ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމުގައި ނޫސްވެރިން ދެމިތިބުމަށް އެންމެ ބޮޑު ބާރެއް ލިބިގެންދާނީ އެ ފަރާތްތަކުގެ މާލީ މިނިވަންކަން ހޯދުމަށް އަހަންމިއްޔަތުކަން ދީގެންކަމަށް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ނެރުއްވި ބަޔާނެއްގައި މުސްތަފާ ވިދާޅުވީ، މި އަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ ތިމާވެށީގެ ކާރިސާއާ ކުރިމަތިލާއިރު ނޫސްވެރިކަން ކަމަށެވެ. މި ޝިއާރު ބިނާކޮށްފައިވަނީ، މިހާރު މުޅި ދުނިޔެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ ބޮޑެތި މައްސަލަތަކާމެދު ނޫސްވެރިންނާއި ނޫސްވެރިކަމުގެ ތެރެއިން މައުލޫމާތު ފެތުރުމާއި ހޭލުންތެރިކުރުމުގެ މައްޗަށް ކަމަށެވެ.

މިއަދު ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ނުރައްކާތެރި ކާރިސާއާއި، އޭގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި އިގްތިސޯދީ ގޮތުން ކުރިމަތިވެދާނެ ކަންކަމާމެދު، ފުންކޮށް ދިރާސާކޮށް، މޫސުމީ ބަދަލުތަކާމެދު މުޅި މުޖުތަމައު ހޭލުންތެރި ކުރުމަށް މަސައްކަތް ކުރުމަކީ ދިވެހި މީޑިއާތަކާއި ނޫސްވެރިންގެ ބޮލުގައި މިއަދު އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވީ ނަމަވެސް، ނޫސްވެރިންނާއި މީޑިއާތަކަށް އަބަދު ވެސް ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވަމުންދާކަމަކީ ފެންނަން އޮތް ހަގީގަތެއް. ގާނޫނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިމާވާ އެކިއެކި ހުރަސްތަކާއި، ނޫސްވެރިންނަށް އަނިޔާކުރުމާއި، ފުރައްސާރަކޮށް އިންޒާރު ދިނުންފަދަ ކަންކަން ހުއްޓާލައިގެން މެނުވީ ޑިމޮކްރަސީގެ މި މުހިންމު އަސާސް ގައުމުގައި ނޯންނާނެ. ރާއްޖޭން މަރާލާފައިވާ ދެ ނޫސްވެރިންނާއި، ފަލަސްތީނުގެ ޣައްޒާއިން މަރާލާފައިވާ އެތަކެއް ނޫސްވެރިންނަށް އިންސާފު ނުލިބި ހޭދަވާ ކޮންމެ ދުވަހަކީ ވެސް، މުޅިދުނިޔޭގެ ނޫސްވެރިކަމަށް ވެސް ލިބޭ އިއާދަނުކުރެވޭ ބޮޑު ގެއްލުމެއް." މުސްތަފާ ވިދާޅުވެފައިވެއެވެ.

ނޫސްވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ވަނީ އައިސްފައި ކަމަށާއި އެގޮތުން މީސްމީޑިއާ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ނޫސްވެރިކަމަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައި ކަމަށާއި އެއާއެކުވެސް ސަމާލުކަން ދޭންޖެހޭ އެންމެ ބޮޑު އެއްކަމަކީ ނޫސްވެރިންނާއި މީޑިއާގެ ވަސީލަތްތަކުން ފަތުރާ ހަބަރާއި މައުލޫމާތަކީ، ނުފޫޒުން އެއްކިބާވެފައިވާ ސައްހަ ތެދު މައުލޫމާތުކަމުގައި ވުން ކަމަށް ވިދާޅުވިއެވެ. ނޫސް އިދާރާތަކުގެ މާލީ މިނިވަންކަން އޮންނަ މިންވަރެއްގެ މައްޗަށް އެމީޑިއާތަކުގެ މިނިވަންކަން ބަރޯސާ ކުރަންޖެހޭ ހާލަތު ކޮންމެވެސް މިންވަރަކަށް ތަޖުރިބާ ކުރަންޖެހޭ ކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމަށް ދައުލަތުގެ ހުރިހާ ބާރުތަކަކުން ހާއްސަ ނަޒަރިއްޔާތެއް ބެހެއްޓުން މުހިންމުކަމަށް މުސްތަފާ ވިދާޅުވިއެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު ދިވެހި ނޫސްވެރިންނާއި މީޑިއާތަކަށް މާލީ މިނިވަންކަން ހޯދުމަށް، ގައުމީ، އިދާރީ އަދި ފަރުދީ ފެންވަރުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ. ނޫސްވެރިކަމުގެ އެންމެ މައިގަނޑު އަސާސްތައް ކަމުގައިވާ ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމުގައި ނޫސްވެރިން ދެމިތިބުމަށް އެންމެ ބޮޑު ބާރެއް ލިބިގެންދާނީ، އެ ފަރާތްތަކުގެ މާލީ މިނިވަންކަން ހޯދުމަށް އަހަންމިއްޔަތުކަން ދީގެން." މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، މީޑިއާތަކުގެ ހައްގުގައި އަދި ނޫސްވެރިންގެ ހައްގުގައި އޭގެ އިތުރަށް އަދި މީޑިއާ ތަކުގެ ކުރިއެރުމާއި ތަރައްގީއަށް މީޑިއާ ކައުންސިލުން ކުރަންޖެހޭ އެންމެހާ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރަމުންގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަޚީލުކައްޓަލަ

