ހިތްވަރާއި އޯގާތެރިކަމާއެކު މަސައްކަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ވައުދުވެ އެކަމަށް ޢަޒުމް ކަނޑައެޅުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެދިވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އަދި ހިސާބު ހިމެނޭ "ސްޓެމް" ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމަށެވެ. އަދި ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުން ނިސްބަތްވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށްކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ. އަދި މުޖުތަމައުގައި ސްޓެމްގެ މުހިންމު ދައުރެއް އޮތް ނަމަވެސް، ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ. މިގޮތުން، އަންހެނުންނާއި ފިރިހެނުންނަށްވެސް ސްޓެމްގެ ދާއިރާތަކުން މަތީ ތައުލީމު ހޯދުމާއި، މަސައްކަތުގައި ބައިވެރިވުމާއި، ކާމިޔާބީއަށް ހާސިލްވާން ހުރަސްތަކެއް ހުރިކަން ފާހަގަކުރެއްވިއިރު، އުފެއްދުންތެރިކަމާއި، ދިމާވާ ކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި "ސްޓެމް ކޮމިއުނިޓީ"އެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ދަރިވަރުންނާއި ބެލެނިވެރިންނާ މުޚާޠަބު ކުރައްވާ މެޑަމް ސާޖިދާ ވާހަކަފުޅުގައި، އެމްއެންޔޫން ޑިގްރީ ހާސިލް ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫން ކަމަށާއި، ދަރިވަރުންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، ހުރިހާ ދަސްވެނިންނަށް ތަހުނިޔާއާއި މުބާރްބާކީ ވިދާޅުވިއެވެ. އަދި ހަޔާތުގެ ދެން އޮތް މައިދާނަށް ނުކުންނަވާއިރު އެންމެންގެ ތަފާތުވުންތައް ގަބޫލު ކުރެއްވުމަށާއި، އެކަކުވެސް ބާކީ ނުކުރައްވައި ވަޒީފާ އަދާކުރެއްވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގެ ޖަލްސާގައި ސަނަދު ޙާސިލް ކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން 28 ދަރިވަރުން އަދި ސްކޫލް އޮފް ނަރސިންގ އިން 94 ދަރިވަރުންނެވެ.

މެޑަމް ސާޖިދާ ވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ހިންގި އެކިއެކި ޑިގްރީ އަދި މާސްޓަރސް ކޯސްތައް ނިންމި ދަރިވަރުންނަށް ސަނަދު ހަވާލުކުރައްވާފައެވެ. މީގެ އިތުރުންވެސް ޝަރަފުގެ އެވޯރޑް ލިބުނު ފަރާތްތަކުގެ ތެރެއިން ގްރޭޑް ޕޮއިންޓް އެވްރެޖް 3.5 ނުވަތަ އެއަށްވުރެ މަތި ލިބުމާއެކު، އެކި ކޯސްތަކުން އެއްވަނަ ހޯދާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލްކުރެއްވި 2 ދަރިވަރުންނަށްވެސް މެޑަމް ސާޖިދާ އިނާމު ހަވާލު ކޮށްދެއްވާފައެވެ.

ޤައުމީ ޔުނިވަރސިޓީގައި 3000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންގެންދެއެވެ. ޔުނިވަރސިޓީގައި މިވަގުތު 11 ފެކަލްޓީއަކާއި، މާލޭ ކެމްޕަސް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ކެމްޕަސް ހިންގަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާރ

    އަޒުމް ކަނޑައަޅައިގެން ކަލޭމެން ތެބެނިއްޔޭ. ތިބެފަ ހަދަނީ ހުސް ފުޓްސަލް ދަނޑު. ދެން ގޭންގުތަކަށް ބައިބަލާ މުބާރާތް ބާއްވަދެނީ..

  2. ސުދީރު

    މިގައުމުގައި ތައުލީމީ ދަރިން އެބައުފެދޭ، އެހެން ނަމަވެސް ކުރިއަށްއޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރެވޭނީ ގައުމު ހިންގުމުގެކަންކަން އިސްލާހު ކުރެވިގެން، ރައީސް މައުމޫނުވިދާޅުވިހެން ރައްޔިތުން އެރައްޔިތުންގެ މަސްއޫލިއްޔަތު އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއި އެކު އަދާކޮށްގެން. ރައްޔިތުންގެ ވޯޓުން މަގާމްތަކަށް ހޮވާމީހުންނީ އިލްމީ ގާބިލް އިހްލާސްތެރި މީހުންނަށްވެގެން، ރައްޔިތުންގެ ވޯޓުން އެރައްޔިތުން ހޮވާމީހުންނީ ކުޑަފައިސާކޮޅަކަށް، ނުވަތަ ކޮންމެވެސް ނުފުދިފައިއޮތް ހާޖަތެއް ފުއްދައިދިނުމުން ހަދިޔާއެއްގެ ގޮތުގައި ހޮވާމީހުން ކަމަވަންޏާމު ކިތަންމެ އިލްމީ ދަރިންތަކެއް އުފެދިގެން އަޔަކަސް ގައުމުގެ މަތީފަޑީގައި ތިބޭނީ މަގުމަތީހަރަކާތުން އުފަންވެފައިތިބި ތައުލީމު މަދު ކޮރަޕްޓް މީހުން.

  3. ވިލިމާލެ ކަމަނަ

    ސާބަހޭ މެދަމް ތހިޔައޭ މިހާތަނަށް ލިބުނު އެންމެ ގާބިލު ތެދުވެރި މެދޑަމަކީ ފަހަތައް ނުޖެހި ތިގޮުގަ ކުރިއަށް ވަޑައި ގަންނަވާ.

  4. ވިލިމާލެ ކަމަނަ

    ސާބަހޭ މެޑަމް ތިޔައޭ މިހާތަނަށް ލިބުނު އެންމެ ގާބިލު ތެދުވެރި މެޑަމަކީ ފަހަތައް ނުޖެހި ތިގޮތުގަ ކުރިއަށް ވަޑައި ގަންނަވާ.