ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މޮބައިލް ފޯނު ހިފައިގެން ނޫސްވެރީންނަށް ނުވަދެވުނުކަމަށް ބުނެ ދެކެވެމުންވާ ވާހަކަ އެ އޮފީހުން ދޮގު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭނެ ކަމަށް ބުނެ މީޑިޔާތަކުން ވަނީ ހަބަރު ފަތުރާފައެވެ. މިގޮތަށް ރައީސް އޮފީހުން ނިންމީ އެ އޮފީހުގެ ސަލާމަތީ އާންމު ޕްރޮޓޮކޯލްގެ ދަށުން ކަމަށް ރައީސް އޮފީހުގެ އޮފިޝަލާއި ހަވާލާދީ މީޑިޔާތަކުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "ވަގުތު"އަށް ވިދާޅުވީ އެގޮތަށް ބުނެފައި ނުވާނެ ކަމަށާއި މިއަދުވެސް ނޫސްވެރިން ބައްދަލުވުމަށް ދިޔުމުން ފޯނާއެކީ ވެއްދި ކަމަށެވެ. އަދި ފޯނު ވެއްދުން މަނާ ނުކުރާ ކަމަށްވެސް ހަލީލު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުން ދާދި ދެންމެއަކު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ހަބަރެއް ކަމަށެވެ. މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީންވެސް ބައިވެރިވީ ފޯނާއި އެކުގައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި ޢަމަލުކުރަމުންދާ އާއްމު އުސޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރެއްވުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ނަމަވެސް މިއަދުވެސް އަދި މީގެ ފަހުންވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރީންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނޭ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.

"ނޫސްވެރީންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުޞަތުގައި އަރުވަމެވެ. އަދި މިއަދު އޮތް ނޫސްވެރީންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ވަދެ ތިބުމަށްފަހު، ކަން ހިނގާފައިވާގޮތުގެ ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ހަބަރުފަތުރަމުން ދިއުމަކީ ޒިންމާދާރުކަމެއް ނޫންކަމުގައިވެސް ދަންނަވަމެވެ.". އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލް

    ނޫސްވެރިން ނުދާނެކަމަށްބުނުމުން ، މީގެފަހުން ދެން އޮންނަ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް ނުވަދެވޭނެ ކަމަށް މިހާރު އަންގާފަ އޮތީ. އަބަދު ޑިފެންސަށް ނުކުޅެބަލަ.

    ދައްކާ ދެކޮޅުނުޖެހޭ ވާހަކަ.

    3
    3
    • ޝަރފު

      ހަމަރަގަޅަށް. ބަލަގަ ތިޔަ ނޫސްވެރިން ސުވާލުކުރަމުން ދިޔައީ އެބުނާ ފޯނު ބަލައިގެން. ލައިވް ވީޑިއޯ އެހެރީ. ނޫސްވެރިންވެސް ބުހުތާނު ދޮގުހަދާ އޮޅުވާލާކަށް ނުވާނެ. މިފަހަރު ތިއޮތީ އަތަށް ގޮވާފަ.

  2. އައްނި

    ބަލަ ރައީސް އޮފީހުގެ ހުރުމަތްވެސް ނޫސްވެރިން ތިޔަ ވެއްޔާމޮޑެލަނީ ބައެއްތަންތަނައް ފޯނުފަދަ ބައެއް ޑިވައިސްތައް ނުވެއްދޭ ފަހަރުައންނާނެކަން އެގެންވާނެ ސެކިއުރިޓީ އަކީ ކޮންމެ ވަގުތަކު ހާމަކުރާނެ ކަމެއްވެސް ނޫން ގިނަފަހަރު ފޯނުވެސް ވައްދާ ބައެއްފަހަރު ތިޔަހެންވެސް ވާނެ