މި ސަރުކާރުގެ ކެބިނެޓުގެ ނިންމުންތައް ފަސޭހައިން ފެންނާނެ ގޮތް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ، ރައީސް އޮފީހުން ރައްޔިތުންނަށާއި މީޑިއާތަކަށް ދޭ މައުލޫމާތު އިތުރަށް ފުޅާކޮށް، ހަރުދަނާކޮށް އަދި ހާމަކަން ބޮޑު ގޮތެއްގައި މައުލުމާތު ގެނެސްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހީނާ ވިދާޅުވީ، ކެބިނެޓުގައި ކޮންމެ ދުވަހަކު ބާއްވާ ބައްދަލުވުންތަކުގައި ނިންމުންތަކާއި ގުޅޭ ގޮތުން މިހާތަނަށް ލިބޭނެ ނިޒާމެއް ނޯންނަ ކަމަށާއި މި ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން އެންމެންނަށް ފެންނާނެ ގޮތް ހަދާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަމަ ލައިވް ކޮށްލާނަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓާ ލިންކު ކުރެވޭ ގޮތަށް، ރައީސް މުއިއްޒުގެ ކެބިނެޓުގެ ކޮންމެ ކެބިނެޓް ބައްދަލުވުމެއްގެ ނިންމުންތައް ނޫސްވެރިންނަށް ފެންނާނެ ގޮތަށް، އެ ނިންމުންތަކާއި ބެހޭ މައުލޫމާތާއި އެކީގަ އެމައުލޫމާތު ލިބޭނެ ނިޒާމެއް އަޅުގަނޑުމެން ގާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނި" ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ކުންފުނިތައް ވެސް ބައިވެރިވާ ގޮތަށް ހިނގާ ހުރިހާ ކަމެއް އެއްތަނަކުން ފެންނާނެ ނިޒާމެއް ވެސް ގާއިމު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވި ގޮތުގައި މި ނިޒާމު ވެސް މި މަސް ނިމޭހާ ހިސާބުގައި ގާއިމު ކުރެވިގެންދާނެއެވެ.

"ހަގީގަތުގައި މި ހުރިހާ ކަންތައްތަކަކީ ނޫސްވެރިންނަށް ވެސް ފަހިކޮށް އަދި ހަމަ އެހެންމެ ފަސޭހައިން މައުލުމާތު ލިބޭނެ ނިޒާމެއް، އަދި ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުން ކުރަމުންދާ ކަންތައްތައް ރައްޔިތުންނާއި އަދި ނޫސްވެރިންނަށް ވެސް ގެނެސްދިނުމުގެ ބޭނުމުގައި ކުރަމުންދާ މަސައްކަތްތަކެއް" ހީނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު