މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 41.77 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 664.44 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 41.77 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ރިކޯޑްކުރެވިފައި ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަދި ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި، ބޭރު ފައިސާ ހޯދުމަށް ކުރަންޖެހުނު ހަރަދު އިތުރުވުމާއި ގުޅިގެން، ކުންފުނީގެ ސަޕްލައި ޗޭނަށް ދިމާވި ނޭދެވޭ އަސަރުގެ ސަބަބުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާގެ ގޮތުގައި 6.17 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެމްޓީސީސިއިން ބުނެއެވެ. އެ އަދަދަކީ މި މުއްދަތުގައި ލިބޭނެކަމަށް ކުރިން އަންދާޒާކުރި ސާފު ފައިދާއަށް ވުރެން ދަށް އަދަދެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ފުރަތަމަ ކުއާޓަރުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއިއެކު ހިންގާފައިވާ ކަމަށް އެމްޓީސީއިން ބުނެއެވެ. އެގޮތުން އެކި މަރުހަލާގައި ޖުމުލަ 196 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ފުރަތަމަ ކުއާޓަރުގެ ތެރޭގައި ތިން މަޝްރޫއެއްގެ މަސައްކަތްވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައި ކަމަށާއި އަށް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައިވާއިރު ހަ މަޝްރޫއެއްގެ މަސައްކަތް ވަނީ ކުންފުންޏާއި ހަވާލުކޮށްފަިއ ކަމަށެވެ.

ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތު އެކި މާކެޓިން ހަރަކާތްތަކެއްވެސް ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި ކުންފުނީގެ މަޝްރޫއުތައް ހިނގަމުންދާ ރަށްރަށަށް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވާނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކްތަކެއް ކޮށްދީފައި ކަމަށް ބުނެފައިވެއެވެ.

އެމްޓީސީސީގެ ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އެކުލަވާލާ، ހާލަތު ބަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައުކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ވިޔަފާރިތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށް މިވަގުތު އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަނެ، ތަންފީޒުކުރަމުންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުތީމު ތަކުރު

    އެކަމަކު ނިސްބަތުން އެންމެ ކުޑަމުސާރަދޭ ކުންފުނި ވެރިންނަށް އޮބިނޯންނަވަރުގެ މުސާރަދޭތީ ވާގޮތް އާދައިގެ މުވައްޒަފުންގެ މުސާރަ ވަރަށް އާދައިގެކޮށް