އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތާއި އިންތިޒާމުތައް ނިސްބަތުން ރަނގަޅު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެ ކޮމިޝަނުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެޕްރިލް، 21 ގައި ބޭއްވި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި 18 އަތޮޅެއްގެ 35 ރަށެއްގައި އެޗްއާރްސީއެމްގެ 88 އޮބްޒާވަރުން ހަރަކާތްތެރިވި ކަމަށެވެ.

އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތާއި އިންތިޒާމުތައް ނިސްބަތުން ރަނގަޅުކަމަށާއި، ޖުމްލަ ގޮތެއްގައި އިންތިހާބަކީ މައްސަލަތައް މަދު އޮމާންކޮށް ކުރިއަށް ގެންދެވުނު އިންތިހާބެއް ކަމަށް ވެސް ވަނީ ބުނެފިއެވެ.

މީގެ އިތުރުން، އިންތިހާބު އޮތް ދުވަހު އެޗްއާރްސީއެމްއަށް ފާހަގަކުރެވުނު ކަންތައްތައް ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތައްކުގެ ތެރޭގައި ވޯޓުލުން ފަށަން ކަނޑައެޅިފައިވާ ގަޑިއަށް ވޯޓުލާން ފެށިފައި ވަނީ 77 ޕަސަންޓު މަރުކަޒުގައި ކަަމާއި ވޯޓުލުން ފެށުން ލަސްވީ މައިގަނޑު ގޮތެއްގައި އޮފިޝަލުންނަށް ވޯޓުލުމުގެ ކަންކަން ވަގުތަށް ތައްޔާރު ނުކުރެވުމުގެ ސަބަބުންކަން ހިމެނެއެވެ.

ވޯޓު މަރުކަޒުތަކުގެ 45 ޕަސެންޓުގައި 7:30 ގެ ކުރިން ވޯޓު ކަރުދާސްތައް ހަމަތޯ ބަލާފައި ނުވާ ކަމަށާއި އޮބްޒާވްކުރި ފޮށިތަކުގެ ތެރެއިން އެންމެ ލަހުން ވޯޓުލާން ފެށިފައި ވަނީ 8:35 ގައި ކަމަށް އެޗްއާރްސީއެމްއިން ވަނީ ބުނެފައެވެ.

ވޯޓުލާ މަރުކަޒުގެ ތެރެއިން 9 ޕަސަންޓު ސަރަހައްދުގައި ވޯޓުލާން އައިސް އަވީގައި ތިބެން ޖެހުނު ކަމަށާއި އަދި 12 ޕަސަންޓު ސަރަހައްދުގައި ވޯޓުލާން އައިސް ތިބޭއިރު ވާރެއިން ނިވާވެވޭނެ ގޮތް ހަމަޖެހިފައި ނުވޭ ކަމަށް ބަޔާނުގައިވެއެވެ.

މަރުކަޒުތަކުގެ 37 ޕަސަންޓަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމިއްލައަށް ވަދެ ނިކުމެ އުޅެވޭ ގޮތަށް ހުރި މަރުކަޒުތަކެއް ނޫންކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ އޭގެ ސަބަބުތަކުގެ ތެރޭގައި އެ މަރުކަޒުތައް ޖާގައިގެ ގޮތުން ކުޑަވުމާއި ވަދެ ނިކުންނަ ދޮރު ހަނިވުމާއި މަރުކަޒުތަކުގެ ކުރިމަތީ އޮޅިގަނޑެއް ހުރުން ހިމެނޭ ކަމަށެވެ.

ހަ މަރުކަޒެއްގައި މޫނު ބުރުގާ އަޅައިގެން އަންނަ ފަރާތްތައް މޫނު ވެރިފައި ކުރުމުގެ އިންތިޒާމު ހަމަޖެހިފައެއް ނުވާ ކަމަށާއި އެހެންކަމުން ވޯޓުލާން އައިސްތިބި މީހުންގެ ކުރިމަތީގައި އެމީހުން މޫނު ޗެކުކުރި ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން، ސިޔާސީ އެކި ފަރާތްތަކުން ވޯޓުލުމަށްފަހު މީޑިއާއަށް ދިން އިންޓަވިއުތަކުގައި ވަކި ގޮތަކަށް ވޯޓު ދިނުމަށް ބާރު އަޅާފައިވާކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 75 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، މިއީ 2009 ވަނަ އަަހަރު ފެށިގެން ބާއްވާ މަޖިލިސް އިންތިހާބުގައި ނިސްބަތުން އެންމެ މަދުން ވޯޓުލީ ފަހަރެވެ.

އިންތިހާބުގައި 602 ވޯޓު ފޮށި ބެހެއްޓިއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި ބެހެއްޓި 241 ވޯޓު ފޮށްޓާއި އަދި ރިސޯޓުތަކުގައި ބެހެއްޓި 34 ވޯޓު ފޮށްޓެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޭނާ

    ކަލޭމެންނުބުންޏަސްއެގޭ ރަނގަޅުކަން ބޭރުގެ އޮބްޒާވަރުންގެބަޔާނުން. ފަސްއަހަރުވަންދެން ގަދައައްނިދާފަތިބެފަ މަޖިލިސްބަދަލުވީމަ ކުއްލިއަކައްމާއެކްޓިވްބައެއްކަންދައްކަންމިއުޅެނީ މަޤާމުގެއްލިދާނެހެންހީވާތީވެދޯ.

  2. މީނަ

    ރަގަޅޭ ބުނަން ކަލޭމެންތީ ކޮންބަޔެއް؟ ދިވެހިން ޤަބޫލުކުރާ ބައެއްނޫން ތީކީ...

  3. ޢަލީ

    ތި އެޗް އާރު ސީ އެމް އަކީ އިންސާނީ ޙައްޤުތައް ވަރަށް ހަނިކޮށް، އަދި ބަހުން ބަހުން މާނަކޮށްގެން އުޅޭ ބައެއް.