މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއާޕޯޓް އެމަޖެންސީ އެންޑް ރެސިލިއެންސް ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.

ކްރޮސްރޯޑްސްގައި ކުރިއަށްދާ މި ފޯރަމް ފައްޓަވައި ދެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމެވެ.

އެ ފޯރަމްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެފައި ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އޭގެ އިތުރުން އެއާޕޯޓުގެ އެމަޖެންސީގެ ހާލަތުގައި ޝާމިލުވާ ހުރިހާ ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފައި ކަމަށެވެ.

އެ ފޯރަމް ފައްޓަވައި ދެއްވާ ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރު މުއާޒް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ގައުމުގެ އެންމެ މުހިންމު އިމާރާތްތައް ގާއިމު ކުރެވިފައިވާ ތަން ކަމުގައިވާއިރު، އެއާޕޯޓަށް ހާއްސަ ސަލާމަތާއި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅިފައި ހުރުން މުހިންމު ކަމަށެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި އަވަސް އިމަޖެންސީ ރެސްޕޮންސް ކަށަވަކުރުމަށާއި ވލިންވެރިކަން ދެމެހެއްޓުމަށްޓަކައި ސްޓޭކް ހޯލްޑަރުންގެ މެދުގައި ކޯޑިނޭޝަން ވަރަށް މުހިންމުކަން ފާހަގަކުރެވި ކަމަށެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ ވީއައިއޭގެ ފަސިންޖަ ޓްރެފިކް އިތުރުވެ މުޅި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެއާޕޯޓުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާއިރު މި މަޝްރޫއުތަކުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

ކްރޮސްރޯޑްސްގައި ދެ ދުވަހަކުގެ މުއްދަތައް ކުރިއަށްދާ އެ ފޯރަމްގެ މަިއގަނޑު މަގުސަދަކީ ވީއައިއޭގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއި ދިމާވެދާނެ ކުއްލި ހާލަތަކަށް އިޖާބާދިނުމުގައި މިހާރަށްވުރެ ބޮޑަށް ތައްޔާރުވެ އެކަމަށް ހުރިހާ ސްޓޭކް ހޯލްޑަރުން އެކުގައި މަސައްކަތްކުރުން ހަރުދަނާ ކުރުން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެ ފޯރަމްގައި ސެކިއުރިޓީއާއި އެމަޖެންސީ ހާލަތްތަކުގައި އެކި މުއައްސަސާތަކުން އަދާކުރާ ދައުރާބެހޭގޮތުން މައުލޫމާތު ހުށަހަޅާނެ ކަމަށެވެ. އަދި ސެކިއުރިޓީ އެމަޖެންސީ ޓޭބަލްޓޮޕް އެކްސަސައިޒެއް ކުރިއަށް ގެންދާނެ ކަމަށެވެ. މިއީ ހުރިހާ މުއައްސަސާތަައް ގުޅިގެން އަސްލު އެމަޖެންސީ ހާލަތެއްގައި އަމަލު ކުރާގޮތަށް ކުރިއަށްދާ އެކްސަސައިޒެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު