ރާއްޖޭގައި އުޅޭ ބަންގުލަދޭޝް މީހުންނަށް އެ މީހުންގެ ބަހުން ދަރުސް ދޭން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގައި އުޅޭ ބަންގުލަދޭޝް މީހުންނަށް އެ މީހުންގެ ބަހުން ދަރުސް ދޭން ފެށިކަން ހާމަކޮށް، ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ނުދެއްވައެވެ.

ބިދޭސީންނަށް ކުރިއަށް ގެންދިޔަ ދަރުސް ޕްރޮގްރާމެއްގެ ތެރެއިން ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ބެންގާލީ ބަހުން ދަރުސް ދޭނެ ދީނީ އިލްމުވެރިންގެ ޕޫލެއް އެކުލަވާލުމަށް އިސްލާމިކް މިނިސްޓްރީން މާރޗް މަހު އިއުލާނެއް ވެސް ކުރިއެވެ.

އެ އިއުލާނުގައި ބުނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދަރުސްތައް ދިނުމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ބެންގާލީ ބަހުން އެ މަސައްކަތް ކުރެވޭނެ އިލްމުވެރިންގެ ޕޫލެއް އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލަން ބޭނުންވާ ކަމަށެވެ.

ބެންގާލީ ބަހުން ހިންގާ ދީނީ ހޭލުންތެރިކަމުގެ ސެޝަނަކަށް 500ރ. އަދި ދިވެހި ބަހުން ބެންގާލީ ބަހަށް ތަރުޖަމާކުރާ ކޮންމެ ދީނީ ދަރުސަކަށް 1،000ރ. ލިބޭނެ ކަމަށް އިއުލާނުގައި ބުންޏެވެ. މިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، ސުންނީ މުސްލިމަކަށް ވުމާއި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ ޔުނިވާސިޓީއަކުން ދީނީ އިލްމުން މަދުވެގެން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުމުގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު ވެގެން ޝަރުއީ ކޯޓަކުން އެއްވެސް ހުކުމެއް ސާބިތުވެފައި އޮތް މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ ރަސްމީ އަދަދަކީ 90،000 ކަމަށް ހޯމް މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.

ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ "އޮޕަރޭޝަން ކުރަނގި" ވެސް ސަރުކާރުން ވަނީ ފަށާފައެވެ.

ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބިދޭސީންގެ ތެރެއިން ޤަވައިދާ ޚިލާފަށް މަސައްކަތް ކުރަމުން އަންނަ މީހުން ނިޒާމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލީ

    އަޅުގަނޑު ބުނާނީ ވަރަށްރަނގަޅުކަމެކޭ އެކަމަކު އެބަހާއި އިސްލާމްދީނުގެ އިލްމުހުރި ދިވެއްސަކުވެސް ހުންނަޖެހެއޭ ދަރުސްދޭއިރު!

  2. ބޯވަ

    ވަގުތު ފާއިތުނުވަނީސް ތިކަން ރަނގަޅަށް ރެގިއުލޭޓްކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތަކަށް ރޭވުން މުހިންމު.

  3. ޖުނޭ

    ގައުމެއްގެ ގާނޫނާއި ގަވައިދު މުގުރާފައި އެ ގައުމުގައި ގަދަފައިވިދެފައި ގާނޫނާ ހިލާފަށް ތިބުމަކީ ކިހާވަރެއްގެ ކަމެއްކަން ތި ނަސޭހަތުގެ ތެރޭގައި ބުނެދޭން ކެރޭނެބާ؟

  4. ތެދު

    ވަރަށްވެސް ރަނގަޅު ހެޔޮ ކަމެއް. މަސައްކަތްތެރިންގޮތުގަވެސް ދީނީ މީހުން ތިބުމަކީ އިތުބާރުކުމުގެ ފުރުސަތު ބޮޑުވާނެކަމެއް އިންޝާﷲ. އަދި ބިދޭސީންގެ ގައުމުތަކުގަ އުފެދިފާވާ ބިދުއަތަށް ނެތިގެން ދާނެ ކަމެއް.

  5. Anonymous

    ރައިސް ޑރ. މުޢިއްޒު އާއި މިނިސްޓަރ ޑރ. ޝަހީމު އަށް ޝުކުރާއި ތަޢުރީފު ޙައްޤުވާ މުހިންމު ކަމެއް. ޤައުމު ކުރިއަށް ދަނީ މި ވެރިކަމުގައި ވަރަށް ރަނގަޅަށް. ޝުކުރިއްޔާ ރައީސް، ޝުކުރިއްޔާ ވަޒީރު.

  6. ދިވެހިން

    ކަމުދާކަމެއް ނޫން، ބާރުވެރި ކޮށް، ޖޫރިމަނާ މާއަފުކޮށް، ހުރިހާ ކަމެއް އެމީހުންގެ ހިތްހަމަ ޖެހުމަށް. ގަވާއިދަށް ފައްތާ ހަމަ އަކަށް އަޅުވާ 18 ގަޑި ސުންމިނެޓު ފަހުން މަގުމަތީ އުޅުން މަނާކޮށް، ހަރުކަށި ވާންޖެހޭ ވަރުގެ ބައެއް މި މީހުންނަކީ. މުޅި ރާއްޖެ ހަލާކު ކޮށްފި. ވިޔަފާރިތައް ހަލާކު ކޮށްފި، މަނާ ވިޔަފާރިވެސް އެވަރަށް ކުރޭ. ދިވެހިން ހޭލަންވެއްޖެ.