ހދ.ހަނިމާދޫ ރައްޔިތުން އެދޭ ގޮތަށް އެރަށުގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުތެރޭ ފެށިގެންދާނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުﷲ ޣަފޫރު މޫސާ ވަނީ ވަޒީރާއި ސުވާލުކޮށްފައެވެ. އެގޮތުން ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމަށް ބަޖެޓްކުރެވި ބަޔަކާ ހަވާލުކޮށްފައިވާއިރު މިއަހަރުތެރޭ އެ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން ބުނެފައިވާކަން މެންބަރު ފާހަގަކޮށްލިއެވެ. މި މަސައްކަތުގެ އަޕްޑޭޓަކީ ކޮބައިތޯ މެންބަރު ވަނީ ސުވާލުކޮށްފައެވެ.

ހަލީލް ވިދާޅުވީ ހަނިމާދޫ ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތުގައި މިވަގުތު ދިމާވެގެން އުޅެނީ ފަންޑިންގެ މައްސަލައެއް ކަމަށާއި އެ މައްސަަލަ ހައްލު ކުރެވުމުން މަސައްކަތް ފަށާނެ ކަމަށެވެ. އަދި މިއަހަރުތެރޭ އެ މަސައްކަތް ފެށޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"ހަނިމާދޫގައިވެސް ފަންޑިންގ އިޝޫއެއް ދިމާވެފައި މިއޮތީ، އެކަން ހައްލުކޮށް އަޅުގަނޑުމެން މިބަލަނީ އާ ފަންޑިންގެ ތެރެޔަށް ހަނިމާދޫ ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދެވުމުގެ މަސައްކަތް ފެށޭތޯ." ހަލީލް ވިދާޅުވިއެވެ.

ހަނިމާދޫ ހޮސްޕިޓަލްގެ މަސައްކަތް އަލްޓިނޭޓިވް ފަންޑިންއެއްގެ ތެރެއިން ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ފެބްރުއަރީ މަހު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ހދ.ހަނިމާދޫއަށް ވަޑައިގެން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ހަނިމާދޫ ހޮސްޕިޓަލުގެ މަޝްރޫއަކީ ކުވައިތު ފަންޑުގެ ހިލޭ އެހީ ހަމަޖައްސައިދީފައިވާ މަޝްރޫއެއް ކަމަށާއި އެހެންނަމަވެސް މިދިޔަ ސަރުކާރުން އެ ފަންޑްގެ ބޭނުން ނުކޮށް އެ މަޝްރޫއުތައް ހިންގުން ލަސް ކުރަމުން ގޮސް އެންމެ ފަހުން އެ ގައުމުން އެ ފަންޑު މިދިޔަ ސަރުކާރުގައި ގެންގޮސްފައިވާ ކަމަށެވެ. އަދި ކޮންމެ އިންޓަނޭޝަނަލް އެފަދަ ފަންޑެއްގައިވެސް ފައިސާ ދިނުމުގެ އުސޫލުތަކެއް ހުންނާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެގޮތަށް އެކަން ވެފައިވަނީ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ނުކޮށް ފަރުވާ ކުޑަކޮށްގެން ކަމަށެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ 90،512،216.05 ރުފިޔާއަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. ހަނިމާދޫގައި ތަރައްޤީކުރަން ހަމަޖެހިފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

ހަނިމާދޫގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރީ ސަރުކާރުން ވަނީ ސިއްޚީ ޚިދުމަތްތައް ފުޅާކޮށް އައު ހޮސްޕިޓަލްތަކާއި އައު ސިއްޚީ މަރުކަޒުތައް އެޅުމަށް ނިންމާފައެވެ. އެހެންނަމަވެސް ދައުރު ނިމިގެންދިޔައިރު އެ މަސައްކަތްތައް ހަވާލުކުރެވުނު ނަމަވެސް ނުފަށާކަން މި ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެމަސައްކަތްތައް ފަށައި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މަޖިލިސްގައި އޮންނަ ވަޒީރުންގެ ސުވާލު ޑުރާމާ ދެނެއް ނޯނާނެ، ވަޒީރުން ސީދާ ރައްޔިތުންނާއި އެބަދަލްވަނީ ރައްޔިތުން ބޭނުންވާ ސުވާލެއް ކުރަން، ރޭގައިވެސް ވަޒީރުން ރައްޔިތުންގެ ސުވާލު ސެޝަނެއް ބޭއްވި، ޝުކުރިއްޔާ ވަޒީރުން !