ރާއްޖޭގައި ޑޮލަރުގެ އަގު ދަށްވަމުންދާ ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ ޑޮލަރުގެ ރޭޓް ދަށްވެ، 17.50ރ. އަށް ލިބޭ ކަމަށް މި ސަރުކާރުގެ އެކިއެކި ބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެކަމަކު، މިއީ ވޭތުވެދިޔަ ކޮންމެ އަހަރެއްގެ މި ދުވަސްކޮޅު ޑޮލަރުގެ ރޭޓް ހުންނަ ވަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

"މިއަދު ފަހުރުވެރިކަމާ އެކީގައި އެ ބުނަނީ ޑޮލަރު ރޭޓަކީ 17.50ރ. އޭ. 2023 ވަނަ އަހަރުގެ މި ދުވަސްވަރަށް ބައްލަވާ ހުރީ ކިހިނެއްތޯ. ހުރީ 16.70ރ. އަށް. މިހާރު ދަށްވެގެން ފަހުރުވެރިކަމާ އެކީގައި ދައްކާ އިރުގައި 17.50ރ. އޭގެ ކުރީ އަހަރަށް، 2022 ވަނަ އަހަރަށް ޖެހިލާއިރު ބައްލަވާ ރޯދަ މަހުގެ ތެރޭގައި 16.20ރ. އަށް. މިއަދު 17.50ރ. އަށް ހުރެގެން އެ ވާހަކަ ދައްކަނީ." ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވި ގޮތުގައި މި ދުވަސްވަރަކީ ތަބީއީ ގޮތުން އާމްދަނީ އެންމެ މަތިވާ ދުވަސްވަރެވެ. އެގޮތުން މި ދުވަސްކޮޅު ފަތުރުވެރިން ވަރަށް ގިނަ އިން އަންނަމުންދާތީ މިއީ އާންމުކޮށް މިކަން ވަމުން އަންނަ ގޮތް ކަމަށް ސޯލިހް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ސޯލިހް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

"އަޅުގަނޑު ބޭނުން ވަނީ ވީހާވެސް ދަށްކޮށް ޑޮލަރު ލިބޭ ގޮތްވުން. އެކަން ވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު. ނަމަވެސް ރައްޔިތުންނަށް އޮޅުވާލައި މާ ބޮޑެތި މަސައްކަތްތަކެއްކޮށްގެން ޑޮލަރުގެ އަގު ދަށް ކުރީ ކަމަށް ހެދީމަ ރަނގަޅެއް ނޫން، އެ ހަދަނީ ދޮގު. އޮޅުވާލަނީ." ސޯލިހް ވިދާޅުވިއެވެ.

ސޯލިހް އެގޮތަށް ވިދާޅުވި އިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ޑޮލަރުގެ އަގު ދަނީ ދަށްވަމުން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްފުޅާއި ޕްލޭންތަކުގެ ސަބަބުން ރާއްޖެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އޮތް ދަތިހާލުން މިހާރު އަރައިގަނެވިފައިވާ ކަމަށެވެ. ޑޮލަރުގެ އަގު ދަށް ކުރުމަށް މި ސަރުކާރުން ވަނީ ދިވެހި ފައިސާ ޗާފްކުރުން ހުއްޓާލާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި ދިވެހި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާއާއި ބޭރުގެ އެކިއެކި ބޮޑެތި ލޯންތައް ދައްކަމުން ދަނީ ފައިސާ ޗާޕް ނުކޮށެވެ. ފައިސާ ޗާޕު ކުރުން ހުއްޓާނުލި ނަމަ ޑޮލަރުގެ އަގު 20ރ. އަށް އަރައިގެންގޮސް، އިގްތިސާދު ހަލާކުވެ، ގައުމު ބަނގުރޫޓުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހަސީނު

    ދިވެހިރައްޔެތުންނަކީ ގަމާރުންކަމުގަ ހަދަންނޫޅެ ހަގީގަތްގަބޫލުކުރޭ. ދުވާލުރޯދަޔައް ހުރެފަ ރޭގަނޑު ރައްޔެތުން ގުނބޯހައްދަން އުޅުމަށްވުރެ ތޭއަޅުކަމުގަ ވަގުތުހޭދަކުރޭ. އާޚިރައް ދުވަހައްބިރުވެތިވޭ.

