އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާންއާއި ބައްދަލުކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ސަޢުދީ ޚާރިޖީ ވަޒީރާއި ބައްދަލު ކުރައްވާފައިވަނީ މިހާރު ގެމްބިއާގެ ބަންޖުލްގައި ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގެ ޙަވާސާގެ ތެރެއިންނެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ޝަހީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‎އޯއައިސީގެ 15 ވަނަ ސަމިޓްގެ އަރިމަތީގައި ސަޢޫދީގެ ޚާރިޖީ ވަޒީރު ޕްރިސް ފައިސަލް ބިން ފަރުޙާންއާ ބައްދަލުވުމަކީ ލިބުނު އުފަލެއް ކަމަށެވެ. ރައީސް ޑރ މުއިއްޒުގެ ތަޞައްވުރު ޙިއްސާކުރެވުނު ކަމަށާއި ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާމެދު ޚިޔާލު ބަދަލުކުރެވުނު ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އޯ.އައި.ސީގެ މި ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 4 އިން 5 އަށެވެ. ޝަހީމް ގެމްބިއާ އަށް ވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ޚާއްސަ މަންދޫބުގެ ގޮތުގައެވެ.

ގެމްބިއާގެ ވެރިރަށް ބަންޖުލްގައި ކުރިއަށްގެންދާ މި ބައްދަލުވުމުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައީސުލްޖުމުހޫރިއްޔާގެ ޚާއްސަ މަންދޫބުގެ ހައިސިއްޔަތުން ތަޤްރީރު ދެއްވާނެއެވެ.

ޝަހީމް ގެމްބިއާއަށް ފުރާވަޑައިގެންފައިވަނީ ސައުދީގައި އޮތް މުސްލިމް ވޯޑް ލީގުގެ ސުޕްރީމް ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން މަޝްވަރާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިލަމަންޑާ

    ފޮޓޯއެއް ނަގާފަދޯ ފެނިގެން. ބައްދަލުކުރުންބާ މިވެސް

  2. ޖަމްބެ

    ޝަހީމް ތިކުރައްވާ މަސައްކަތް ރަނގަޅު. އެކަމަކު މާކްސް ދޭން އެނގޭނީ ނަތީޖާއަށް ބަލާފަ.

  3. ނަގިލި

    ތިވޭތަ ބައްދަލުކުރުމައް. ސުރުހީ އެޅުން