ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރުމަށްފަހު ދިވެހި ގައުމީ ޓީމް އެނބުރި ރާއްޖެއަށް އަތުވެއްޖެއެވެ.

ޤައުމީ ޓީމް ރާއްޖެއަށް އައީ މިހާތަނަށް ރާއްޖެއަށް ޖައްސާ އެންމެ ބޮޑު ފްލައިޓް، އިއްތިހާދު އެއާވޭސްގެ އޭ380 ގެ ފްލައިޓެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ރަންވޭ ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

ޤައުމީ ޓީމަށް މަރުޙަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި ސަރުކާރުގެ އިސް ބޭފުޅުން ވެލާނާ އެއާޕޯޓަށް ވަޑައިގެން ތިއްބެވިއިރު، ގިނަ ޢަދަދެއްގެ ޢަންމުންވެސް އެއާޕޯޓަށް ޖަމާވެފައި ތިއްބެވެ.

ޤައުމީޓީމުގެ ކުޅުންތެރިވަން ވަނީ އެއާޕޯޓަށް ފައިބާ ޓްރޮފީ ރައީސް ޔާމީންގެ އަތްޕުޅަށް އަރުވާފައެވެ. ރައީސްގެ ދެކަނބަލުންޓްރޮފީ އާއި އެކު ޚާއްސަ ފޮޓޯފުޅެއް ނެންގެވިއިރު، ރައީސް ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް މަރުޙަބާ ދަންނަވާފައެވެ.

ޤައުމީ ޓީމަށް މަރުޙަބާ ދެންނެވުމުގެ ގޮތުން މާލޭގައިވެސް ގިނަ ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސާފްގެ ތައްޓާއެކު ރެލީއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ޤައުމީ ޓީމް ރާއްޖެ އައުމުގެ ކުރިން، ސާފްގެ ކާމިޔާބީއާއި އެކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އުފާ ފާޅުކުރުމުގެ ޙަރަކާތްތައް ބާއްވަމުންނެވެ.

ރާއްޖެއިން މިއަހަރުގެ ސާފް ތަށި ކާމިޔާބުކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުން އިންޑިއާ ބަލިކޮށްގެންނެވެ. ރާއްޖެއިން 2008 ވަނަ އަހަރުވެސް ސާފް ޗެމްޕިއަންޝިޕް ނަގާފައިވާ އިރު، މިއަހަރުގެ ފައިނަލަކީ 2009 ވަނަ އަހަރަށްފަހު ރާއްޖެއިން ކުޅުނު ފުރަތަމަ ފައިނަލެވެ. އެ އަހަރު ފައިނަލްގައި ރާއްޖެ ބަލިވީ އިންޑިއާ އަތުންނެވެ.