ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތުގެ ދެ ފަންގިފިލާއެއްގައި ތިބި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މެޑިސިން ނުވަތަ ޑޮކްޓަރީކަން ކިޔަވަމުންދާ ދަރިވަރުންނަށް މިހާރަށްވުރެ ފުރިހަމައަށް ފެސިލިޓީތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައެވެ.

ހީނާ މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ހީނާ ވިދާޅުވީ، ދަރިވަރުންގެ ތައުލީމީ ހައްގުތައް ރައްކާތެރިކުރުމަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި މިހާރަށްވުރެ ފުރިހަމައަށް ދަރިވަރުންނަށް ފެސިލިޓީތައް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާއިރު، މީގެ ކުރީ ސަރުކާރުތަކަށްވުރެ ބޮޑަށް ދަރިވަރުންގެ ތައުލީމަށް މިސަރުކާރުން އިސްކަމެއް ދެއްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ތިބި ދަރިވަރުން އެތަނުން ނެރެން އެންގި މައްސަލައާއި ގުޅިގެން ސްޓޫޑެންޓުންގެ ޔޫނިއަން، އައިޖީއެމްއެޗްގެ އިސްބޭފުޅުންގެ އިތުރުން ރައީސް އޮފީހުގެ ޕޮލިސީ ލެވެލްގެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ހީނާ ވިދާޅުވިއެވެ.

ހޮސްޕިޓަލުން ލިބިދޭންޖެހޭ އަމަލީ ތަޖުރިބާތައް ދަރިވަރުންނަށް ކުރިއެކޭ އެއްގޮތަށް ފޯރުކޮށްދޭނެ - އެމްއެންޔޫ

"އެއްގޮތަކަށް ވެސް މިއުޅެނީ މެޑިކަލް ސްޓޫޑެންޓުން އައިޖޭއެމްއެޗުން ނެރޭކަށެއް ނޫން. ކުއްލިއަކަށް މިކަން ކުރާކަށެއް ނޫން މިއުޅެނީ. ތިބޭފުޅުންނަށް އެނގޭނެ، އަޅުގަނޑުމެން މި ކުރަނީ އެކުއެކީގައި ކުރަން ޖެހޭ ކަންކަން. ވަރަށް ގިނަކަންކަން ވަނީ ބޮއްސުންލާފަ. ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން ރަނގަޅު ކުރަން ޖެހޭ. ބައިވަރު ކަންކަން އެބަ ހުރި އެޓެންޑްވާން. ވަރަށް އަވަހަށް، ވަގުތެއް ނެތް. ވަރަށް އަވަހަށް ނިންމަން ޖެހޭ ކަންކަން އެބަހުރި" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވި ގޮތުގައި މި މައްސަލަ ނުކުންނަ ހިސާބަކީ އައިޖީއެމްއެޗްގެ އެނދުގެ ދަތިކަން ހުރުމުން، އެނދުތައް އިތުރު ކުރަން ޖެހުމެވެ. އަދި އެތަނުގައި އިތުރު އޮޕަރޭޝަން ތިއޭޓަރުތަކާއި އެހެނިހެން ފެސިލިޓީތައް ގާއިމު ކުރަން ޖެހޭ ހިސާބު ކަމަށް ހީނާ ފާހަގަ ކުރެއްވިއެވެ.

"މިއީ ވަރަށް މުހިންމު ދާއިރާއެއް. ކޮންމެ ދުވަހަކު އައިޖީއެމްއެޗްގައި ކިހާ ބޮޑު ކިއުއެއް އޮވޭތޯ. އެމަޖެންސީ ބައިގައި އެނދު ނެތިގެން އެޑްމިޓް ކުރަން ޖެހޭ އެތައް ބަލި މީޙުން އެތަނުގައި ތެރޭގައި އެބަ ތިބޭ. މިކަން ކަމަކީ ވެސް ސީރިއަސް ކަމެއް ހައްލު ކުރަން ޖެހޭ." ހީނާ ވިދާޅުވިއެވެ.

ދަރުމަވަންތަ އިމާރާތުގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް ތިބެވޭނެ ކަމުގެ އުއްމީދު އާވެއްޖެ - ޔުނިއަން

އެހެން ކަމުން އައިޖީއެމްއެޗްއާއި ދަރުމަވަންތައް ހޮސްޕިޓަލަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމީ ވެސް މިސަރުކާރުން އިސްކަމެއް ދޭ ކަމެއް ކަމަށާއި ހަމަ އެއާއެކު ދަރިވަރުންގެ ތައުލީމަށް ކުރަން ޖެހޭ ކަންކަމަކީ ވެސް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމެއް ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވި ގޮތުގައި މިހާރު ކުރެވުނު މަޝްވަރާގެ ތެރެއިން މިހާރު އެއްބަސްވެފައި އޮތީ ގެންނަން ޖެހޭ ބަދަލުތައް ވެސް ގެނެވޭ ގޮތަށް އަދި ދަރިވަރުންނަށް އެކަމުގެ އުނދަދޫ ތަހައްމަލު ނުކުރެވޭނެ ގޮތަކަށް ކުރިއަށް ދިއުމެވެ.

