ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހުޅުމާލޭގައި ހަރުކުރި ބެނާތަކާއި ކެންވަސްތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯރަޕޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެ ކޯޕަރޭޝަނުން ހުރިހާ ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކެމްޕެއިން ބެނާއާއި ކެންވަސް ޖެހުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެގެ ކެންޑިޑޭޓުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ޖަހާފައި ކަމަށެވެ.

އާއްމު އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ އާއި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލިކަމުގައި ވިޔަސް، މަގުތަކުގައި ޖަހާ ކެންވަސް އާއި ބެނާތަކުގެ ސަބަބުން، މަގު ބޭނުން ކުރާ އާއްމު ފަރާތްތަކަށް ދަތިކަން ފޯރާ ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

އެހެންކަމުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް އެއް ހަފްތާ ތެރޭގައި ނަގައިދިނުމަށް އެޗްޑީސީއިން އެދިފައިވެއެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން އިންތިހާބެއް ނިމި 10 ދުވަސްތެރޭގައި ކެމްޕެއިނަސް ހަރުކުރި ޕޯސްޓަރުތަކާ، ދަމާ ބެނާތަކާއި އެހެނިހެން ތަކެތި ނަގަން ޖެހެއެވެ. ނަމަވެސް ކެމްޕެއިނަށް ހަރުކުރާ ތަކެތި އަހަރު ދެ އަހަރު ވެގެންދާއިރު ވެސް ނުނަގާ ހުންނަތަން ވަރަށް ގިނައިން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކކކކ

    ނިމުނީމަ ނަގަންވީ. ޕޯސްޓަރުތައްވެސް ނައްޓާ ފާރުތަށް ރީތިކުރަންވީ. ނުނައްޓައިފިނަމަ ޖޫރިމަނާވެސް ކުރަންވީ. ހުޅުމާލެ އެކަންޏެއް ނޫން، ހުރިހާ ރަށެއްގަވެސް.