ގދ. ވާދޫ ކައުންސިލްގެ ސަސްޕެންޑް ކޮށްފައިވާ މެމްބަރުން، އެއިދާރާގެ މުވައްޒަފުންނަށް އިންޒާރު ދިނުމުގެ އިތުރުން ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ވިދާޅުވެއްޖެއެވެ.

އެލްޖީއޭއިން ވާދޫ ކައުންސިލްގެ މެމްބަރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވަނީ ކައުންސިލް މެންބަރުންނާއި އަދި މުވައްޒަފުންނާއި ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަތައް ބެއްލެވުމަށް ފަހުއެވެ.

މިމައްސަލަތަކާއި ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް އެކައުންސިލްގެ އިދާރާއިން ހޯދާފައިވާއިރު، އެލްޖިއޭއިން ވަނީ ވާދޫ ކައުންސިލާއި ގުޅޭ ގޮތުން 27 މައްސަލަ ބަލާފައެވެ. އޭގެ ތެރޭގައި އެލްޖީއޭއިން ވަނީ ކައުންސިލަރުންގެ ފަރާތުން އިދާރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމާއި އެކި މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމާއި ކުދި ކުދި ކަންކަމުގައި މުވައްޒަފުންނަށް އިންޒާރުދޭ މައްސަލަ ވެސް ހިމެނެއެވެ.

މީގެ އިތުރުން

  1. ގދ. ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ އިންތިޒާމުތައް ކައުންސިލުން ހަމަޖައްސާފައި ނެތުން
  2. ލާމަރުކަޒީ ޤާނޫނާއި އިޖުރާއީ ގަވާއިދާއި އެއްގޮތަށް ކައުންސިލުގެ ބައްދަލުވުންތައް ބާއްވާފައިނުވުން.
  3. ކައުންސިލުގެ ބަޖެޓުން އިންކައިންޑް އަދި ފައިސާގެ ގޮތުގައި މާލިއްޔަތުގަ ގަވާއިދާ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ޚަރަދު ކުރުން
  4. J-GOM ފަންޑުގެ ތެރެއިން ބޮޑު އަދަދެއް އަނެއް އަހަރުގެ J-GOM ފަންޑުގެ ތެރެއަށް ކެރީ ފޯވަރޑްކޮށްފައިވާކަން.
  5. މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް ކައުންސިލުން ފައިސާ ބަލައިގަތުން
  6. ސިވިލް ސަރވިސްގެ ގަވާއިދުއާ އެއްގޮތަށް ކައުންސިލު އިދަރާގެ މުވައްޒަފުންގެ ހާޒިރީއާއި ރެކޯޑުތައް ބަލަހައްޓާފައިނެތުން
  7. އިޖުރާއީ ގަވާއިދާ އެއްގޮތައް ކައުންސިލުއިދާރީ އޮނިގަނޑު ފާސްކޮށް އޮނިގަނޑާ އެއްގޮތައް މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރެވިފައި ނެތުން.
  8. ކައުންސިލުގެ އިދާރާގައި އާންމުން ވަނުންމަނާ ތަންތަނަށް އާންމުންނަށް ވަދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އޮތުން.
  9. ކައުންސިލުގެ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން ބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައިނުވުމާއި ބައްދަލުވުމަށް އެޖެންޑާކުރުމަށް މެންބަރުން ހުށަހަޅާ މައްސަލަތައް ކައުންސިލުގެ ރައީސް އެޖެންޑާ ނުކުރުން.
  10. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކައުންސިލުގެ މަސައްކަތު ތާވަލާއި ބަޖެޓް ފާސްކޮށް ހުށަހަޅާފައި ނެތުން.
  11. ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުއާ އެއްގޮތަށް ކައުންސިލަރުންގެ ހާޒިރީ ބަލަހައްޓާފައިނުވުމާއި، ހާޒިރީއާ ގުޅުންހުރި ސުލޫކީ މައްސަލަތައް.
  12. ކައުންސިލު އިދާރާ މުވައްޒަފުންގެ ހާޒިރީއާއި ގުޅުންހުރި މައްސަލަ.
  13. ކައުންސިލުގެ ރައީސް ކައުންސިލު އިދާރާތެރޭ ދުންފަތުގެ އިސްތިއުމާލުކުރާ މައްސަލަ.
  14. ކައުންސިލު އިދާރާގެ ކަންކަމާ ގުޅޭ މައުލޫމާތުތައް ރަސްމީ ޗެނަލުން ބޭރުން، ކައުންސިލުގެ ރައީސް ރައްޔިތުންނަށް މައުލޫމާތު ލީކްކުރާ މައްސަލަ.
  15. ކައުންސިލުގެ ރައީސް، ކައުންސިލުގެ މުވައްޒަފުންނަކީ ދަށް ފަންތީގެ ބެއެއްކަމަށްބުނެ މުވައްޒަފުންގެ އަގުވެއްޓޭގޮތަށް މުވައްޒަފުންނާ ގުޅޭގޮތުން ދޮގު ވާހަކަތަކާއި ބޭއަދަބީ މެސެޖުތައް ކައުންސިލު ރަސްމީ ވައިބާ ގްރޫޕަށް ފޮނުވައި ސޯޝަލް މީޑިއާގައި އަދި ހޮޓާ ކެފޭތަކުގައި އެފަދަ ވާހަކަތައް ދައްކަމުންދާ މައްސަލަ.
  16. ކައުންސިލު މުވައްޒަފުންނަށް އަޑުލައި ކަންކަމަށް މަޖުބޫރު ކުރުމާ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ރުޅި ކައުންސިލު އިދާރީ މުވައްޒަފުންނަށް އަމާޒުކުރަމުންދާ މައްސަލަ.
  17. ކައުންސިލު ބައްދަލުވުމުން ކަންކަން ނިންމުމުން އެކަންކަން ތަންފީޒުނުވާނެކަމަށް ބުނުމާއި، ބައްދަލުވުމުން ނިންމާ ނިންމުން ތަންފީޒު ނުވާ މައްސަލަ.
  18. ކައުންސިލުން ޤާނޫނު ނަންބަރު: 2010/7 (ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ޖަވާބުދާރީ ނުވާ މައްސަލަ.
  19. ސެކްރެޓަރީ ޖެނެރަލް މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރުން.
  20. ކައުންސިލު އިދާރާގެ ތެރޭގައި ކައުންސިލަރުން އެކަކު އަނެކަކު ގަޔަށް އަތްލައި މާރާމާރީ ހިންގާ މައްސަލަ.
  21. ކައުންސިލަރުން ރަސްމީ ވަގުތާއި، ކައުންސިލުގެ އާންމު ބައްދަލުވުންތަކަށް ނުރަސްމީ ހެދުމުގައި ކައުންސިލަރުން ހާޒިރުވާ މައްސަލަ.
  22. ކައުންސިލަރުން ބޭއަދަބީ ބަހުރުވައިން ބައްދަލުވުންތަކާއި، މަސައްކަތުގެ މާހައުލުގައި ޒުވާބުކުރާ މައްސަލަ.
  23. ކައުންސިލަރުން މުވައްޒަފުންގެ މަސައްކަތްތައް ހުރަސްއެޅޭ ގޮތަށް ޢަމަލުތައް ބެހެއްޓުން.
  24. ކައުންސިލު އިދާރާގައި ބައިބައިވުން އުފެދި، މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއްނެތުން.
  25. ކައުންސިލުގެ ރައިސް ހިޔްހަމަ ނުޖެހޭ މެންބަރުންގެ ޗުއްޓީ ހިފެހެއްޓުން.
  26. ކައުންސިލްގެ ރައީސްގެ ފަރާތުން ރަށުގައި އުޅޭ ބިދޭސީންނަށް ބިރުދައްކާ މައްސަލަ

