ރައްޔިތުންގެ އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"އެއް އެކުލަވާލުމަށް ސަރުކާރުން ހާއްސަ މަސައްކަތެއް ކުރަން ނިންމައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރާއްޖޭގެ ރަށްތައް ތަރައްޤީވެ ކުރިއަރަމުން އަންނައިރު ރައްޔިތުން ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރައްޔިތުން އުއްމީދުކުރާ ގޮތާއި، ރާއްޖޭގައި އޮތް ހާލަތް ދެނެގަނެވޭނެ ގޮތެއް އޮތުން މުހިންމު ކަމަށެވެ. އަދި ހުރިހާ ރަށެއްގައި ދިިރިއުޅޭ މީހުންނަށާއި ބައިނަލްއަޤުވާމީ ދުނިޔެއަށްވެސް އެކި ރަށްރަށުގެ ހާލަތާއި އެރަށެއްގައި ކަންތައް ހުރި ނެތް ގޮތް ދެނެގަނެވޭނެ ގޮތް ވުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މާނަހުރި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގައި ރައްޔިތުންގެ ހުރި އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް"ގެ ނަމުގައި ސަރުކާރުން ހާއްސަ މަސައްކަތެއް ފައްޓަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެއީ ރަށްރަށުގައި މިދެންނެވި ގޮތަށް ހާލަތު އުފާވެރިކަން ރައްޔިތުންނަށް ލިބޭ އުފާވެރިކަން ރައްޔިތުން މިންކުރާ ގޮތެއް ދެނެގަތުމަށްޓަކައި ކުރާ މަސައްކަތެއް" ޝަރީފް ވިދާޅުވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުން - ވަގުތު ފޮޓޯ: އަބީދު

ޝަރީފް ވިދާޅުވީ، މި މަސައްކަތް ކުރިއަށްގެންދަނީ ރާއްޖޭގެ ގިނަ ފަރާތްތަކާއެކު މަޝްވަރާތައް ކުރުމަށްފަހުގައި ކަމަށާއި ކަމާ ގުޅޭ ފަރާތްތަކުގެ ލަފާގެ ދަށުން އެ މަސައްކަތުގެ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ސަބަބުން ރަށްރަށުގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށްވެސް ވަނި ވިދާޅުވެފައެވެ.

"ކޮންސަލްޓޭޓިވް ޕްރޮސެސްއެއްގެ ދަށުން ވަރަށް ބޮޑަށް ހުޅުވާލެވިފައި އަދި ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ އޮނިގަނޑެއް ނުވަތަ އިންޑެކްސްއެއްގެ ތެރެއިން ރަށްރަށުގެ ހާލަތު ރަނގަޅަށް އެނގޭނެގޮތަކަށް ތައްޔާރު ކުރެވޭ ފްރޭމްވޯކެއްގެ ދަށުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ފަރާތަކަށް އެވޯޑުވެސް ދެވޭ ކަހަލަ އިންތިޒާމެއްގެ ތެރެއިން ކަންތައްތަކެއް ކުރުމަށް." ޝަރީފް ވިދާޅުވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުން - ވަގުތު ފޮޓޯ: އަބީދު

އެ މަސައްކަތް މި އަހަރު ތެރޭ ފެށިގެން އަންނަ އަހަރުތެރޭ ތަންފީޒުކުރަން ފެށޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހެޕިނެސް އިންޑެކްސްއަކީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެކުލަވާލާ އެއްޗެކެވެ. ދުނިޔޭގައި ރައްޔިތުން އެންމެ އުފާވެރި ގައުމުތައް ރޭންކު ކުރަނީ ވެސް ގައުމުތަކުން ނެރޭ އެފަދަ އިންޑެކްސްތައް ބޭނުންކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެޕިނަސް

    އަދި ތިކަންކުރަން ތަންކޮޅެއް އަވަސް... ހެޔޮވެރިކަމެއް ކުރެވިފަ އަދި ނެތް... ދިވެހިންގެ ޟަރޫރީ ކަންކަންވެސް އަދި ފުރިހަމަވުމާ އަދި ގާތްނުވޭ!! އުއްމީދު ކުރެވެނީ ޑރ. މުޢިއްޒު މީ މިކަންފެށި މާލިމީ ކަމަށް....2028 ފެށެންދެން މަޑުކޮށްލުން މުހިންމު... ވަޢުދުތައް ފުއްދިއްޖެނަމަ ޟަރޫރީ ވަރަށް ގިންކަން ޙާޞިލްވާނެ... ފަހަރެއްގަ މިދައުރުގަ ޟަރޫރީ ގިނަކަން ޙާޞިލްވުން އެކަށީގެންވޭ. ޟަރޫރީ ކަންކަންވެސް ޙާޞިލް ނުވާނަމަ އުފަލެއް ނުވާނެ.