ރާއްޖެއިން ސާފް ސުޒުކީ ކަޕް 2018 ގެ ތަށި އުފުލާލުމުގެ އުފާ ފާޅުކުރުމުގެ ހަރަކާތްތަށް ގެނެސްދިނުމަށް "ވަގުތު" އިން ގެނެސްދޭ ޙާއްޞަ ލައިވް ކަވަރޭޖްގައި ބައިވެރިވުމުގެ ފުރުސަތު ވަގުތު ނޫހުގެ އެންމެހާ ކިޔުންތެރިންނަށް ވަނީ ހުޅުވާލެވިފައެވެ.

ސާފް ސުޒުކީ ކަޕް 2018 ގެ ތަށި ރާއްޖެއިން އުފުލާލުމުގެ އުފާ ފާޅުކުރުމުގެ ހަރަކާތްތަކަށް މިރެއިން ފެށިގެން ޙާއްޞަ ލައިވް ކަވަރޭޖެއް "ވަގުތު" އިން ގެނެސްދޭން ފަށާއިރު، މި އުފަލުގައި ކިޔުންތެރިންނާއި ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުގައި ތިއްބެވި ފުޓްބޯޅައަށް ލޯބިކުރައްވާ އަދި ޤައުމީ އުފަލުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބައިވެރި ކުރުމަކީ މި ނޫހަށް ވެސް ލިބޭ އުފަލެކެވެ.

މި ޙާއްޞަ ލައިވް ކަވަރޭޖަކީ މި އުފާވެރި މުނާސަބަތާއި ގުޅިގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ތިއްބެވި ދިވެހިން އުފާ ފާޅުކުރުމުގެ ގޮތުން ހިންގާ ތަފާތު ހަރަކާތްތަކުގެ އެންމެ ތާޒާ ފޮޓޯ އާއި ހަބަރު ގެނެސްދިނުމަށް ވަގުތު ނޫހުން ކުރިއަށް ގެންދާ ހާއްސަ ލައިވް ބްލޮގެކެވެ.

ވަގުތުގެ ކިޔުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދާ މި ކަވަރޭޖަށް، އެ ކިޔުންތެރިއަކު ހުރި ރަށެއްގައި ހިންގަމުންދާ ކަންތައްތަކުގެ ފޮޓޯ އާއި އެކަމާ ގުޅޭ ޚަބަރު، މި އުފާވެރި މުނާސަބާއަށް ވަގުތުން ހާއްސަ ކޮށްފައިވާ ވައިބަރ ނަންބަރު 9780038 އަށް ފޮނުވޭނެއެވެ.

ދިވެހިން ފަހުރުވެރިކަމާއެކު ފާހަގަކުރަމުންދާ މި އުފާވެރި މުނާސަބަތާއި ގުޅިގެން މުބާރާތް ކުރިއަށްދާ ބަންގުލަދޭޝް އަދި މާލެ އާއި އެކި ސަރަހައްދުތަކުގައި ހިނގާ ހަރަކާތްތައް ވަގުތުން ގެނެސްދިނުމަށް ވަގުތުގެ ނިއުސް ޓީމުން މަސައްކަތް ކުރަމުންދާނެއެވެ.

"ވަގުތު" ނޫހުގެ ފަރާތުން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުން ހޯދި ކާމިޔާބީއަށް މަރުޚަބާއާއި ތަހުނިޔާ އަރިސްކުރަމެވެ.