ލޯނު ނަގައިގެން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނަށް އެދުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު، އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވަނީ 1709 ދަރިވަރުން ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭޕްރިލް 27 ގައި ސަރުކާރުން ވަނީ މުއްދަތު މިއަދާއި ހަމައަށް އިތުރު ކޮށްފައެވެ.

އެޕްލިޝަން ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު، މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފަިއވަނީ ސުންގަނޑި މިއަދު 13:30 އަށް ހަމަވެފައިވާ ކަމަށާއި ސުންގަޑި ހަމަވިއިރު އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވަނީ 1709 ދަރިވަރުން ކަމަށެވެ. އެހެން ކަމުން ދެން ކުރިއަށް އޮންނާނީ ހުށަހަޅާފައިވާ ފޯމުތައް ބަލައި ޗެކް ކުރުން ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯނު ދިނުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް މަތީ ތައުލީމާ ބެހޭ ވަޒީރު، ޑރ. މަރިޔަމް މާރިޔާ ވަނީ ވިދާޅުވެފައެވެ.

ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިފަހަރު ހުޅުވާލަފައިވަނީ 500 ފުރުސަތެވެ. ލޯނު ސްކީމްގައި އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުސަތު ހާއްސަކޮށްފައިވާއިރު ކިޔަވަމުންދާ ކެޓަގަރީއަށް ހާއްސަކޮށްފައިވަނީ 130 ފުރުސަތެވެ.

މި ލޯން ސްކީމުންވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަނީ ހާއްސަކޮށްފައެވެ. އެގޮތުން އެކުދިންގެ ހާލަތަށް ރިއާޔަތްކޮށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ހަރަދުތައް ދިނުމަށް ނިންމަވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހިލޭ ޑިގްރީ ދަށުން ކިޔަވާ ދަރިވަނުންނަށް އަދި ސްޓޫޑެންޓް ލޯންތަކަށް މި އަހަރުގެ ބެޖެޓުގައި 700 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ބަޖެޓުގައިވާގޮތުން ދަރިވަރުންނަށް ލޯނު ދޫކުރަން 550 މިލިއަން ރުފިޔާ އާއި ހިލޭ ޑިގްރީ ޕްރޮގްރާމަށް 156 މިލިއަން ރުފިޔާގެ އިތުރުން ސްކޮލަޝިޕްތަކަށް 184 މިލިއަން ރުފިޔާ އަދި ފޮތް ލިސްޓާއި ސްކޫލު ފީގެ ގޮތުގައި 192 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެއެވެ.