ނ. ކުޑަފަރީގެ މަސައްކަތް މި ސަރުކާރުން ހުއްޓާ ނުލާ ކަމަށާއި އެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ނ. ކުޑަފަރީގައި އަޅަން އެމްޑީޕީ ސަރުކާރުން ނިންމާފައިވާ ސިއްޚީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓްކޮށް، މަސައްކަތުގެ ސައިޓު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނިކޮށް ސަރުކާރު ބަދަލުވެ މި މަސައްކަތް ހުއްޓިފައިވާތީ މި މަސައްކަތް އަލުން ފަށައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވޭތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވަނީ ވަޒީރާ ސުވާލުކުރައްވައިފައެެވެ.

މި ސުވާލުގެ ޖަވާބުގައި ހަލީލް ވިދާޅުވީ، ކުޑަފަރީ ސިއްޚީ މަރުކަޒުގެ މަސައްކަތް 29 އޮގަސްޓު 2023 ވަނަ ދުވަހު ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވިފައިވީ ނަމަވެސް މަސައްކަތް ފަށާފައި ނުވާ ކަމަށާއި މި ސަރުކާރުންވެސް އެ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރާއި މުއާމަލާތް ކުރި ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ކޮންޓްރެކްޓަރާ ކޮންޓެކްޓްކޮށްގެން މަސައްކަތް ފެށުމުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން ދެފަހަރެއްގެ މަތިން މިހާރު ވަނީ އެކަން ކުރެވިފައި. އެހެންނަމަވެސް އަދިވެސް އެކަން މޮބަލައިޒްކޮށްފައެއް ނުވޭ، އަޅުގަނޑުމެން މިހާރު ވާނީ ކޮންޓްރެކްޓާއަށް ނޯޓިސްވެސް ފޮނުވާފައި." ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ، އެ މަސައްކަތަކީ ކުރިއަށް ދާނެ ކަމެއް ކަމަށާއި މިހާރުގެ ކޮންޓްރެކްޓާއަށް ނުވާކަމަށްވާނަމަ އެހެން ކޮންޓްރެކްޓަރަކާއި ހަވާލުކޮށްގެން ނަމަވެސް އެމަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކުދަފަރީގައި ސިއްޚީ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންތައްތައް ބަލައި އެ ކަންތައްތައްވެސް ސަރުކާރުން ހައްލު ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ހާއްސަ ގޮތެއްގައި އަޅުގަނޑުމެން މި ބަލަނީ އެތަނުގައި ހުއްޓިފައި އެއްވެސް ޚިދުމަތެއް ހުރެއްޖިއްޔާ އެ ޚިދުމަތެއް އަޅުގަނޑުމެން ފަށާނެ،" ހަލީލް ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް ކުރީ ސަރުކާރުން ގިނަ ރަށްތަކުގައި މަޝްރޫއުތައް ހިންގަން ފަށާފައިވާއިރު އެ މަސައްކަތްތައް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުން ބުނަމުންދަނީ އެއްވެސް ރަށެއްގައި ކުރީ ސަރުކާރުން ހިންގި ތަރައްޤީގެ އެއްވެސް މަޝްރޫއެއް މި ސަރުކާރުން ނުހުއްޓުވާ ކަމަށާއި އެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ފެށި ކަމަށް ހުރި މަސްރޫއު ތައް ބަޖެޓް ކުރެވިފަ ހުރިނަމަ މިސަރުކާރަށް ކުރިޔަށް ގެންދެވޭނީ ބަޖެތް ކުރެވިފަނެތް ނަމަ ކުރިޔަށް ނުގެންދެވެނެ. އެކަންއެގެނީ ގާނޫނުއަސާސީގެ 96 97 މި ދެމާއްދާއިން. އިންތިހާބަށް ކައިރިވެ ގެން ފެށި އެއްވެސް މަސްރޫއެއް މިސަރުކާރުން ފެއްޓޭނީ 2024 ގެ ބަޖެޓްގަ ހިމަނާފަ އޮތްނަމަ .އިންތިހާބާ ކައިރިކޮށް މަސްރުއުފަށާފައިސާދީ ކޮނަޓެކްތަރުންފިލައިފިނަމަ ފައިސާ ދިންފަރާތުން އެފައިސާގެ ޒިންމާ އުފުލަންޖެހެނެ. ދަވްލަތަުގެ ފައިސާ ދަވްލަތަށް ލިބެންޖެހޭނެ.ބަޖެޓްގަ ނެތިފަިސާ ދީފަ ހުރިނަމަ އަބުރާ ހޯދުމަކީ މިސަރުކާރުގެ ޒިންމައަކަށް ވާންޖެހޭނެ.