ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ނުލިބޭކަން އެ އިދާރާ އިން ހާމަކޮށްފިއެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ވަގުތު" އަށް މިރޭ ވިދާޅުވީ އެ އިދާރާ އަށް ޖާބިރުގެ އިސްތިއުފާގެ ސިޓީ އަދި ލިބިފައިނުވާ ކަމަށެވެ.

ޖާބިރު މަޖިލީހުން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވީ މީގެ ދެ ދުވަސް ކުރިންނެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖާބިރު ލިޔުނު ސިޓީ އޭނާ ވަނީ "ވަގުތު"އާ ހިއްސާކޮށްފައެވެ.

އެސިޓީގައި ވިދާޅުވެފައިވަނީ މެއި 28 ވަަނަ ދުވަހު ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕާޓީގެ ކެނޑިޑޭޓުންނަށް ލިބިގެން ދިޔުމަކީ ދިވެހިރާއްޖޭގައި ކުރިއަރަމުން އަންނަ ޑިމޮކްރަސީ ފަހަތަށް ސޮއްސައިލައިގެން ދިޔަ ކަމެއް ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ކަމަށް ދައުވާކުރާ އެމްޑީޕީގެ ޓިކެޓުގައި ޖާބިރު ކާށިދޫ ދާއިރާއަށް ކުރިމަތިލައި ޕްރައިމަރީގައި އޭނާއާ ވާދަކުރި ފަރާތާއި ދެމެދު 102 ވޯޓުގެ ތަފާތުން ޕްރައިމަރީ ކާމިޔާބު ވެފައިވަނިކޮށް ޑިމޮކްރެސީގެ ހަމަތަކާއި ޕާޓީގެ އަސާސީ ގާނޫނާއި ހިލާފަށްް އަދި އިންސާފުގެ ހަމަ ތަކާއި ހިލާފަށް އެތަކެއް ފިޔަވަޅެއް އަޅައި، ޕްރައިމަރީގައި ވާދަވެސް ނުކުރާ ފަރާތަކަށް ޕާޓީގެ ޓިކެޓް ވެދުމަށް އަރުވައިފައި ވުމަކީވެސް ޑިމޮކްރަސީއާއި ހިލާފު ކަމެއް ކަމުގައި ޖާބިރު ވަނީ ވިދާޅުވެފައެވެ.

އޭނާއަކީ ރާއްޖޭގެ އިގްތިސާދުގައި އެތަށް ސަތޭކަ މިލިއަން ޑޮލަރެއް އިންވެސްޓު ކުރާ ވިޔަފާރި ވެރިއެއް ކަަމަށްވެފައި އޭނާ މިހާތަނަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރަމުން އައީ ޅަފަތުގައިވާ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަަކައި މަޖިލީހުގެ ތެރެއިން މަސައްކަތް ހެޔޮ ނިޔަތުގައި ކަމަށްވެސް ޖާބިރު ވަނީ ފާހަގަ ކޮށްފައެވެ.

ޖާބިރު އެސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީއިން އޭނާއާ ދޭތެރޭގައި އަމަލުކޮށްފައިވާ ގޮތުންނާއި އަދި މިއަދުގެ ސަރުކާރަށް ރާއްޖޭގެ ރައްޔިތުންގެ ތާއީދު ސަރުކާރުގެ ކެނޑިޑޭޓުންނަށް އޮތް ކަމަށް ފެންނާތީއާއި އެކު 19 ވަނަ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާބިރު

    ދަނގެތީ ކޯޓުގައި ޖާބިރުގެ މައްސަލައެއް އެބައޮތް...
    އެކަން ނިންމުމަށް އެއްބާރުލިން ދީ ނިނަމާނީ ކޮންއިރަކުން ބާ ޖާބިރު

  2. މުހައްމާ

    ކޮންމެހެން ރާއްޖެގެ އިޤްތިޞާދަށް މިލިއަން ޚަރަދުކުރަނީއޭ ކިޔާފައި ނުޖެހޭ މަޖިލީހަށް ހޮވާކަށް. މީގެންވެސް މިއިނގެނީ ރައްޔިތުންނަށް ހުރި އިޚްލާޞްތެރިކަން. ތިއީ މިހާރު ރައްޔިތުންގެ އިތުބާރު ގެއްލިފައި ހުރިމީހެއް. ތިފަދަ މީހުންނެއް ނުހޮވާނެ. ވަރަށް ސަލާން

  3. އަބްދޫ

    މިހާރު އެންމެ ގިނައިން ވިކޭ އެއްޗަކީ ޕޮޕްކޯން . ވީމާ ޕޮޕްކޯން މެސިނެއް ހޯދައިގެން ޕޮޕްކޯން ވިއްކަން ފެށުމުން ކުރިން ލިބިފައޮތް މަސްހޫރު ނަންފަދަ ރީތި ނަމެއް އަލުން ލިބިދާނެ.