އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަބްދުﷲ އުނައިސް ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ހުސްވީ އެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

އެ މަގާމަށް އުނައިސް ހަމަޖެއްސިކަން މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ.

އުނައިސް ވަނީ 15 ނޮވެމްބަރު 2005 އިން ފެށިގެން އިލެކްޝަންސް ކޮމިޝަނުގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. އެންމެ ފަހުން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.

ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، އިތުރު ދެ މަގާމަކަށްވެސް ވަނީ ބޭފުޅުން ހަމަަޖައްސާފައެވެ. އެގޮތުން، ކޮމިޝަނުގެ ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަންގެ ޑިރެކްޓަރަކަށް އާމިނަތު އަޒީފާ އަދި އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ސީނާ ރަޝީދު ވަނީ ހަމަޖައްސާފައެވެ.

އީސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް މިހާރު ކޮމިޝަނުގެ މެމްބަރަކަށް ހުންނެވި ޒަކަރިއްޔާ ހަމަޖެއްސީ 18 ޖޫން 2021 ގައެވެ. ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ޒަކަރިއްޔާ އިސްތިއުފާ ދެއްވުމުން ވަގުތީގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައި ވަނީވެސް އުނައިސްއެވެ.