މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަން ކުރައްވައިފިއެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އިދާރާގެ ގަވަނިން ބޯޑް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކަމަށެވެ. އަދި އެންމެން ގުޅިގެން ކުރާ މަސައްކަތުން މާލީ ދާއިރާ އަށް ބަދަލު ގެނައުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ފުރިހަމަވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެމްއައިއެފްއެސްއޭ އަކީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު މި އަހަރު ތެރޭގައި އުފައްދަން ނިންމެވި އިދާރާއެކެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ތައާރަފްކުރުމަކީ ރައީސް މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ ކަމެކެވެ. ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް ހާއްސަ އޮތޯރިޓީއެއް ވެސް މިދިޔަ މަހުގައި ވަނީ އުފައްދާފައެވެ.

މި އަހަރުތެރޭގައި ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް އެޅުމަށްފަހު ޚިދުމަތް ފަށާނެ ކަމަށް ވަޒީރު ސައީދު ވަނީ މީގެ ދެ މަސް ކުރިން ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ބޭންކް ވުޖޫދަށް ގެންނަން ބޭނުންވާ ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތްތެވެ. މި ބޭންކުން ރާއްޖޭގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މީގެ ސަބަބުން މަޝްރޫއުތައް ހިންގަން ބޭނުންވާ ފަންޑް ކުޑަ އިންޓްރެސްޓް ރޭޓެއްގައި އިންވެސްޓަރުންނަށް ލިބޭނެ ކަމަށެވެ.

އެ އޮތޯރިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކާ އެކު ވެސް ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިހާރު ހުރި ބޭންކުތަކުން ވެސް ހިއްސާ ގަނެވޭ، އިންވެސްޓު ކުރެވޭ ، އިންވެސްޓަރުން ބޭނުން ވަރަކަށް ލޯނުވެސް ލިބޭ، ފަޤީރު މީހާ ޖިފުޓި ހަދަން ލޯނު ނުލިބުނަސް ؟

  2. ހުސެންފުތާ

    ރާއްޖޭގައި ހުރި ބޭންކުތަކުން ލޯނުލިބެނީ ހަމައެކަނި މުއްސަދިމީހުންނަށް.