ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މެޑިސިން ނުވަތަ ޑޮކްޓަރީކަން ކިޔަވަމުންދާ ދަރިވަރުން ކިޔެވުމަށް ދަރުމަންތަ ހޮސްޕިޓަލުން ލިބިދޭން ޖެހޭ އަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް އެ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށް އެމްއެންޔޫ އިން ބުނެފިއެވެ.

އެމްއެންޔޫއިން މިގޮތަށް ބުނީ ރާއްޖޭގެ އެމްއެންޔޫ އިން މެޑިސިން ނުވަތަ ޑޮކްޓަރީކަން ކިޔަވަމުންދާ ދަރިވަރުން ކިޔެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްލައިފާ ދެ ފަންގިފިލާ ހުސްކުރަން އެންގުމާއި ގުޅިގެންނެވެ.

އެމްއެންޔޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލު ދަރުވަމަވަންތަ ހޮސްޕިޓަލުގައި 2018 ވަނަ އަހަރު ޤާއިމުކުރީ ވަގުތީ ގޮތުން ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް އާންމު ރައްޔިތުންނަށް ކަންކަން ފަސޭހަކުރުމަށް އިތުރު ޖާގަ ބޭނުންވާތީ މެޑިކަލް ސްކޫލްގެ ވަސީލަތްތައް ޤައުމީ ޔުނިވަރސިޓީގެ މައި ކެމްޕަސްއަށް ބަދަލު ކުރަން ނިންމީ އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ ފައިދާ ބޮޑުވާނެ ކަމަށް ޤަބޫލުކުރެވޭތީ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބްތަކުން ދޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެގޮތަށް އިންތިޒާމް ޔުނިވަރސިޓީން ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޔުނިވަރސިޓީން ކަންތައްތައް އިންތިޒާމް ކުރުމުގައި އަބަދުވެސް އިސްކަންދޭނީ ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާ ގޮތަށް ކިޔެވުމުގެ ފެންވަރު ހިފެހެއްޓުމަށް ކަމަށާއި ދަރިވަރުންގެ ރައްކާތެރިކަމާ ލާބަ ކަށަވަރު ކުރުމަކީ އެ ޔުނިވަރސިޓީގެ އެންމެ އިސް ވާޖިބު ކަމަށެވެ.

ޤައުމީ ޔުނިވަރސިތީގެ މެޑިކަލް ސްކޫލް ކެމްޕަސް ހުޅުމާލޭގައި އެޅުމަށް ސަރުކާރުން އެ ޔުނިވަރސިޓީއާއެކު އަމަލީ ގޮތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްއެންޔޫގެ ފަރާތުން ހިންގާ މެޑިސިން ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 12 ވަނަ ފަންގިފިލާ ދޫކޮށްފައި ވެއެވެ. ނަމަވެސް އެތަން ހުސްކުރަން އަންގާފައިވާތީ އެ އެތަނުގައި ކިޔަވަމުންދާ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.