    34
    1
    • ހަމްދު

      މިއޮއްފަދަ ރޯދަމަހު ދޮގު ހެދުމުގަ އަސްލު އިންތިހާބު ރޯދައިގެ ކުރިން ބޭއްވިނަމަ މާރަނގަޅު ވީސް

      17
  2. އިބްރާ

    އިބްރާހިމް ކަލޭ ނޫނިއްޔާ ޤައުމު ވިއްކާފައި ފޭބި މީހަކު ނުހުންނާނެ ދެއިރު ދެދަޅައަށް ކޮންމެވެސް އެއްޗެކޭ އެބަ ކިޔާ ކަލޭ އަޅެ ލަދެއް ހަޔާތެއްވެސް ނުހުރޭ ދޯ ހިތުން މޮޅު ވެރިކަމެއް ކުރި މީހެއް ބަޔަކު ގޮޑީގައި ބޭންދި ބުދެއް ދަށަށް ތިބި މީހުން ތިޖޫރި އެތެރެ ދަވާލާ އަދި ބޭރު ތޮށިގަޑު ނައްޓައިގެން ދިޔައިރުވެސް ވާނުވާގަ އުޑެއް ބުޑެއް ދަންނަ މީހެއް ނޫން ތިމާގެ ކަރަޕްޝަން ބަލާ ނިމިގެން ހުކުމް ކުރާއިރު ހީވަނީ 3000 އަހަރަށް ޖަލަށްކަން ނޭގޭ ލާނީ ދެންވެސް މަޑުން ހޮރަށް ވަދެ އޮވެބަލަ

    37
    1
  3. ދޮނާ

    އިބްރާހިމްއަށް ވުރެ އޮޅުވާލި ވެރިއެއް މިގައުމު ނުދެކޭ ،،،،

    20
    1
  4. އަބްދޫ

    ވެރިކަމަށް އައި އިރު ދަވްލަތުގެ ރިޒާވްގާހުރި 952 މިލިއަން ޑޮލަރު ފެނުނީމަ ވިދާޅުވީ ވަރަށް އަވަހަށް 1 ބިލިއން ޑޮލަރަށް އަރުވާނެ ކަމަށް.އެކަމަުކު ރިޒާވުން ޑޮލަރު ނަގަމުނަނަގަމުންގޮސް 5 އަހަރުގެ ވެރިކަން ނިމުނު އިރު ހުރީ 200 ވަރަކަށް މިލިއންޑޮލަރު. ވެރިކަމަށް އެރިއިރު ބްލެކްގަ ޑޮލަރެއްގެ އަގު ހުރީ 16.50 ރުފިޔާގަ 5 އަހަރު ނިންމާ ވެރިކަމުން ފޭބި އިރު ޑޮލަރުގެ އަގު ހުރީ 18 ރުފިޔާގަ. މިހާރު ޑޮލަރުގެ އަގު ހުރީ 17.50 ގަ ވީމާ ޑޮލަރުގެއަގުދިޔައީ ދަށަށްތަ ނުވަތަ މައްޗަށް ތަ؟ ކޮންމެއްކަސް ސާލިހުއަށް ވަނީ އޮޅުންއަރާފަ. ރައްޔިތުން ހޭލުންތެރިވެ ޑޮލަރުގެ އަގާށް ބައްލަވާ.