އެލްޖީއޭއިން މިރޭ ވިދާޅުވީ، އެ ކައުންސިލާ ގުޅޭގޮތުން އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީއިން، މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚީލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަން

    ބަލަމީ ޑިމޮކްރަސީ! މައިތިރިކުރެވޭނީ ހަމަތިކަން ކޮންޓްރޯލްކުރަން ކޮމިޝަނެއްއޮވެގެން!

  2. ސާބަސް ވާދޫ ކައުންސިލަށް

    އެލްޖީއޭއިން ވާނެ މި ކައުންސިލަށް ކޮންމެވެސް ކަހަލަ އެވޯޑެއްދޭން. މަ ހަމަ އަޖައިބުވެއްޖެ
    ސުވާލަކީ ތި ކައުންސިލަށް ނުުކުރެވި އޮތީ ކޮން ކަަޑަ ކަމެއްތޯދެން..

  3. ޢަލީޔާ

    ނެތްތަ، ލ.މާމެންދޫ ކައުންސިލް އިދާރާގެ ތީގެ ރޭޑެއް ކޮއްލެވޭކަށް؟

  4. ޢަލީބެއްޔާ

    ގއ. މާމެންދޫ ކައުންސިލްގެ މައްސަލަ އެލް.ޖީއޭ އިން ބަލަންޖެހޭ. ރައްޔިތުންނަށް ޖެއްސުން ކުރުމާއި ޖަލްސާ ނުބޭއްވުމާއި އެއްވެސް ކަމެއްގައި ރައްޔިތުންނަށް ޖަވާބުދާރީ ނުވޭ. ބައު ހައިމާކެއް މާލިއްޔަތު ގަވާދާ ޚިލާފަށް މެންބަރެއްގެ ނުފޫޒުން ގަނެއެއަށް 0.8މިލިޔަން ޚަރަދު ކޮށްފި. ރަށުގެ އެކި ތަންތަނަށް ބައުދަނގަޑު ބޭނުންކޮށް ކޮންކްރީޓްއަޅާ ކައުންސިލް ބަޖެޓް އިސްރާފުކުރޭ. ބޮޑެތި އަކުރުއަޅައި ރަށުގެ މަލަމަތި ހަޑިކޮށް ރައްޔިތުންނަށާ ވިޔަފާރިތަކަށް ތުރާކޮށްފި.