މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް، މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ މުއްދަތު އިތުރުކޮށްފައިވާކަން އިއުލާނުކޮށްފައެވެ.

އާންމު މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، 2024 އޭޕްރީލް 18، 23، 24، 25 އަދި 28ގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 13:00އަށް ސޯޝަލް ސެންޓަރުގައި ހުންނަ ޔޫތު މިނިސްޓްރީގެ ރިސެޕްޝަނުން ކަމަށް ކުރިން ވަނީ ބުނެފައެވެ. ނަމަވެސް މި މުއްދަތު މިހާރު ވަނީ 5 މެއި 2024 ގެ 13:00 ޖެހުމާއި ހަމައަށް އިތުރުކޮށްފައެވެ.

މީގެ އިތުރުން، އެ މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ފޯމުތައް ހުށަހެޅޭނެ ކަަމަށާއި ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީޑީއެފް ފޯމެޓަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ 7 ވަނަ ދައުރުގެ މެމްބަރުންނަކީ:

  • އަޙްމަދު މުޞްޠަފާ – ކައުންސިލް ރައީސް
  • ހުސެއިން ޝަރީފް – ކައުންސިލް ނައިބް ރައީސް
  • އަޙްމަދު އާޒިފް – ކައުންސިލް މެންބަރު
  • އަޙްމަދު އަމީން މުޙައްމަދު – ކައުންސިލް މެންބަރު
  • މުހައްމަދު އަފްރާހް – ކައުންސިލް މެންބަރު
  • މުޙައްމަދު ސިމާޢު – ކައުންސިލް މެންބަރު
  • މޫސާ ރަޝީދު – ކައުންސިލް މެންބަރު
  • މުޙައްމަދު ނަޞީރު – ކައުންސިލް މެންބަރު
  • ޢަލީ ނިޝާން – ކައުންސިލް މެންބަރު
  • ފާޠިމަތު ޝާޒުލީ – ކައުންސިލް މެންބަރު
  • ޢަލީ ރަޝީދު އިބްރާހީމް – ކައުންސިލް މެންބަރު
  • ޢަލީ އާދަމް – ކައުންސިލް މެންބަރު
  • ޢަލީ އިސްމާޢީލް – ކައުންސިލް މެންބަރު
  • އަޙްމަދު މިޒްމާދް – ކައުންސިލް މެންބަރު

މޯލްޑިވްސް މީޑިއާ ކައުންސަލުގެ މައިގަނޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން ގާނޫނު ތަންދޭ ގޮތުގެ މަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމެވެ. އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ގާއިމްކޮށްދިނުމެވެ. އަދި މީޑިއާގައި ދިވެހި މުޖުތަމައު ގަބޫލުކުރާ އެންމެމަތީ އަހުލާގީ ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ގާއިމުކޮށް ދެމެހެއްޓުމެވެ.