    22
    1
  5. ވ.ތެދު

    ވަގައްނެގި ޑޮލަރު ތައް އަދިވެސް ބޮޑުއަގުގައިވިކަން ބޭނުންވޭ،

    13
    1
  6. ހޭއަރާ

    މީ ފިތުނަ އުފައްދަން އުޅޭ ބައެއް. ރައްޔިތުންނޭ މި މީހުންނަށް ވޯޓު ނުދޭތި ނަމަމަ. 5 އަހަރު ނިމިގެން ދިޔައިރު ރާއްޖޭގެ މިނިވަންކަން ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލާފަ، ގައުމު ދަރަނިވެރި ކޮށްލާފަ، މިސްރާބު ހަމަމަގޭ ކިޔާފަ މިހާރު އޮތް ސަރުކާރަށް ޖެއްސުންކުރާނެ މަޖިލީސް މެމްބަރުން ތަކެއް ހޮވަން މި ބައިގަނޑު މި އުޅެނީ. ހިލާ އެހެން ވިޔަނުދޭތި ރައްޔިތުންނޭ.

    15
    1
  7. ހނހ

    ތިބޭފުޅާ ވެރިކަމައް އައީ ޗައިނާލޯނު ދަންތޫރައިގަ ޖެހެނިއްކިޔާފަ މަސްވެރިންނައް ހަމައަގު ދެނިއްޔޭ އަދި އެމީހުންގެ ޖީބު ފުރާދޭނަމޭ ޑޮލަރުންނާ ޕައުންޑުންނޭ ކިޔާ މަސްވރިންނައް ދިނީ ކުޑައަގު އަދި ދިމާނުވޭ ޑޮލަރުންނާ ޕައުންޑުން ލިބުނު މަސްވެރިޔަކާ. ރުފިޔާ ޖަހަމުން ލޯނުނަގަމުން ގޮސް ރުފިޔާގެ އަގުދައްވީ ވެރިކަން ނިމުނު އިރު ވަނީ އިންޑިޔާގެ ލޯނުދަންތޫރައިގަ ޖެހިފަ. މިހާރު ލޯނުނުނަގާ ރުފިޔާ ނުޖަހާ މިސަރުކާރު އެހިންގަނީ. ދެން

    15
    2
  8. ހަމްދު

    5 އަހަރު މަޖިލީހާ ހުރިހާ ބާރަކާ އެއްކޮއް އެއްކަމެއް ވެސް ނުކޮއް 122 ބިލިއަނުން ދަރުވާލާ ހުރިހާ ކުންފުނިތަކުން ހިޔާނާތްތެރި ވެފައިވާ މީހެއްތީ

    15
    1
  9. އަހްމަދ

    އަޅުގަނޑު އިއްޔެ ޑޮލަރ މާރުކުރީ 17.40 އަށް... މީގެ މަހެއްދުވަސް ކުރިން މާރު ކުރީ 17.90 އަށް... އޭގެ ދުވަސްގަނޑެއް ކުރިން ކުރީ 18.10 އަށް.
    މީ ދަށްވުމެއްތާ، ކުރީގެ ރައީސް ތިހެން ވިދާޅުވިޔަސް.

    12
    2
  10. ހުސެންފުތާ

    މީނަގެ ސަރުކާރުގައި އަހަރެމެން ދިރިތިބީމޭ. މިބައިގަނޑަށް އަދިވެސް ވޯޓްދޭތި ކަމެއްނުކުރެވުނަސް އަނގަ ބޮޑުވާނެ.

  11. ރާއްޖެތެރެމީހަ

    ބަލަ ތިބޭފުޅުންގެ އަނެއްރާއްޖެ ވެރިކަމުގަ ޑޮލަރުގެ އަގު އަތާ ފަޔާ ނުފޯރާވަރަށް ބޮޑުކޮށްފަ ، ދެން ކުޑަގޮހޮރޭ ނުކިޔަބަލަ .

  12. ލަލަމަ

    ރޯދަމަހު މިކަހަލަ ހަބަރުތައް ނުލިއުން ރަގަޅުވާނެ ޗޯރު