އިސްރަށްވެހިންގެ ޚާއްސަ ލުއި ކަސްރަތު ޕްރޮގްރާމެއް "އޭޖްޑް ކެއަރ މޯލްޑިވްސް" އިން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވަލޮޕްމަންޓުން ބުނީ މި ޕްރޮގްރާމަކީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު 16:00ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

ކަސްރަތު ޕްރޮގްރާމުގެ ތެރެއިން
"އިސްރަށްވެހީންގެ ނާދީ" ހަދާފައި ވަނީ އަމީރު އަހްމަދުމަގުގައި ހުރި، ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައެވެ. މި ނާދީ ހުޅުވުމަށް ފެބުރުވަރީ 17 ވަނަ ދުވަހު އިސްރަށްވެހީންގެ ނާދީ ހުޅުއްވައިދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

އެކިއެކި ވުޒާރާތަކާއި އެސޯސިއޭޝަންތަކުން ނާދީގައި އިސްރަށްވެހީންނަށް ތަފާތު ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާއިރު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ވެސް ވަނީ ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައި ވެއެވެ.

އަހަރުދުވަހަށް ބަހާލައިގެން އިސްރަށްވެހީންގެ ނާދީގައި އެމްއެންޑީއެފްއިން އެކި ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާއިރު، އޭގެތެރޭގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން ހިންގޭ އެކި ޕްރޮގްރާމްތަކާއި، ސިއްހީ ދާއިރާއާ ގުޅުންހުރި އެކިކަހަލަ ހަރަކާތްތަކުގެ އިތުރުން، މެރިޓައިމް ދާއިރާއާ ގުޅުންހުރި އެކި ކަހަލަ ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.