މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރި މަހުގެ އަދަދު ދަށްވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަސް ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ 14،400 މެޓްރިކްޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއި 48 އިންސައްތައިގެ ދަށްވުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ ފުތަރަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްފައި ވަނީ 27،700 މެޓްރިކްޓަނުގެ މަހެވެ.

އެކްސްޕޯޓް ކުރި މަހުގެ އަދަދު މި އަހަރުުގެ ޖެނުއަރީ މަހުން ފެށިގެން ދިޔައީ ދަށްވަނުންނެވެ. އެގޮތުން ޖެނުއަރީ މަހުގައި 47.7 އިންސައްތައަށް ދަށްވިއެވެ. އަދި މާޗް މަހުގައި އެދަދު 68.4 އިންސައްތައަށް އިތުރަށް ދަށްވެގެން ދިޔައެވެ.

ރާއްޖެއަކީ ބޭރަށް ކަނޑުމަސް އެކްސްޕޯޓްކުރާ ބޮޑެތި މާކެޓްތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެ ވިޔަފާރިން ރާއްޖޭގެ އިގްތިސޯދަށް ބޮޑު އާމްދަނީއެއްވެސް ވަދެއެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަނޑުމަސް އެކްސްޕޯޓްކޮށްގެން ރައްޖެއަށް ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފައެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މަހުގެ އެކްސްޕޯޓަށް މިހާ ބޮޑު ދަށްވުމެއް އައީ 2023 ގެ ފަހު ކޮޅު ސަރުކާރުން މަހުގެ އަގު ބޮޑުކުރުމުން ކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ނުދިނުމުގެ ސަބަބުން ކަމަށެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވެ މަސްވެރިންނަށް ސަރުކާރުން ދަރާފައިވާ ފައިސާ ދަނީ ދެމުންނެވެ. މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދައްކައި ބެކްލޮގް ކްލިއާކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެފައިވެއެވެ.

މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެފުޅެކެވެ. އެ ވައުދު ފުއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.