މި ސަރުކާރުން ހިންގާ މުހިންމު މަޝްރޫއެއް ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުން ނުހުއްޓޭ ކަމަށާއި ވަގުތަށް މަސައްކަތް ނިންމާލާނެ ކަމަށް ރައީސް އޮފީހުގެ އާ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި ވެލިއެޅުން ހުއްޓިފައި އޮތުމަކީ މުޅި މަޝްރޫއު ހުއްޓިފައި އޮތުން ނޫން ކަމަށެވެ. އެގޮތުން، ވެލި އެޅުން ނޫނަސް، މަޝްރޫއުގެ އެހެނިހެން މަސައްކަތްތައްވެސް ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ތިބޭފުޅުން މިސާލަކަށް އެ މަޝްރޫއެއް ހުއްޓުން ނުވަތަ ކުރިއަށް ނުދިޔުން އެ މާނަކުރައްވަނީ މިސާލަކަށް އެ ތަނަށް އަޅާ ވެލިކޮޅެއް އެޅުން ނުފެންނާތީތޯ އެއީ ހަމަ ކޮށްލަން ބޭނުންވާ ސުވާލެއް އިނގޭތޯ. އެ ވެލިކޮޅު އެ ތަނަށް ނޭޅިކަމުގައި ވިޔަސް އެއާ ގުޅިގެން އެ ވަށައިގެން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ވެސް ހުރެދާނެ، ހުންނާނެ،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، މި މަޝްރޫއަކީ އިދާރީ ގޮތުންވެސް ގިނަ ކަންތައް ކުރަންޖެހޭ މަސައްކަތެއް ކަމަށާއި މިވަގުތުވެސް އެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. އަދި ރައީސް ވިދާޅުވި ތާރީހަށް މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެހެންވީމާ އޭގެ ޖަވާބަކަށް އަޅުގަނޑު މި ދަންނަވަނީ ފުށިދިއްގަރު މަޝްރޫއު ހުއްޓުމަކަށް ނާދެޔޭ. އެ މަޝްރޫއު ކުރިއަށްދާނޭ. ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވެފައި އިން ގޮތަށް އެ ތާރީޚަށް އެ މަޝްރޫއު ނިންމޭނޭ،" ހީނާ ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅުން ހިއްކަނީ 1153 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ. މިދިޔަ އަހަރު ޑިސެމްބަރ 18 ވަނަ ދުވަހު އެ މަޝްރޫއު ފެށިގެންދިޔައިރު ރައީސް މުއިއްޒު ވިދާޅުވީ މަސައްކަތް ފަށާ ދުވަހުން ފެށިގެން މެދުނުކެނޑި މަސައްކަތް ކުރިއަށް ގެންގޮސް 8 މަސް ދުވަހުން ނިންމާނެ ކަމަށެވެ.

ފުށިދިއްގަރު ފަޅު ހިއްކައި ނިމުމުން އެތަނުގައި "ރަސްމާލެ"ގެ ނަމުގައި އެންމެ ޒަމާނީ ފެންވަރުގެ އާ ސިޓީއެއް ބިނާ ކުރާނެއެވެ. އަދި އެ ރަށް މާލެއާ ގުޅުވާލާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެ މަޝްރޫއު މިހާރު އޮތީ ހުއްޓިފައި ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އިދިކޮޅު ފަރާތްތަކުން ދަނީ ގިނަ ވާހަކަތައް ފަތުރަމުންނެވެ. އެހެންނަމަވެސް އެއީ ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަކީ

    ހެހެ އެހެންވީމަ އޮގަސްޓް 18 ވާއިރު އޮނނާނީ ނިމިފަ ހީނާ އެވިދާޅުވަނީ އެތަނަށް ފަސްއެޅުން އެކަންޏެއް ނޫނޭ އެތާ ކުރަނީ އެހެނިހެން ވަރަށް ގިނަ މަސަޢްކަތް ކުރިޔަށް ދާކަމަށްވިދާޅުވާއިރު މިސާލަކށް ފުރަތަމަ ކަމަކަށް އޮންނާނީ ބިން ހިއްކުން ނޫން ތޯ ބިން ހިއްކާ ނިމުނީމަ ނޫން ތޯ އެތާގަ ފެނާ ނަރުދަމާ ޔާ ކަރަން ޓާ މިކަން ތަޢް ކުރާނީ ހީނާ އެވިދާޅުވާގޮތުން ފަހަރެއްގާ މިހާރު އެތާގަ ހިންގަމުން ދަނީ ސުކޫލްތަކާ މިސްކިތްތަކާ މިކަހަލަ ކަންތަ ކަމައް ވެސް ވެދާނެ

    3
    15
  2. ކުރިޓިކު

    އެމަނިކުފާނު ވޮއްގަޑެއް ގެންގުޅުއްވަންޏާ ނުވާނީ ކޮންކަމެއްތޯ! ސާބަހޭ ހިންގާލާފާ ބިހިއްޓާ.

  3. ޒާ

    ތެދުބަހުން ވާހަކަ ދައްކަން ނޭނގޭއިރު ހީނާ ތިތާ ހަޑިހޭވިޔަސް ކަމަކު ނުދޭ