ކުރިއަށް އޮތްތަނުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާގެ ޕްރޮސެސް ވަރަށް ފަސޭހަވާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ވިސާ ނެގުމުގައި ދަތިތައް ދިމާވާ މައްސަލައާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ވިސާގެ ފުރުސަތުތައް ވީހާވެސް ފަސޭހަ ގޮތަކަށް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ކުރަމުންދާ ކަަމަށެވެ.

"އަޅުގަނޑުމެން ވަރަށް ގާތްކޮށް އިމިގްރޭޝަން އާއި އެމްބެސެޑަރުންނާއިވެސް ވަރަށް ގާތުން ވާހަކަދައްކަމުން މި ދަނީ އެ ފުރުސަތުތައް ވީހާވެސް ފަސޭހަ ގޮތަކަށް އަޅުގަނޑުމެންގެ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް،". ވަޒީރު މާރިޔާ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ދަރިވަރުންނަށް ވިސާގެ ޕްރޮސެސް ވަރަށް ފަސޭހަވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުރިހާ، މިސާލަކަށް ދަންނަވަނީނަމަ މެލޭޝިއާ، ސްރީ ލަންކާ، އިންޑިއާ، އަދި އެހެން ގައުމުތަކުން ވީހާވެސް ފަސޭހަ ގޮތެއްގައި ވިސާ ލިބުމުގެ ފުރުސަތު ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން،". މާރިޔާ ވިދާޅުވިއެވެ،.