލްތަކުން ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށާއި އެފަދަ ނިންމުންތައް ނުނިންމުމަށް އިލްތިމާސްކުރާ ކަމަށެވެ

ކައުންސިލުން ޚިދުމަތެއް ހޯދުމަށްފަހު ފައިސާ ނުދައްކާތީ އެކަމާ ކަންބޮޑުވާ ކަމަށް އެލްޖޭއޭއިން ވަނީ ބުނެފައެވެ. އެހެންނަނަމަވެސް މާލީ ދަތިކަން ހުރިނަމަވެސް ކައުންސިލުން ނިންމާ ކޮންމެ ނިންމުމެއް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެއަށް ބާރު ލިބިގެން ނިންމޭ ނިންމުމަކަށް ވާންޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނާގޮތުން ކައުންސިލް އިދާރާއަކުން ފޯރުކޮށްދޭ ހިދުމަތްތަކުން އެއްވެސް ރައްޔިތަކު މަހުރޫމް ކުރެވޭނީ ގާނޫނު އަސާސީއާ ހިލާފު ނުވާނެހެން ފާސްކޮށްފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެކަންކުރުމަށް ބާރު ލިބިގެންނެވެ.

ފެލިދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ވިސާމް "ވަގުތަށް" ވިދާޅުވީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ބިންތައް ކުއްޔަށް ނެގުމަށް ފަހު ދައްކަންޖެހޭ ކުއްޔާއި ހިދުމަތްތައް ހޯދުމަށްފަހު ދައްކަންޖެހޭ ފައިސާ ދައްކަން ޖެހި، ނުދައްކާ ހުރި ފަރާތްތަކަށާއި އެފަރާތްތަކުގެ އާއިލާއަށް ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

މިމަހުގެ ފުރަތަމަ ދުވަހު އެ ކައުންސިލުން ގެޒެޓުކުރި އިއުލާނެއްގައިވާ ގޮތުން، އެ ދުވަހު ބޭއްވި ކައުންސިލުގެ އާންމު ޖަލްސާގައި އެހެން ނިންމާފައިވަނީ އެ މީހުންގެ އަތުން ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު ވެސް، އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީއެވެ.

އިއުލާނުގައި ބުނާގޮތުން ކައުންސިލަށް ދަރާފައިވާ މީހުންނަށް ފައިސާ ދެއްކުމަށް ވަނީ ފަސްދުވަހުގެ މުއްދަތެއް ދީފައެވެ. އެހެންކަމުން މި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކަށް ކައުންސިލުންދޭ ޚިދުމަތްތައް މެދުކެނޑިގެންދާނެއެވެ. އަދި އެ ފަރާތްތަކުގެ ވަނަވަރު ލިސްޓު އާންމު ކުރުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

އެލްޖީއޭގެ ބަޔާނުގައި ބުނާގޮތުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ގާނޫނަކުން ނުވަތަ ގަވައިދަކުން ހުއްދަކުރާ ފިޔަވަޅެއް މެނުވީ އެއްވެސް މީހަކާ މެދު އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމަށެވެ. އަދި ކައުންސިލަކާއެކު ވާ މަދަނީ މުއާމަލާތެއްގެ ސަބަބުން އެ މީހަކު އަދާކުރަންޖެހޭ ކަމެއް ނުވަތަ ދައްކަންޖެހޭ ފައިސާއެއް ނުދެއްކުމަކުން ވަކި ފަރުދަކާމެދު ފިޔަވަޅު އަޅަންވާނީ އެ ފަދަ މުއާމަލާތަކާއި ގުޅިގެން ހަދާ އެއްބަސްވުމުގައި ބަޔާންކުރާ ނުވަތަ ގާނޫނާއި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބުނެ، އެފަދަ ކަންކަމުގައި އެ މުއާމަލާތުގައި ނުހިމެނޭ އެކިއެކި ފަރުދުންގެ މަދަނީ ހައްގެއް ހިފެހެއްޓުމަކީ ކައުންސިލްތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކޮބާލާމަރުކަޒީ އެކައުންސިލަކުން ފާސްކުރާ ގަރާރުތަކާ ނިއްމާ ނިއްމުންތަކަކީ އިސްލާމުދީނުގެ އަސްލަކާ ޙިލާފުނުވާހާ ހިނދެއްގައި އެކައުންސިލެއްގެ ގަވާއިދެވެ.

    3
    1
  2. ޢޯކޭ

    ޢަހަރުން ދެން ކަރަންތް ފީވެސް ނުދައްކާނަން

    4
    1
  3. ޒ

    މާފުށީ ކައުންސިލުން ގޯތި ދިނީ ރަށުގެ ރަށްވެހިންގެ ތެރެއިން ވަކި ބަޔަކު ބޯހުޔާވަހިކަމުން މަހުރޫމް ވާގޮތަށް. ކީއްވެ އެފަދަ އަނިޔާދޭ އުސޫލުތަކާމެދު ޗުއްޕުވެސް ނުބުނީ؟

    1
    1