ސިވިލް ސާވިސްގެ ހުރިހާ ދާއިރާތަކަށް އުޖޫރައިގެ ހަމަހަކަން ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން ގާބިލް ފަރާތްތައް ހޯދުމަށް ދަތިތައް ދިމާވަމުންދާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވިއެވެ.

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާއި ދިމާކޮށް ނެރުނު ބަޔާނެއްގައި ނާސިހް ވިދާޅުވީ ސިވިލް ސާވިސްއަކީ ދިވެހި މަސައްކަތްތެރިންގެ ބޮޑު ބައެއް ހިއްސާކުރާ މުއައްސަސާއެއް ކަމަށާއި ޒަމާނަށް އަންމުންދާ ބަދަލުތަކާއި ޓެކްނޮލިޖީއަށް އަންނަ ކުރިއެރުންތަކުގެ ސަބަބުން ހިދުމަތް ދިނުމުގެ ވައްޓަފާޅިއަށް މިއަދު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހިދުމަތުގެ އާންމު މިންގަނޑެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނަ މިންގަނޑު މިއަދު ވަނީ ބޮޑުތަނުން އުފުލިފައި ކަމަށް ނާސިހް ވިދާޅުވިއެވެ.

އެކާވީސް ވަނަ ގަރުނުގެ ހުނަރުތައް ލިބިފައި ތިބި މުވައްޒަފުންގެ ހިދުމަތް ހުރިހާ މަސައްކަތުގެ ދާއިރާއަކަށް ވެސް މިއަދު ވަނީ ބޭނުންވެފައި ކަމަށާއި އެހެންކަމުން ޒަމާނީ ފެންވަރެއްގައި އަވަސް ހިދުމަތްތަކެއް ރައްޔިތުންނަށް ދިނުމުގެ ޒިންމާއާއި ވާޖިބު އަދާކުރާ ސިވިސް ސާވެންޓުންގެ ހުނަރާއި ގާބީލްކަން މަތިކުރުމަށް މިއަދު ވަނީ އިތުރަށް މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސައްކަތުގެ އުޖޫރަ މަތިކޮށް އަދި އެ އުޖޫރައިގެ ހަމަހަކަން ގާއިމްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސިވިލް ސާވިސްގެ ތައުލީމީ އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބައެއް މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުންތަކެއް ލިބިފައިވާކަން ޝުކުރުވެރިކަމައެކު ފާހަގަކުރަން. ނަމަވެސް ސިވިސް ސާވިސްގެ ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް އެންމެ އެދެވޭ ގޮތެއްގައި މި ކުރިއެރުން ލިބިފައި ނުވޭ. އުޖޫރައިގެ ހަމަހަކަން ގާއިމްނުވެ ހޭދަވާ ކޮންމެ ދުވަހަކީ ސިވިލް ސާވިސްގެ ދާއިރާތަކުން ގާބިލް މީހުން ލިބުމުގެ ދަތިކަން ތަހައްމަލްކުރަންޖެހޭ އަދި ހިދުމަގުގައި މިހާރުވެސް ތިބި މުވައްޒަފުންނަށް ނުވަނަވަސްކަމާއި މާޔޫސްކަމާ ކުރިމަލިލާންޖެހިފައިވާ ދުވަހެއް." ނާސިހް ވިދާޅުވިއެވެ.

އެހެންކަމުން ސިވިލް ސާވިސްގެ ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ލިބިދިނުމާއި އުޖުރައިގެ ހަމަހަމަކަން ގާއިމްކުރުމުގެ މަސައްކަތް ވީހައިވެސް އަވަހަށް ނިންމައިދެއްވުމަށް ނާސިހް ވަނީ ސަރުކާރަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތް އިގްތިސާދަށް އަންނަ ކުރިއެރުމަށް ބަލައިގެން ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން، މުވައްޒަފުންނަށް އިތުރު ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ވެސް ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަލީމަ

    އަހަންނަކީ ސްކޫލެއްގެ އެޑްމިން ބައިގައި މަސައްކަތް ކުރަމުން އަންނަ މުވަޒަކީމެވެ. ޓީޗަރުންހެން ކްލާސްތަކަށް ގޮސް ކިޔަވައިދީ، ލެސަން ޕްލޭން ހަދައި، ރަސްމީ ބަންދު ދުވަސްތަކުގައި އާއި ރާސްމީ ނޫން ވަގުތުތަކުގައި އިރުއިރުކޮޅާ ސްކޫޅަށް އައިސް އެކްސްޓްރާ ގަޑިތަކާ އިތުރު ޙަރަކާތްތައް ނުބޭއްވި ކަމުގައިވިއަސް ޓީޗަރުންނަށް ކިޔަވައިދެވެނީ އަހަރުމެން އެޑްމިން ސްޓާފުންނާ ސަޕޯޓް ސްޓާފުން ކުރާ ބުރަމަސައްކަތުންކަން ޕްރިންސިޕާލާއި ޓީޗަރުން ޤަބޫލުކުރާނެއެވެ.

    ރަސްމީ އެއް ދުވަހަށް ބަލައިލަމާ ހިނގާށެވެ. ފަތިހު ފަތިހާ ހޭލައިގެން މުޅި ސްކޫލް ގޯތިތެރެއާއި ބޭރު ކުނިކަހައި ސާފުކޮށް ކްލާސްތަކާ، އޮފީސް އަދި ސްޓާފްރޫމް އެދުވަހު ސްކޫލަށް ކުދިންނާ ޓީޗަރުންގެ އިތުރުން އެހެނިހެން ސްޓާފުން އައުމުގެކުރިން ސާފުކޮށް އެދުވަހަށް ތައްޔާރުކުރަނީ ސަޕޯޓް ސްޓާފުންނެވެ. ސާފުކޮށް ނިމޭހާވަގުތު ކައިރިވާން އުޅޭއިރު އެކެޑަމިކް އަދި އެޓްމިން ސްޓާފުން ސްކޫލަށް ހާޒިރުވެ ކުދިން އައުމުގެ ކުރިން ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެއެވެ. ތައްޔާރީތައް ވަމުންދާއިރު ސްކޫލް ބެލްޖެހެއެވެ. ސްކޫލަށް ކުދިން ހަޒިރުވާ ހިސާބުން ދުވަސް ފެށުނީއެވެ. ސްކޫލު ނިމޭ ވަގުތު ޖެހެންދެން ހުރިހާ މުވަޒަފުން އެއް ވާމަކަށް މަސައަކަތް ކުރަންޖެހެއެވެ. ޓީޗަރުން ކިޔަވާދިނުމުގައެވެ. އެޑްމިން ސްޓާފުން ޓީޗަރުންނާ ކުދިންގެ ޚިދުމަތުގައެވެ. ސަޕޯޓް ސްޓާފުން ހުރިހާ މުވަޒަފުންގެ ޚިދުމަތުގައެވެ. ސެޝަން ނިމި ކުދިން ގެއަށް ދިއުމުން އެދުވަހު ކުރަންޖެހޭ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިމުނީއެވެ. ދެން އޮތީ އަނެއް ދުވަހަށް ތައްޔާރުވާން ކުރަންޖެހޭ މަސައްކަތްތަކެވެ. ޓީޗަރުން ވޯކްޝީޓް ހެދުމާއި އެކްސްޓްރާ ކްލާސްތަކާ އެހެނިހެން މަސައްކަތްތަކުގައި އަވަދިނެތި އުޅެންޖެހެއެވެ. ސަޕޯޓް ސްޓާފުން ކްލާސްތައް ސާފުކޮށް އެކްސްޓްރާ ކްލާސްތަކާ އިތުރު ހަރަކާތްތަކާ އެހެނިހެން މަސައްކަތްތަކުގައި އަވަދިނެތި އުޅެންޖެހެއެވެ. އެޑްމިން ސްޓާފުން އެމީހުންގެ ޒިންމާތަކުގެ އިތުރުން އިތުރު ހަރަކާތްތަކަށް ބޭނުންވާ ބެނާ ތަކާ ތަންތަން ޑެކަރޭޓްކޮށް ވަޒީފާގެ ޒިންމާއިން ބޭރު ކިތަންމެ ކަމެއްވެސް ކުރަންޖެހެއެވެ. އަދި އެންމެ މުވަޒަފެއް ސްކޫލްގައި ހުއްޓަސް ހުރިހާ ތަނެއްގައި ތަޅުލައި ތަޅުދަނޑި އޮފީހަށް ގެންނަންދެން އޮފީހުގައި ތިބެންޖެހެއެވެ.

    ހުކުރު ހޮނިހިރު އަދި އެނޫންވެސް ސަރުކާރު ބަންދެއް އައިސްސިއްޔާ އިތުރު ހަރަކާތްތަކާ އެކްސްޓްރާ ކްލާސްތަކާ އެނޫންވެސް ކޮންމެވެސް މަސައްކަތެއް ކުރަން ނިކުންނަން އަންގައެވެ. މީއީ ސްކޫލްތަކުގައި މަސައްކަތްކުރާ ހުރިހާ މުވަޒަފުން ވަޒިފާ އަދާކުރަންޖެހޭ ގޮތެވެ. ސްކޫލުގައި މަ އަދާކުރަންޖެހޭ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެކޭ އަނެއް މީހާ ކުރަނީ ލުއި މަސައްކަތެކޭ ބުނެވޭނެ އެއްވެސް މުވަޒެފެއް ސްކޫލް ދާޢިރާގައި ނޫޅޭނެއެވެ. ސަބަބަކީ، އެންމެން ކުރާ ބުރަ މަސައްކަތުގެ ސަބަބުން ރަސްމީ ދުވަހެއްގެ ކިޔެވުން ނިމެންދެން ކުރިއަށް ދަނީ. އަދި އިތުރު ހަރަކާތެއް ބޭއްވިއަސް ކުލަގަދަކޮށް ފާހަގަކޮށް ނިންމާލެވެނީ. މިއިން ކޮންމެ ކަމަކީވެސް ސްކޫލުގައި ކިޔަވާ ކުދިންގެ މުސްތަގުބަލަށްޓަކައި ނޫނީ އެކުދިންގެ ކުރިއެރުމަށްޓަކައި ކުރާ ކަންތައްތަކެކެވެ. ކުރާ މަސައްކަތާ އަޅާ ބަލާއިރު ލިބޭ އުޖޫރައަކީ “ޕޮކެޓް މަނީ” ގެ ގޮތުގައި ލިބޭ އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރަސްމީ ގަޑިތަކަށްވުރެ އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތް ގިނަވެފައި އޮންނައިރު އޯޓީގެ ގޮތުގައި ލިބެނީ 10 ޕަސެންޓެވެ.

    މިހާ ބުރަކޮށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރަމުން އަންނަނިކޮށް ސަރުކާރުން “މިނިމަމް ވޭޖް” އެއް ކަނޑައެޅިއެވެ. އޭގެ ސަބަބުން ކުރިން -/7000 އަށްވުރެ ދަށުން މުސާރަ ލިބެމުން އައި މުވަޒަފުންނަށް -/7000 ރުފިޔާ ލިބެން ފެށިއެވެ. އޯޓީގެ ގޮތުގައި ލިބޭ އެތިކޮޅު ކުޑަވިއަސް ކުރިން ދެމުން އައިގޮތަށް ލިބުނެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެޑިއުކޭޝަން ދާޢިރާގެ އެންމެންގެ މުސާރަ 1 ޖުލައިގައި ބޮޑުކުރާނެކަން ސަރުކާރުން ޢިއުލާން ކުރިއެވެ. އެއީ ޕޮކެޓް މަނީއަށް މަސައްކަތްކުރަމުން އައިސް ވަރުބަލިވެފައިވާ ހިތަތަކަކަށް ހިތްވަރެއް ލިބުނު ޚަބަރަކަށް ވިއެވެ. މިއަދު ކަން ވެގެން ދިޔައީ މުޅިން އެކޮޅުކޮޅަށެވެ. ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ހިތްހަމަޖައްސާލެވޭ ވަރަށް ބޮޑުކޮށްލިއިރު ޓީޗަރުންނަށް އެބަޔަކާ ނުލައި ކިޔަވައިނުދެވޭ އެޑްމިން އަދި ސަޕޯޓް ސްޓާފުންގެ މުސާރަވީ ކުޑައެވެ. ކުރިން ލިބެމުން އައި އޯޓީވެސް ރެއާއި ދުވާލެއް ހައްޖެއް ހުކުރެއްގައި މަސައްކަތް ކުރި ކަމުގައިވިއަސް ބޭސިކް ސެލަރީގެ 10 ޕަސެންޓް ލިބޭގޮތަށް ގަވާޢިދު ބަދަލުކޮށް ސްކޫލްތަކަށް އެންގިއެވެ.