    ދެން ކޮންމެ ނޫސް މަޖައްލާ އަކަށްވެސް ފަޅަކާއި ޜިޒޯޓެއް ނުވަތަ ރިޒޯޓެއް ހަދާނެ ރަށެއް ދޭންވީނު. އޭރުން ދޯ މާލީގޮތުން ތަނަވަސްދުވާނީ.

  2. މިނިވަސް ނޫސވެރިން

    ދެން ކޮންމެ ނޫސްވެރިއަކަށް ވެސް އިއްޒަތްތެރި މެންބަރަކަށް ދޭވަރު ގެ މުސާރައަކާ އެބޭޅުންގެ އޮފީސްހިންގާނެ އިމާރާތަކާއި އެބޭޅުންނަން ވެސް ކޮފީއެލެވެންސެއް ދޭންވީ.

  3. ދޮންއަމާ

    ތެދުވެރި ނޫސްވެރި ނޫސްވެރިކަމެއް އެމީހުންނަށްވެސް ކުރެވޭނީ އެހެންމީހުން ގާތަށް ސަލާންޖަހަން ދާންނުޖެހޭވަރުގެ މުސާރައެއް ލިބިގެން ދޯ

  4. ދޮންބަފާ

    ޖިންމާދާރު ނޫސްވެރިކަމެއް ކުރެވޭނީ މިމީހުންގެ މުސާރަވެސް ޑޮލަރުން ލިބޭގޮތަށް ގާނޫނެއް ހަދައިގެން. އަދި 5 އަހަރުގެ ނޫސްވެރިކަމެއް ކޮށްފިނަމަ މުސާރައިގެ %75 އަވަހާރަވަންދެކަށް ދޭގޮތަށް ހެދުމުން

  5. އާންމުމީހާ

    ދައުލަތުން ބަޖެޓް ދީގެން ނޫސްވެރިކަން މިނިވަން ނުވާނެ، މޮޔައިން ދައްކާކަހަލަ ވާހަކަ ނުދައްކާ، ތިހެން ވާނެނަމަ، ޕީއެސްއެމް އިންވެސް ގެނެސްދޭނެ ހުރިހާ ޕާޓީއެއްގެ މުޒާހަރާތައްވެސް، ތި އުޅެނީ މުޅި މީޑިއާ ސަރުކާރު ހޮންގާ ޕާޓީގެ މުށުތެރެއަށް ލާން. ވަރަށް ސަލާމް

  6. އާންމުމީހާ

    ރާއްޖޭގެ ނޫސްވެރިކަން މިނިވަން ކިރުމަށް އެންމެ ބޮޑު ޒިންމާއެއް އޮތީ ހަމަ ނޫސްވެރިންގެ އަތްމަތީގަ، ދެން ޤާނޫނުހަދާ މަޖިލީހާއި އެޤާނިނު ތަންފީޒު ކުރާފަރާތްތަކުގަ، ރައްޔިތުންގެ ޒިންމާވެސް ވަކި ކުޑައެއް ނޫން، މިހެން ބުނާއިރުވެސް އެނގޭ ރައްޔިތުން ތިބީ ޣާފިލްކަމުގެ މަޑު ނިންޖަކުން ނިދިފަކަން.