އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖޭގެ ޓޫރިޒަމް ސިނައާތު ރަނގަޅު ގޮތުގައި ދެމިއޮތުމަށް އިންޑިއާގެ ޓޫރިސްޓުންގެ މާކެޓް ދެމިއޮތުން މުހިންމުކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.

މިއަހަރު އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީގު ވިދާޅުވީ، އަދިވެސް އަދަދުތައް އިތުރުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެ އަދަދުތައް ދެމެހެއްޓުމަށް ރާއްޖެއިން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އިންޓަވިއުއެއްގައި ފާތުމަތު ތައުފީގު ވަނީ އިންޑިއާގެ މާކެޓުގެ މުހިންމު ސިފައަށް އަލިއަޅުއްވާލައްވައި ޓޫރިސްޓުން ގެނައުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަން ހާމަކުރައްވާފައެވެ. ލޯ ސީޒަނަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕްރޮމޯޝަންތައް މިހާރު ވެސް ކުރިއަށްދާއިރު، ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން އިތުރު ޓާގެޓެޑް ކެމްޕޭންތަކެއް ހިންގުމަށް ވަނީ ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިންޑިއާގެ މާކެޓަށް ހާއްސަކޮށް ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށް ދާއިރު، އެއާލައިންތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ސްރީލަންކާ ފަދަ މުހިންމު މާކެޓުތަކުގައި ވެސް ރާއްޖޭގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން އިސްތިރާޖީ މުހިންމު މަސައްކަތްތަކެއް ފަށަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދާދި ފަހުން ޑިޕްލޮމެޓިކް ނުތަނަވަސްކަމެއްގެ ސަބަބުން އިންޑިއާއިން އަންނަ ޓޫރިސްޓުންނަށް އަސަރުކުރި ނަމަވެސް، މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާނެ ކަމުގެ ޔަގީންކަން ފާތިމަތު ވަނީ ދެއްވާފައެވެ. މިހާރުވެސް ޓާގެޓްގެ 25 އިންސައްތަ ހާސިލްވެފައިވާއިރު، އުންމީދުތައް ފަހަނައަޅައި ދިއުމުގެ ވަރުގަދަ ޔަޤީންކަމެއް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ފަތުރުވެރިކަމުގެ ސިނައާތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.