    ކަޮންފަދަ ނާއިންސާފެއްތޯއެވެ؟
    މިއީ އަހަރުންނަށް ހަމަ ހައްގުވާ މިންވަރުތޯއެވެ؟
    ނޫނީ އަހަރުންނަށް ކުރި ޖެއްސުމެއްތޯއެވެ؟

    ރަނގަޅު އުޖޫރައެއް ނުލިބުނު ތަނުގައި ކުރިން ލިބެމުން އައި އޯޓީކޮޅުވެސް ދިނުން ހުއްޓާލީއެވެ. ސީދާ ދިމާލަށް ނުދޭނަމޭ ނުބުނާންވެގެން ލިބޭ އެތިކޮޅު ކުޑަކުރީއެވެ. މުޅިންހެން ހިތްވަރު އެލުނެވެ. މަސައްކަތްކުރަން ފޫހިވިއެވެ. އިތުރުގަޑީގައި ނިކުމެ މަސައްކަތްކުރަން ހިތް ނުރުހުނެވެ. އަދި ދާޢިރާ ބަދަލުކުރަން ވިސްނީމެވެ.

    މިއީ އަހަންނަށް ކުރެވުނު އިހުސާސްތަކެެވެ. ވަޒީފާއިން ކަނޑާލަފާނެތީ އަޑު އުފުލަން ބޭނުންވިއަސް ބިރުންތިބި ކިތަށް ކިތަށް މުވަޒަފުން ސްކޫލުތަކުގައި މަސައްކަތްކުރާނެތޯއެވެ! ގާނޫނު ޢަސާސީގައި ބުނެފައިވާ ގޮތުން އިތުރު ގަޑީގައި މުވަޒަފު މީހާ ލައްވާ މަސައްކަތް ކުރަންޏާ އިތުރުގަނޑީގެ ފައިސާ ލިމިޓެއް ނެތި ލިބެންޖެހެއެވެ. ހަމަ އެއާއެކު އިތުރުގަޑީގައި މަސައްކަތް ކުުރުން އޮންނަނީ އިހްތިޔާރީ ކަމެއްގެ ގޮތުގައެވެ. އިތުގަޑިއަށް ނިކުންނަން ޕްރިންސިޕަން އެންގި ނަމަވެސް ނިކުތުމަކީ މުވަޒަފު މީހާގެ އިހްތިޔާރީ ކަމެކެވެ. މަޖުބޫރެއް ނުކުރެވޭނެ. ވަޒީފާގެ ބިރެއްވެސް ނުދެއްކޭނެ. ވަޒީފާގެ ބިރު ދައްކައިފިއްޔާ ދެއްކި މީހަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކަށް މައްސަލަވެސް ހުށަހެޅޭނެ އަދި އެއީ ގާނުނިގޮތުން ލިބިފައިވާ ހައްގެކެވެ. ސަރުކާރުން އެބުނަނީ އިތުރު ގަޑީގައި މަސައްކަތްކުރުން ހުއްޓާލުަމަށެވެ. ރަސްމީ ގަޑީގައި މަސައްކަތް ކުރުމަށްފަހު ރަސްމީ ގަޑި ނިމުމުން ގެއަށް ދިއުމަށެެވެ. މީވާ އެ ޢުސޫލުގެ ދަށުން ކަންކަން ބައްޓަން ކުރާށެވެ.މިކަންކަމައް ހައްލެއް ބޭނުންވޭ

  2. ރަޝީދު

    ޙައްޤުބަސް ބުނަން ކެރިވަޑައިނުގެން މިހާތަނަށް ހުންނެވީ މަޤާމުގެ ޔަޤީންކަން އޮތްކަމުގެ އުއްމީދުގައިއެވެ. މިހާރު މަޤާމުން ބޭރުކުރާނޭކަން އެގުމުން ސިވިލްސާރވިސް ރުހުން ހޯދަން ނޫޅޭށެވެ!

  3. ހުސްނުވާ

    ތިޔަ ކަހަލަ ސޮހޮލުން ތިޔަ ފަދަ މަގާމުތަކުގައި ތިބެގެން ކުރެވޭނެ އެއްވެސްކަމެއްނެތް ތިބޭފުޅާވެސް ތިޔަ ތާންގައި ތިޔަ ހުންނަނީ ލިބޭނމުސާރައަށް ތިޔަ ތާގެ ނައިބު ވެސް އެފަދަ ދެން އޭނާކުރާ މަސައްކަތކީ ރަށުޕިކަޕް ވިޔަދ=ފާރިޔާއި ހަސަދަވެރިކަން ފުޅާކުރުން!