ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމެނިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި (ބްރޯޑްކޮމް) މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އެއްކޮށްލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ނޫސްވެރިކަމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ދެއްވި ހިތާބުގައި ވިދާޅުވީ، މިނިވަން ނޫސްވެރިކަން ފުރިހަމަ ކުރުމަށް ގާނޫނީ އިމުގެ ތެރެއިން ގެންނަން ހުރި ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމެނުމަށްޓަކައި ބްރޯޑްކޮމް އާއި އެމްއެމްސީ އެއްކޮށްލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

"މިނިވަން ނޫސްވެރިކަން ފުރިހަމަ ކުރުމަށް ޤާނޫނީ އިމުގެ ތރެއިން ގެންނަން ހުރި ބަދަލުތައް ގެނައުމަށް މަސައްކަތް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމެނިގެންދާއިރު މޯލްޑިވްސް ބްރޯދްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިޔާ ކައުންސިލަކީ އެއްޤާނޫނަކުން ފުރިހަމަކުރެވިފައިވާ މުއައްސަސާއަކަށް ހެދުމުގެ މަސައްކަތްވެސް ކުރިޔަށްދާކަން ފާހަގަކޮށްލަން." އަސްވާޑު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ނޫސްވެރިންނަށް ޔަޤީންކަން ދެއްވާ ވިދާޅުވެފައިވަނީ ޒިންމާދާރުކަމާއި މިނިވަންކަމާއެކު ނޫސްވެރިކަން ކުރާނެ މިނިވަން މާހައުލެއް ރާއްޖޭގައި ޤާއިމުކޮށްދެއްވާނެ ކަމަށާއި އެ މަގަށް މަސައްކަތް ބައްޓަން ކުރުމަށްޓަކައި ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލައްވާނެ ކަމަށެވެ. އެގޮތުން މީޑިޔާ ވިލެޖުގެ މަސައްކަތް މިހާރުވަނީ ވަޒީރުންގެ މަޖިލީހުން ނިންމައި އަމަލީ މަސައްކަތާ ހަމަޔަށް ދިޔުމުގެ މަގުމަތީގައި ކަމަށާއި މޯލްޑިވްސް މީޑިޔާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި އެއް ޤާނޫނަކުން ފުރިހަމަކުރެވިފައިވާ މުއައްސަސާއަކަށް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އަސްވާޑު ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުން ކަމުގައިވާއިރު، ދިވެހި ކޮންމެ ނޫސްވެރިޔަކީ އެ މަސްއޫލިއްޔަތު އެންމެ ޒިންމާދާރުކަމާއެކު އަދާކުރާ ނޫސްވެރިޔަކަށް ވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ހަބަރާއި މައުލޫމާތު ފަތުރާ ފަރާތްތަކުން ޒިންމާދާރުވެ ސާބިތުނުވެ ވާހަކަތައް ފެތުރުމުން ރައްކާތެރިވުމަށް ވަޒީރު ގޮވާލިއެވެ. ހަމައެއާއެކު އެއްވެސް ނޫސްވެރިކަމަށް އިންޒާރުދީ ނުރައްކަލުގެ ތެރެޔަށް ހުށަހެޅުމަކީ ކުޑަކަމެއްގެ ގޮތުގައި ބަލައިގަނެ ދޫކޮށްލާނޭ ކަމެއް ނޫން ކަމަށްވެސް އަސްވާޑު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް މުއިއްޒުގެ ވެރިކަން ވެގެންދާނީ އަމާން ރައްކާތެރިކަމުގެ ދުވަސްތަކެއްކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.