ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް މަސައްކަތްކުރީ ޣިއާސުއްދީން ސްކޫލާއެކު އެ ޕާޓީން ހެދި އެއްބަސްވުން އުވާލާފައިވާކަން އެ ޕާޓީއަށް އަންގާފައިވަނިކޮށް ކަމަށް ފުލުހުން ރޭ ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީއެންއެފް އިން ޣިޔާސުއްދީންގައި ހަރަކާތެއް ބެއްވުމަށް އެ ސްކޫލް ހިންގާ ފަރާތާއެކު ހެދުނު އެއްބަސްވުން އުވާލާފައިވާކަން އެ ޕާޓީއަށް އެންގުމުންވެސް، މި ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ފަރާތްތަށް ހުއްދައެއް ނެތި އެ ސްކޫލަށް ވަދެ އެ ހަރަކާތް ކުރިއަށް ގެންދިޔުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާތީ، އެ ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ޣިޔާސުއްދީންގެ މި އެދުމާ ގުޅިގެން އެ ސްކޫލު ރައްކާތެރިކޮށް މި ހަރަކާތް ހުއްޓުވުމަށް އެޑިއުކޭޝަނުން ފުލުހުންގެ ހިދުމަތުގައި އެދިފައިވާ ކަމަށެވެ. އަދި މި އެދުމާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ސްކޫލަށް ގޮސް އެ ހަރަކާތް އެ ސްކޫލުގައި ކުރިއަށް ނުގެންދެވޭނެކަން އެންގުމުންވެސް، ފުލުހުންގެ އެންގުމާ ހިލާފަށް އެ ހަރަކާތް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުމުން ފުލުހުން އެކަން ހުއްޓުވި ކަމަށްވެސް ބުންޏެވެ.

ގާނޫނާ އެއްގޮތަށް، އެ އޮންނަ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ޖަލްސާ އެންމެ ފުރަތަމަ ބާއްވަން ނިންމާފައި އޮތީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގައެވެ. ޕީއެންއެފުން ވަނީ އެ ޖަލްސާ ބޭއްވުމަށްޓަކައި އެ ސްކޫލްގެ ހުއްދަ ވެސް ހޯދައިފައެވެ. އެކަމަކު، ލޮޖިސްޓިކް ބައެއް ސަބަބުތަކާ ގުޅިގެން ޕީއެންއެފްއާއެކު ޣިޔާސުއްދީންގެ ހޯލް ދޫކުރުމަށް ވި އެއްބަސްވުން އިއްޔެ މެންދުރު ވަނީ ބާތިލްކޮށްފައެވެ. އަދި އެކަން އީމެއިލް މެދުވެރިކޮށް ޕީއެންއެފަށް އެންގިއެވެ.

އެކަމަކު، ޕީއެންއެފުން ވަނީ އެ އެންގުމަށް ބޮލާލައި ޖަހައި ޣިޔާސުއްދީން ސްކޫލްގައި ޖަލްސާ ބާއްވަން މަސައްކަތްކޮށްފައެވެ. އެހެންވެ، ފުލުހުން ވަނީ އެކަން ހުއްޓުވަން ވެސް މަސައްކަތްކޮށްފައެވެ. އެ މަސައްކަތް ފުލުހުން ކުރުމުން ފުލުހުންނާއި ޕާޓީގެ ސަޕޯޓަރުންނާ ދެމެދު ކުރުމަތިލުމެއް ހިނގިއެވެ.

ފުލުހުން އެކަން ހުއްޓުވި ނަމަވެސް، ޖަލްސާގައި ބައިވެރިވާން ދިޔަ ވަރަށް ގިނަ ބަޔަކު ޖަލްސާ ކުރާ ހޯލަށް ވަނެވެ. އެކަމަކު، ފަހުން އިއުލާން ކުރީ ކުރީގެ ނިއު ޕޯޓު ސަރަހައްދު ނުވަތަ ސިނަމާލެ ބްރިޖު ޕްލެޓްފޯމްގައި ޖަލްސާ އޮންނާނެތީ ހުރިހާ އެންމެން އެތަނަށް ދިއުމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބައިވެރިވި އެ ޖަލްސާ ފެށޭ ވަރު ވީ ރޭގައި 12 ޖަހާ ބޮޑުވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތެދު

    ފަހުވަގުތު އެއްބަސްވުން ބާތިލުކުރުން ގަބޫލެއް ނުކުރެވޭ،

  2. ހުސްބަސްތީ

    އެޑިޔުކޭޝަން މިނިސްޓަރުގެ އެންގުމަށްބއެއްބަސްވުން އުވާލީ، ޖަލްސާ ބާއްވަން ފުރުސަތު ދީފިނަމް އެޑިޔުކޭޝަނާއެކު އެސްކޫލުން ހަދާފައިވާވއެއްބަސްވުންބބާތިލުކުރާނެ ކަން ސްކޫލަށްބއެޑިޔުކޢޝަނުން އަންގައި ބިރުދެއްކި!

    7
    3
  3. ވަގުންގެ ރާއްޖެ

    ކަލޯ އެސްއޯ ފުލުހުންނެއް ނޫން މައްސަލައަކީ އަދި އެކަން ހުއްޓުވަން އެސްއޯ ފުލުހުން ފޮނުއްވި ކޮމާންޑަރ އެއްވެސް ނޫން ގޯހީ...
    އެކަން ހުންޓުވަން ފުލުހުންނަށް އަމުރު ކުރި މީހެއްގެ މައްސަލަ ތިޔައުޅެނީ....
    ބޮޑު ފޯސްއެއް ކޮންޓުރޯލް ކުރެވޭނީ އެތަނަށް އެސްއޯ ފޮނުއްވައިގެން...
    މެންދުރު ދިން ހުއްދަ ކެންސަލް ކޮއްފަ...
    ކަރަންޓް ކަނޑާލާފަ
    ފުލުހުންނަށް އެންގީ އެތަނަށް މީހުން ވަނީ ނުދިނުމަށް
    ސަރުކާރުގެ ބާރާއި ނުފޫޒު ރަނގަޅަށް ދައްކާލާފައި މިވަނީ

  4. ލޮޖޭ

    ކޮން ލޮޖިސްޓިކް ބައެއް ސަބަބުތަކެއްތަ ހުންނާނީ ސްކޫލް ބަންދުވެފަ އޮތް ހަފްތާއެއްގެ އެންމެ ރެއަކު ޖަލްސާއެއް ބާއްވައިގެން؟ އެއަށްވުރެ މޮޅު ބަހަނާއެއް ދައްކަން ނޭނގުނީތަ ސްކޫލަށް؟