ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ލޯން ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިހާރު ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވަނީވެސް މިހާރު ކިޔަވަމުންދާ ޒުވާން ކުދިންނަށް ފަހި ފުރުސަތުތަކެއް ފަސޭހަ ގޮތެއްގައި ދިނުމަށް ކަމަށެެވެ. އެގޮތުން މިހާރު ވިސްނަމުން ދަނީ ފަސޭހަކޮށްދިނުމުގެ ގޮތުން ސްޓޫޑެންޓް ލޯނުގެ ކަންތައް އެންމެ ރަނގަޅު ގޮތެއްގައި ގެންދިއުމަށް ކަަމަށްވެސް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑު އެބަ އޮތް ވަރަށް މުހިންމު ވާހަކައެއް ހިއްސާ ކޮށްލަން ރާއްްޖޭގެ ލޮބުވެތި ރައްްޔިތުންނަށް، މިވަގުތު އަޅުގަނޑުމެން މި ދަނީ ސްޓޫޑެންޓް ލޯނުގެ ޕްރޮސެސް ކުރިއަށް، އަދި އިތުރުވެސް ކޮށްފިން އަޅުގަނޑުމެން އެއީ ދޭއް މެއިއަކީ އެންމެ ފަހު އެޕްލިކޭޝަން ލެވޭނެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ބޭނުންފުޅު ވަނީ މިވަގުތު ލޯނަށްލާ ހުރިހާ ކުދިންގެ ޝަރުތުހަމަވާނަމަ ހުރިހާ ކުދިންނަށް ލޯނު ދެއްވުން.". ވަޒީރު ވިދާޅުވިއެވެ.

"އަހާ" ފޯރަމްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ

ހިލޭ ޑިގްރީ ދަށުން ކިޔަވާ ދަރިވަނުންނަށް އަދި ސްޓޫޑެންޓް ލޯންތަކަށް މި އަހަރުގެ ބެޖެޓުގައި 700 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ބަޖެޓުގައިވާގޮތުން ދަރިވަރުންނަށް ލޯނު ދޫކުރަން 550 މިލިއަން ރުފިޔާ އާއި ހިލޭ ޑިގްރީ ޕްރޮގްރާމަށް 156 މިލިއަން ރުފިޔާގެ އިތުރުން ސްކޮލަޝިޕްތަކަށް 184 މިލިއަން ރުފިޔާ އަދި ފޮތް ލިސްޓާއި ސްކޫލު ފީގެ ގޮތުގައި 192 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.