ރަށު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮތް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ޔާމީން ވަނީ ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ އާ ޕާޓީ ޕީއެންއެފްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ އަހްމަދު ލަތީފްގެ ކެމްޕެއިން ހަރަކާތެއްގައެވެ. ރޭގައި އޮތީ ލަތީފްގެ ފަރާތުން ބޭއްވި މާހެފުމުގެ ހަރަކާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ޔާމީން ރަށު ބަންދަށް ވަނީ ބަދަލުކުރައްވާފައެވެ. ރަށު ބަންދަށް ބަދަލު ކުރުމާއެކު، މާލެ ވިލިމާލެ އަދި ހުޅުމާލެއަށް ވަޑައިގެންނެވޭނެއެވެ. އަދި އާއްމު ރައްޔިތުންނާއި ބައްދަލު ކުރެވޭއިރު، މި ސަރަހައްދުގައި ކުރިއަށް ގެންދާ ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގެންނެވޭނެއެވެ.

ނަމަވެސް ރަށު ބަންދުގައި ހުރެގެން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަކީ މަނާކަމެކެވެ.

މިކަމާއި ގުޅޭގޮތުން ކަރެކްޝަނަނަލް ސާވިސް އިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

"ވަގުތު"އިން ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ، އެކަމާއި ގުޅިގެން ފަހުން ޖަވާބެއް ދެެއްވާނެ ކަމަށެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގައެވެ. އެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވާފައެވެ. މިމައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙާނީ

    ރަނގަޅު ހީވަނީ މުއިއްޒު ޓެސްޓްކޮއްލެއްވީހެން އިންތިހާބުގެ ކުރިން

    5
    2
  2. އަސްދޫނި

    އަނގައިގަ އަޅާފަ ހުރި ޓޭފުގަނޑުގަ ލޯވަޅެއް އަޅައިގެންތަ މީނަ މާހަފަން ދިޔައި؟

    5
    5
  3. ހަންޑިކުޑަ

    މަނިކުފާނު ވިސްނާ ވަޑައިގަންނަވައްޗެވެ! ވޯޓުގެ ކުޅިގަނޑު ނިމުމާއި އެކު މަނިކުފާނު ޖަލަށް ބަދަލު ކުރާނެކަން ޔަޤީނެވެ.

    4
    5
  4. މުހައްމަދު

    ޔާމީނުގެ މައްސަލަ ނުނިމިގެން އުޅޭ ސަބަބެއް ޖުޑިޝަރީ އިން ރައްޔިތުންނަށް ބުނެދޭންޖެހޭ. ރައްޔިތުން ހަވާލުކޮށްފައިވާ މަސައްކަތް ނުކޮށް ޖަވާބުދާރީނުވާ ކަމުގައިވާނަމަ މުސާރައިގެ ގޮތުގައި ގެޔަށްގެންދެވެނީ ހަލާލު ފައިސާއެއް ނޫން.