ކުރީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލު ކުރަން ސަރުކާރުން ހުޅުވާލި ފުރުސަތަށް 1،913 ފަރާތަކުން ކުރިމަތިލައިފިއެވެ.

18 އޭޕްރީލްގެ ނިޔަަލށް ހުޅުވާލި އެ ފުރުސަތުގައި އިއުލާން ކުރި އަދަދަަށް ވުރެ އިތުރަށް ކުރިމަތިލާފައިވާއިރު، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭފަރާތްތައް ކަނޑައަޅާނީ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތަކުން ކަމަށެވެ.

އެ ވުޒާރާއިން މައުލޫމާތުދެއްވިގޮތުގައި ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިއެވެ. އަދި މި ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ ގުޅިފަޅަށް ކަމަށްވެސް ވިދާޅުވިއެެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން

  • 1250 އަކަފޫޓުގެ 193 ގޯތި
  • 1650 އަކަފޫޓުގެ 663 ގޯތި
  • 2050 އަކަފޫޓުގެ 487 ގޯތި
  • 2450 އަކަފޫޓުގެ 4 ގޯތި
  • ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ކުރިމަތިލި މީހުންގެ އަދަދުތައް
  • 1250 އަކަފޫޓުގެ 928
  • 1650 އަކަފޫޓުގެ 769
  • 2050 އަކަފޫޓުގެ 213
  • 2450 އަކަފޫޓުގެ 3

އެ ވުޒާރާއިން ވިދާޅުވީ، ގުރުއަތުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 1250, 1650 އަކަފޫޓުގެ ގޯތި ލިބިފައިވައިފަރާތްތަކުގެ މެދުގައި ކަަމަށެވެ. މި ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް އެ ވުޒާރާއިން އާންމުކޮށް އިއުލާނެކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 150 އެއްހާ ގޯތި ހުޅުމާލޭގައި ޕްލޭން ކޮށްފައިވާ މަގުތަކަށް އަރާ ކަމަށް މި ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ ގޯތިތައް އެހެން ތާކަށް ބަދަލު ކުރަން ޖެހޭ ކަމަށެް ވިދާޅުވެފައި ވެެއެވެ. އަދި ހޮޅިލައިންތަކާއި އަޑީގައި އަޅާފައި ހުރި ނެޓްވޯކްތައް ވެސް ބައެއް ސަރަހައްދުތަކުގައި ގޯތިތައް ދީފައިވާ ގޮތުން ބަދަލުކުރަން ޖެހޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރުމޯލުން

    ތީއެއްވެސް ވަރަކަށް ހަމަޖެހޭ ކަމެއް ނޫނެވެ. އެއީ ގުޅިފަޅުގައި އިތުރު ޖާގަ ހުރި ނަމަ މި ސަރުކާރުން އަލައް އެތަން ތަނައް އިއުލާން ކުރުން ރަނގަޅީ! އޭރައް ބޭނުންޖެހިފައި ތިބި ގިނަ ބަޔަކަށް އަނެއްކާވެސް ލިބޭނީ! މިހާރު ތިޔަހަދާ ގޮތުން ހަމަ ލިބުނު ބަޔަކަށް އަދިވެސް މި ސަރުކާރުން ވެސް މޮޅު ތިޔަ ކޮއްދެނީ! ތިކަން ހުއްޓާލާފައި ތިޔަ ޖާގަތަކުގައި ފްލެޓް ނުވަތަ ގޯތި ދެއްވާ!