މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް އާމްދަނީއެއްގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯއިން ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިއްކި ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުން ކަމަށް އެސްޓީއޯއިން ބުނެއެވެ. އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައިވަނީ 617 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލައިއިރު 18 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ވިޔަފާރި ކުރުމުގެ ހަރަދު އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ކުޑަކުރެވުމާއިއެކު ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 308 މިލިއަން ރުފިޔާ ލިބިފައި ކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު 19 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާއަކީ 235 މިލިއަން ރުފިޔާ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާބަލައި 46 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

އެސްޓީއޯއިން ބުނީ ޓެކުހަށް ކެނޑުމަށްފަހު، ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ވަނީ 195 މިލިއަން ރުފިޔާ ލިބިފައި ކަމަށެވެ.