ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓު ބިލު ބޮޑުވެގެން ޝަކުތާއް ގިނަވަމުންދާތީ ކަރަންޓް ބިލަށް އަރާ ވަރު ވަގުތުން ބެލޭ ގޮތް ހަދަން ފެނަކައިން ފަށާފައިވާ "ސްމާޓް މީޓާ" ޕްރޮޖެކްޓް އިތުރު 5 އަތޮޅެއްގައި ފަށައިފިއެވެ.

"ސްމާޓް މީޓާ" ޕްރޮޖެކްޓްގެ ދަށުން އެ މަސައްކަތް ފެށި ފަސް އަތޮޅަކީ މ، ފ، ދ، ޏ، އަދި ބ އަތޮޅެވެ.

ފެނަކަ އިން ބުނީ މިއީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ މީޓަރު ސްމާޓް މީޓަރަށް ބަދަލުކޮށް، ރިމޯޓްކޮށް މީޓަރު ރީޑިން ނެގުމާއި، ޑާޓާ ކަލެކްޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެނަކަ އިން ބުނެފައިވާ ގޮތުގައި "ސްމާޓް މީޓާ" ޕްރޮޖެކްޓެ ފަށުން ދ. ކުޑަހުވަދޫގައި މިކަމާ ގުޅޭ މަސައްކަތްތައް މިހާރު އޮތީ ނިމިފަ އެވެ. އެ ކުންފުނިން ބުނީ މީގެ ސަބަބުން ކަސްޓަމަރުންނަށް ކަރަންޓް އިގުތިސާދުކުރަން އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

ސްމާޓް މީޓަރ ޕްރޮޖެކްޓަކީ ކުރީ ސަރުކާރުގައި ފެނަކައިން ފެށި ޕްރޮޖެކްޓެކެވެ. އެ މީޓަރަކީ ކަރަންޓު ބޭނުން ކުރަމުންދާ ގޮތުގެ ތަފްސީލު ވަގުތުން ވަގުތަށް ބަލާލެވި، ކަރަންޓު މިންކުރެވޭ ޓެކްނޮލޮޖީ އެކެވެ.

ސްމާޓް މީޓަރުގެ ސަބަބުން ބޭނުންކުރާ މިންވަރު ކޮންޓްރޯލު ކުރަން ފަސޭހަވެ ކަރަންޓު އިސްރާފު ކުރުން މަދު ކުރެވޭނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ކުރިން ވެސް ބުނެފައިވެއެވެ.