މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޕާކިންގ ލޮޓްތަކުގައި އާންމުން ޕާކު ނުކުރުމަށް އެ ކުންފުނިން އެދިއްޖެއެވެ.

އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޗާޓުގައި ފާހަގަކޮށްފައިވާ މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ހިމެނޭ ޕާކިންގ ލޮޓްތަކަކީ (ލޮޓް ނަންބަރ 41-122 އަށް) އެ ކުންފުނީގެ ހެވީ ވެހިކަލްތަކަށް ޚާއްސަކުރެވިފައިވާ ޕާކިންގ ލޮޓްކަމަށެވެ. އެހެންކަމުން އެ ޕާކިންގ ލޮޓްތައް އާންމު ފަރާތްތަކުގެ ވެހިކަލް ޕާކު ނުކުރުމަށް އެދޭ ކަމަށް ބުނެފައި ވެެވެ.

އަދި އާއްމުން އެ ސަރަޙައްދުގައި ވެހިކަލް ބަހައްޓަވާފައިވާނަމަ މިއަދުން ފެށިގެންތިން ދުވަސް ތެރޭގައި ވެހިކަލްތައް ނެގުމަށް ވަނީ އެދިފައެވެ.

އެ މުއްދަތުގެ ފަހުން މިގޮތަށް ބަހައްޓާފައި ހުރި އާއްމުންގެ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ކުރިއަށް ގެންދާނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

ރާއްޖެ އެތެރެ ކުރާ މުދާތައް ބޭރުކުރުން މިހާރަށް ވުރެ އަވަސް ކުރަން އެމްޕީއެލުން ވަނީ މީގެ އެއް އަހަރު ކުރިން އައު ވެހިކަލްތަކެއް ވެސް ގެނެސްފައެވެ.