"ކުރިއަށް އޮތް ތަނުގައި އެ މަޝްވަރާގެ ތެރެއިން މެޑިކަލް ސްޓޫޑެންޓުންނަށް ލުއި ފަސޭހަ ގޮތެއްގައި އެކުދިން ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަކަށް އެބައި ހަމަޖެހިގެންދާނެ" ހީނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އޭނާ

    ތީވަރަށްރަނގަޅުނިންމުމެއް ދިވެހިންއަވައްޓެރިޤައުމެއްގެއަތްދަށުނުވެ ފުރިހަމަމިނިވަންކަން ހުރިހާގޮތަކުންވެސް ޤާއިމްކުރަންޖެހޭ. ދިވެހިންނައްނުކުރެވޭކަމެއް ވަކިބޭރުމީހުންނަކައްވެސް ނުކުރެވޭނެ. ރާއްޖޭގެ ޓޫރިޒަމްގެދާއިރާގަވެސް ދިވެހިންގެވަޒީފާހިއްސާކުރާމިންވަރު ވަރައްބޮޑުތަންއިތުރުކުރަންޖެހެ. ސަރުކާރުހިއްސާވާކުންފުނިތަކުގަވެސް ދިވެހިންނައްއަދާކުރެވޭނެ ވަޒީފާތަކައް ދިވެހިންލާންޖެހެ. އެހެންނޫނީމިޤައުމު ހަޤީޤީމާނައިގަ ދެވެހިންގެރާއްޖެ އަކައްނުވާނެ.

  2. ހެ

    ކަންކަން އަބަދުވެސް ރަގަނޅުވާނަމަ، އެއީ އަހަރެމެން އެދޭ ގޮތް.

  3. މައިސޫރު

    އަލަށް އައި ކަލޭގެ ކޮޓަރި ހަދަން ފަންގިފިލާ ހުސްކުރާކަށް ނުޖެހޭނެ

  4. ގައުމީ ޔުނިވަރސިޓީ ދަރިވަރު

    ގައުމީ ޔުނިވަރސިޓީއިން ތައުލީމު ހާސިލް ކުރުމުގައި ތަކުލީފުތަކާއި، ގޮންޖެހުންތަށް ހުރީ ހަމައެކަނި މެޑިސިން ކިޔަވާ ދަރިވަރުންނަކަށް ނޫން. ފެކަލްޓީ އޮފް ހެލްތު ސައިންސްއާއި، ނާސިންގ ދާއިރާއިން ކިޔަވާ ދަރިވަރުންނަށްވެސް ތަފާތު ގިނަގުނަ ގޮންޖެހުންތަކާއި ތުރާތަށް އެބަހުރި. ނާސިން އާޓް ލެބްގައި އެންމެ ޒަމާނީ ވަސީލަތްތައް ދަރިވަރުންނަށް އެކަށީގެންވާ މިންވަރަށް ނެތް އިރު 1000ށް ވުރެ ގިނަ ދަރިވަރުން ބޭނުންކުރަން ހުރީ އެންމެ ނާސިންގ އާޓް ލެބެއް. ކިޔަވައިދެއްވާ ފިލާވަޅު އަމިއްލައަށް ލެބްގައި ޕްރެކްޓިސް ކޮށްލަން ލިބެނީ ވަރަށް މަދުފަހަރަކު. ދުވާލަކު 11 ގަޑިއެއްހާއިރު ފޮތް ބަހައްޓާލާނެ ޑެސްކެއްނެތި ގޮނޑިއެއްގަ މިތިބެނީ ޖާގައިގެ ދަތިކަމުން . އަދި ނާސިންގ ސްކޫލްގައި އެންމެ އޮޑިޓޯރިއަމް އެއް ހުރުމާއި އެކު ގައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތުގައި ހުންނަ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ގިނަ ކްލާސްތަކެއް ނަގަން ޖެހުމާއި، ނާސިންގ ކިޔަވާ ބައެއް ބެޗްތަކުގެ ކިޔެވުން އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ކެމްޕަހުގައި ކުރިޔަށް ގެންދަން ޖެހުމަކީ އަޅުގަނޑުމެންގެ ދަރިވަރުންނާއި ލެކްޗަރަރ އިންނަށް ބޮޑު ގޮންޖެހުމެއް. އަޅުގަނޑުމެން ނާސިންގ ދަރިވަރުންނާއި ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ދަރިވަރުންވެސް އައި.ޖީ.އެމް.އެޗް ގައި 08 ގަޑިއިރަށްވުރެ ދިގު ޑިއުޓީތަށް މިކުރަނީ މެޑިސިން ދަރިވަރުންނާއި އެފަދައިން ތިޔަ ބުނުއްވާ ރެސްޓް ރޫމެއް ނެތި.

    ދިވެހި ސަރުކާރުން ހެޔޮގޮތް ހޯއްދަވައި ދެއްވަން ޖެހޭނީ ހަމައެކަނި މެޑިސިންގ ކިޔަވާ ދަރިވަރުންނަށް އެކަންޏެއް ނޫން. އަޅުގަނޑުމެން ވެސް ހެޔޮގޮތް ބޭނުންވާތީ ހަމަ ބުނެލީ.

  5. ޣގގ

    ޙހހ