އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު އިތުރަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ، ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ދުވަސްވަރަށްވެފައި، މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާ، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިވަގުތު އިމާރާތްކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓްތަކުގައިވާ ތަކެތި ވައިގަދަވުމުގެ ސަބަބުން ވިއްސައިގެން ގޮސްދާނެފަދަ ހާލަތެއްގައި ހުރިނަމަ، އެ ތަކެތި ރައްކާތެރި ގޮތުގައި ބަލަހައްޓާ، އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ކުރިއަށް އޮތް 4 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިދިޔަ ބުދަ ދުވަހު ލަފާކުރުމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވިއްސާރައިން ރައްކާތެރިވާނެ ގޮތުގެ އިރުޝާދު ވެސް ނެރެފައެވެ.

އެންޑީއެމްއޭ އިން ވަނީ ވިއްސާރައިގެ ސަބަބުން ގެދޮރަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން، އެ އަތޯރިޓީން އަޅަން އެދިފައިވާ ފިޔަވަޅުތަކަކީ:

ވާރޭވެހި ފެންބޮޑުވެދާނެތީ އެކަމަށް ދުރާލައި ތައްޔާރުވުން
ގެއަށް ފެންނުވަންނާނެހެން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެހުން
ގޭތެރޭގައި ފެންބޮޑުވެއްޖެނަމަ މުދަލަށް ގެއްލުން ނުވާނެހެން ފެން ނުޖެހޭ އުސްތަންތަނަށް ބަދަލުކުރުން
ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ވާ ބޭނުންކޮށްގެން އެއްސުން
ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ފަދަ ތަކެތި ބަނދެފައި ބެހެއްޓުން
ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލުން
ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުކަން ދިނުމާއެކު މުވާސަލާތީ ނިޒާމްގެ ފުރިހަަމަކަން ޔަޤީންކުރުން

ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ މުދިންކަލޭފާނު

    މި އާޓިކަޅް ފެނުމުން ހިތައްއެރީ މިއަދު ހެނދުނު ހުޅުމާލޭގަ ފުލެޓުން ފައިބައިގެން ނިކުއްތަނުން މަތީ ބަޔަކުން ފަލަސްތީނު ދިދަ ދަނގަޑެއް އަޅުގަނޑު ކުރިމައްޗައް ވެއްޓިގެން އައިސް ޖެހުނީ. އެދިދަ އައްސާ ނުލާ ބެޅްކަނީގަ ބައިންދައިފަ ހުރުމުން ކިރިޔާ ނޫންތޯ މީހަކައް ބޮޑު އަނިޔާއެއް ނުވީ. ސަމާލުވާން އެބަޖެހޭ މިފަދަ ކަންކަމައްވެސް.