ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ކަނޑައަޅާނީ ޕާޓީގެ މަޝްވަރާއަށްފަހުގައި ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބިފައިވާއިރު މަޖިލިސް ރައީސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި ފަރާތަކަށް ތާއީދު ކުރައްވާތޯ ސުވާލު ކުރައްވާފައެވެ.

މި ސުވާލުގެ ޖަވާބުގައި ހީނާ ވިދާޅުވީ އެކަމަކީ ސަރުކާރަށް ވުރެއް ބޮޑަށް ޕާޓީ ލެވެލްގައި މަޝްވަރާ ކުރެވޭނެ ކަމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނިންމުމުގެ ކަންކަން ކުރިއަށްދާނީ ޕާޓީގެ މަޝްވަރާއަށްފަހު ކަމަށެވެ.

"ތި ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަ، ސަރުކާރަށްވުރެ ބޮޑަށް އެއީ އަޅުގަނޑުމެން ޕާޓީ ލެވެލްގައި މަޝްވަރާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ނިންމުމުގެ ކަންކަން ކުރިޔަށް ދާނީ. އެހެންވީމާ އެ މަޝްވަރާތައް ކުރިޔަށް ދާނީ ޕާޓީ ލެވެލް ގައި." ހީނާ ވިދާޅުވިއެވެ.

އަދި ސުޕަމެޖޯރިޓީ ލިބުނު ނަމަވެސް އޭގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ޕީޕީއެމް/ޕީއެންސީއަށް ލިބިފައި އޮތުމަކީ އެއްގޮތަކަށް ވެސް އެ ސުޕަމެޖޯރިޓީ އަޅުގަނޑުމެން ނަހަމަ ގޮތުގައި ބޭނުން ކުރާނެ ކަމެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނަސް އެ ބޭނުންކުރައްވާނީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި އެ އިންނަ ޕްރޮސެސްގެ ތެރެއިންނޭ," ހީނާ ވިދާޅުވިއެވެ.

ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިވާކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރުކަމަށް ހޮވުން މަޖިލީހުގެ ކުރީގެ ނައިބުރައީސް އަހުމަދު ނާޒިމްގެ އިތުރުން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުވެސް ޝައުގުވެރިވާކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ.

20 ވަނަ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 66 އަށް ވުރެ ގިނަ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީ އަށް ވަނީ ލިބިފައެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީއެވެ. އިދިކޮޅު އެމްޑީޕީ އަށް ލިބިފައިވަނީ 10 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރިއިރު، އޭގެތެރެއިން ހަތް ބޭފުޅަކު މިހާރު ވަނީ ޕީއެންސީ އަށް ސޮއިކުރައްވާފައެވެ. އެއާއެކު މަޖިލީހުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 73 އަށް އަރާފައެވެ. މި އިންތިހާބުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއަށް ދެ ގޮނޑި އަދި އެމްއެންޕީން ގޮނޑިއެއް ކާމިޔާބުކޮށްފައިވެއެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް އެއް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.

އިންތިހާބީ މެންބަރުން ހުވާ ކުރެއްވުމަށް ނިންމާފައިވަނީ މެއި 28 ވަނަ ދުވަހުގައެވެ.