މިއަދު އިހްސާސްކުރެވޭ ހޫނުމިން އެންމެ މަތީ ގދ. ކާޑެއްދޫއަށް ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މެޓުން ހާމަކުރި ގޮތުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އިހްސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 40 އަށް ވުރެ މަތީގައެވެ.

މިއަދު 14:00 ޖެހިއިރު އެކި ސަރަހައްދުތަކަށް އިހްސާސް ކުރެވުނު ހޫނުމިން:

  • ހދ. ހަނިމާދޫ - 42.6 ޑިގްރީ ސެލްސިއަސް
  • ހުޅުލެ - 45.2 ޑިގްރީ ސެލްސިއަސް
  • ލ. ކައްދޫ - 43.8 ޑިގްރީ ސެލްސިއަސް
  • ގދ. ކާޑެއްދޫ - 46.2 ޑިގްރީ ސެލްސިއަސް
  • ސ. ގަން - 44.1 ޑިގްރީ ސެލްސިއަސް

ފިނި ހޫނުމިނަށް ބަލާއިރު އެންމެ މަތީގައި ހުރީ މާލޭ ސަރަހައްދުގައެވެ. އެއީ 33.4 ޑިގްރީ ސެލްސިއަސްގައެވެ.

ހަނިމާދޫގެ ފިނި ހޫނުމިން 33 ޑިގްރީ ސެލްސިއަސްގައި ހުރިއިރު ކައްދޫގައި ފިނި ހޫނުމިން ހުރީ 32.2 ޑިގްރީ ސެލްސިއަސްގައެވެ. އަދި ކާޑެއްދޫގައި 32.5 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އައްޑޫ ސިޓީ ގަމުގައި 32.8 ޑިގްރީ ސެލްސިއަސްގައި ފިނި ހޫނުމިން ހުރި ކަމަށް ދައްކައެވެ.

މެޓް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި މިއީ މި އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އަދި މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް މެޓްއިން ވިދާޅުވެފައިވެއެވެ.

މެޓް އޮފީހުން ވިދާޅުވީ އިހްސާސްކުރެވޭ ހޫނުމިން ދަށްވާން ފަށާނީ ހުޅަގު މޫސުން ފެށުމުން ކަމަށެވެ. އެގޮތުން މި ހަފްތާގެ ނިމޭކޮޅު ހުޅަނގު މޫސުން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އިން މައުލޫމާތު ދެއްވައެވެ.