ޙިފުޡު ކުލާސްތަކަށް ވަނުމުގެ ފުރުސަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ދެ ވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެފައިވާ ޙިފުޡު ކުލާސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ކުލާސް ތަކުގައި ބައިވެރިވެވޭނީ ޢުމުރުން ހަތް އަހަރު ފުރިފައިވާ މީހުންނަށެވެ.

ހުޅުމާލެ ފޭސް 2 (އަމީލް ޖަލީލް މިސްކިތް) ކުރިއަށް ގެންދާ ހެނދުނު ޙިފުޡު ކްލާހުން 135 ޖާގަ ހުޅުވާލާފައިވާއިރު މެންދުރު ފަސް ކްލާހުން ވަނީ 90 ފުރުސަތު ހުޅުވާލާފައެވެ. އަދި ސަލްމާން ރަސްގެފާނު މިސްކިތް (މާލެ) ކުރިއަށް ގެންދާ ހެނދުނު ޙިފުޡު ކްލާހުން ވަނީ 170 ޖާގަ ހުޅުވާލާފައެވެ.

މި ކުލާހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު، 19 މެއިގެ 13:30 ގެ ކުރިން މަރުކަޒަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި [email protected] އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު މަރުކަޒުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި ކުލާސްތަކަށް ދަރިވަރުން ނެގޭނީ ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށްފަހުގައި ކަމަށް މަރުކަޒަރުން ވަނީ ބުނެފައެވެ.

އަދި މާކްސް އެއްވަރުވެއްޖެނަމަ ފުރުސަތު ދިނުމުގައި އިސްކަންދެވޭނީ ފޯމު ހުށައަޅާފައިވާ ތަރުތީބަށްކަން ފާހަގަކޮށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނީ އިންޓަރވިއު ކުރުމަށް ހަމަ ޖެހިފައިވަނީ 21 މެއި 2024 އިން 28 މެއި 2024 އާއި ދެމެދު ކަމަށެވެ.